ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމުގެ މަޝްރޫއުތަކަށް ސަރުކާރުން މުހިންމުކަމެއް ނުދިން: ނަޝީދު

އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތަކަށް އެއްގޮތަކަށްވެސް ސަރުކާރުން މުހިންމު ކަމެއް ނުދޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ތ. ކިނބިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މިއަހަރު ދައުލަތުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 42 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަދަދު ޖަހާފައިވާ ކަމަށެވެ. އެއީ 2008 ވަނަ އަހަރުގެ އާމްދަނީ އަށް ވުރެ 10 ގުނަ އިތުރު އަދަދެއްކަންވެސް ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތަކަށް މިހާރުގެ ސަރުކާރުން އެއްގޮތަކަށްވެސް އިސްކަން ނުދޭ ކަމަށާއި ދައުލަތުގެ އާމްދަނީ އިތުރުވެގެން ދިޔަ އިރު ރައްޔިތުންގެ އާމްދަނީ އިތުރު ނުވާ ކަމަށެވެ.

"ދައުލަތުގެ އާމްދަނީ އިތުރު ވެއްޖެ. ތިބޭފުޅުންގެ އާމްދަނީ ދިހަގުނަ ވެއްޖެތޯ؟ ނުވޭ. އިނގޭ އެ އާމްދަނީ އިތުރެއް ނުވާނެކަން،" ނަޝީދު ވިދާޅުވި އެވެ.

"ދައުލަތް ފުންމައިގެން ހިނގައްޖެ. ރައްޔިތުން ފުންމައިގެނެއް ނުދޭ،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުން ކަމަށެވެ. ތަނަވަސްކަން ގޭގެއަށް ގެނެވި އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތައް ހިންގުން ކަމަށެވެ.

"މަގެއް ހަދައިގެން ނަރުދަމައެއް އަޅައިގެން ބްރިޖެއް އަޅައިގެން އަދި ނެތް ކުއްލިއަކަށް އާމްދަނީ އިތުރުވާކަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއް ރަށާއި އަނެއް ރަށް ގުޅުވާލެވުމުން ރަށްރަށުގެ ވިޔަފާރި ރަނގަޅުކުރެވޭނެ ކަމަށެވެ. ވިޔަފާރި ކުރިއެރުމުން އޭގެ ފައިދާ ބޮޑުވެ އޭގެ ތަނަވަސްކަން މުޅިރަށަށް ފެތުރިގެން ދާނެ ކަމަށާއި މަހުގެ އަގު ދަށްވުމުން ރަށަށް ވަންނަ ފައިސާ މަދުވެ ރަށުގެ އިގްތިސާދު ހީނަރުވެގެން ދާނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މަސްވެރިންގެ ރަށްރަށުގައި މި މައްސަލަ ދިމާވެފައި އޮތީ އިންތިހާއަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ދިޔައިރު އެމްޑީޕީން ސަރުކާރާއެކު އެއްބަސްވީ ސަރުކާރުން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނެ ޕްރޮކްޓްތައް ފާހަގަކުރުމަށް ކަމަށެވެ. އެ ޕްރޮޖެކްޓްތަކަކީ އާމްދަނީ އިތުރުވާނެ މަޝްރޫއުތަކަށް ވާންޖެހޭނެ ކަމަށް އެމްޑީޕީން ބުނި ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެންނަކަށް އެކަންކަން ތަންފީޒެއް ނުކުރެވުނު. އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި އެއްގޮތަކަށްވެސް ސަރުކާރުން މުހިއްމުކަމެއް ނުދިން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާ އެމްޑީޕީގެ ހަގީގީ ސިޔާސަތު ދަމަހައްޓަވާނެ ކަމަށެވެ. އެހެންވެ އެމަނިކުފާނަށް ރައްޔިތުން ވޯޓު ނުދޭންވީ ސަބަބެއް އެއްގޮތަކަށްވެސް ވިސްނިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ވެސް ފޯރިއާ އެކު ހިންގަވަމުންނެވެ.