ޖެންޑާ މިނިސްޓްރީން ހިންގަމުން ގެންދާ "އަމާން ވެށި" މަރުކަޒުތަކަށް ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުން 20،000 ޑޮލަރު ހަދިޔާކޮށްފި އެވެ.
ލަކްސް ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއެހީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ ހަވާލުކޮށްދެއްވީ ލަކްސް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާސް އެވެ.
މި އެހީ ބޭނުންކުރަން ޖެންޑާ އިން ނިންމާފައިވަނީ ދައުލަތަށް ނަގާ ކުޑަކުދިން ބަލަހައްޓަން ހަދާފައިވާ "އަމާން ވެށި" މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބިނާކުރުމަށެވެ.
ޖެންޑާ މިނިސްޓްރީން ވަނީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހަތް ސަރަހައްދެއްފައި އަމާން ވެށި ގާއިމުކޮށްފަ އެވެ.
މިފަދަ މަރުކަޒުތަކުގައި ކުދިން ގެންގުޅެނީ ވަކި އަދަދަކަށެވެ. އޭރުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުން ދެވި، ކޮންމެ ކުއްޖެއްގެ ހާލަތު ދެނެގަނެވި ތަރުބިއްޔަތު ކުރަން ފަސޭހަވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.