ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ހުރިހާ އުދަގުލަކާއި ދައްޗެއް ކުރިމަތިވީ ބަޖެޓްގެ ދަރަނި ބޮޑުވުމުގެ ސަބަބުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ތ. ވިލުފުއްޓަށް ވަޑައިގެން މިރޭ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ވަގުފްގެ އުސޫލުން މަސައްކަތް ކުރުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން އޮތް އެންމެ ރަނގަޅު އުސޫލު ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެއްގޮތަކަށް ވެސް އެކަން ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އައްޑޫގައި ވާހަކަދައްކަވަމުން ވިދާޅުވި އެ އުސޫލު އެއީ ރަނގަޅު އުސޫލެއް ނޫން ކަމަށް. ކަންކަން ކުރާނީ ބަޖެޓުގެ ތެރެއިން ކަމަށް. ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ ކުރެވޭ ހަރަދު އިންތިހާއަށް ބޮޑު. ދަރަނި އަނބުރާ ދައްކަންޖެހޭ ފައިސާގެ މިންވަރު އެހާ ބޮޑު،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއްފަހަރާ ގިނަ ރައްރަށުގައި އެތައް މަޝްރޫއުތަކެއް ހިންގަން ޖެހުމަކީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ބުރައަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް އެއްވެސް ރޭވުންތެރިކަމެއް ނެތި ސަރުކާރުން މަޝްރޫއުތަކެއް ފަށާފައިވާ ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ.
"މި އިންތިހާބުގެ އަހަރު ތިބޭފުޅުން އެދޭ ކަންކަން ތަންފީޒުވެގެން ދާނެ ކަމަށް އަޅުގަނޑުގެ ހިތެއް ނުބުނޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސްކަމުގައި ވީނަމަވެސް ސަރުކާރުން ކަމެއް ކުރުމުގައި އެމަނިކުފާނުގެ އަރިހުން އެއްވެސް ލަފައެއް ނުހޯދާ ކަމަށެވެ.
"ހިތާމައާ އެކީ ދަންނަވާލަން ޖެހެނީ އަޅުގަނޑު ގާތުގައި މި ސަރުކާރުގެ ފަރާތުން ކަމެއް ކުރުމުގައި އެއްގޮތަކަށްވެސް ލަފާ އެހުމެއް ނޯވޭ. އަދި އަޅުގަނޑު ސަރުކާރު ގާތުގައި ދޭ ލަފައެއް ބަލައިގަތުމަކީ ސަރުކާރު އެއްގޮތަކަށްވެސް ކުރާން އެދޭ ކަމެއްވެސް ނޫން" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ގޭގެއަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުރަން ބުނި ކަންތައް ނުކުރުމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހަށް މިހާރު ވަރަށް ބޮޑަށް ފާހަގަކުރެއްވޭނެ ކަމަށެވެ.
"އަޅުގަނޑުވެސް މި ދަނީ ގޭގެއަށް ވަންނަމުން. މީހުންނާ ބައްދަލުކުރަމުން. އެއްވެސް ގެއެއް ނެތް ޝަކުވާއެއް ނެތް. އަދި ކޮންމެ ޝަކުވާ އަކީވެސް ދޮގު ހަދާކަމުގެ ޝަކުވާ. ކަމެއް ކުރާނެކަމަށް ވައުދުވެ އެކަމެއް ނުކުރާކަމުގެ ޝަކުވާ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެކާމިޔާބީއަށް ފަހު ކްރޮސް ސަބްސިޑީގެ އުސޫލުން ވިލުފުށީގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.
ވިލުފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ސޯލިހުގެ ވެސް ރިޔާސީ ވައުދެކެވެ. އަދި ވިލުފުށި އެއާޕޯޓް އެޅުމަށް ސަރުކާރުން މިހާރު ވަނީ އިންވެސްޓަރަކު ވެސް ހޯދާފައި ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ވެސް ފޯރިއާ އެކު ހިންގަވަމުންނެވެ.