ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި ވަޒީފާ ދެނީ ކޮމިއުނިސްޓް ގައުމުތަކުގައި އަމަލުކުރާ ގޮތަށް: ނަޝީދު

ސްކޫލު ނިންމާ ކުދިން ފަސް ހާސް ނުވަތަ ނުވަ ހާސް ރުފިޔާގެ މުސާރައަކަށް މަގު ކޮންނަން ޖެއްސީމައި ރަށު ތަރައްގީ ގެއްލޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި ތ. ތިމަރަފުށީގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ސްކޫލު ނިންމާ ކުދިންނަށް މަގު ކޮންނަ ވަޒީފާތަކަށް ދާންޖެހެނީ މަހުގެ އަގު ދައްވުމުން މަހަށް ދިޔުމަށް އެކުދިން ބޭނުން ނުވާތީ ކަމަށެވެ.

"ދެން ވަންނަން މި ޖެހެނީ، ވަންނަނީ، ފުރުސަތެއް ހޯދަނީ ސަރުކާރު ހިއްސާވާ ކުންފުނި ތަކުން. ސަރުކާރު މި އޮންނަނީ އެކަމަށް ފަރިވެގެން. މަހުގެ އަގު ދައްވީމައި އެބަ އެނގޭ ކުދިންތައް ބިކަވެ މާޔޫސްވެ ރަށުތެރޭގައި ގިނަ ވާނެކަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސްކޫލު ނިންމާ ކުދިން ރަށުތެރޭގައި ގިނަވުމުން ފަސް ހާސް ނުވަތަ ނުވަ ހާސް ރުފިޔާއަށް އެކުދިން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވައްދާ ކަމަށެވެ. އަދި އެއަށްފަހު އެކުދިންގެ ބޭނުންތައް ސަރުކާރު ބޭނުންވާ ގޮތަށް އަނބުރަމުން ގެންދާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މިއީ ހީލަތްތެރި ރޭވުމެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. މިގޮތަށް އެންމެ ގިނައިން އަމަލުކުރަނީ ކްމިއުނިސްޓް ގައުމުތަކުން ކަމުގައިވެސް ވިދާޅުވި އެވެ. އެކަހަލަ ގައުމުތަކުގައި ހުރިހާ ރައްޔިތުން ތިބެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކަމަށާއި ސަރުކާރަށް ނުކިޔަމަންތެރިވާނަމަ ދިރިއުޅުން އާރާސްތު ކުރުމުގެ ފުރުސަތު ގެއްލޭ ކަމަށްވެސް ވިދާޅުވި އެވެ.

"އަމިއްލަ ވަންތަކަން އޮންނަނީ ގެއްލިފައި. އުފެއްދުންތެރިކަން އޮންނަނީ ގެއްލިފައި. ތިމާއަށް އަނެއް ދުވަހު، މިއަދު ލިބުނު އެއްޗަކަށްވުރެ އިތުރު އެއްޗެއް ހޯދާކަށް ނުދެވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.