އިމްރާން އަބްދުﷲ

އަހަރެއްތެރޭ ހާހެއްހާ ފުލުހުން އިތުރުކުރެވިއްޖެ: އިމްރާން

ވޭތުވެ ދިޔަ އަހަރު ފުލުހުންގެ ތެރެއަށް ޔުނީފޯމް ފުލުހުންނާއި މަދަނީ މުވައްޒަފުންނާ އެކު ހާހެއްހާ ގާތަށް ފުލުހުން އިތުރުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބައި ނިންމަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ހާހެއްހާ ފުލުހުން ވޭތުވެ ދިޔަ އަހަރު އިތުރުކުރެވިފައި ވުމަކީ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ރައްޔިތުންނަށް ކުރެވިފައިވާ ވަރަށް ބޮޑު ހިދުމަތެކެވެ.

"މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުލުހުން މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވެ 18 އަހަރު ފުރިގެން ދާއިރު ފުލުހުން ތަމްރީނު ކުރާނެ ހާއްސަ މަރުކަޒެއް ގާއިމުވެގެން ދިޔުމަކީ ދިވެހި ފުލުހުން ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.

"ފުލުހުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ބަދަލުވަމުން އަންނަ ހާލަތާ އެއްގޮތަށް ފުލުހުންގެ ހިދުމަތް ދިނުމަށް އެކަށޭނެ ފުލުހުން ތަމްރީނު ކުރާނެ އަމިއްލަ މަރުކަޒެއް ނެތުން،" އިމްރާން ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަރަށް ގިނަ މަސަައްކަތް ތަކެއް ކުރައްވައިގެން ފާއިތުވި އަހަރު ޕޮލިސް ކޮލެޖް ހުޅުވިގެން ދިޔައީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަން އިމްރާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އިމްރާން ވަނީ މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމާ ރައްކާތެރިކަމަށްޓަކައި އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.

އިމްރާން ވިދާޅުވީ 2018 ވަނަ އަހަރު ސަރުކާރާ ހަވާލުވިއިރު ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ފުލުހުންގެ ހިދުމަތް ބިނާކުރުމަށް ސަރުކާރުން އަދާކޮށްދޭންޖެހޭ ވަސީލަތްތަކާ ގާއިމުކުރަންޖެހޭ ކަންކަން އިތުރުވެ ބޮޑުވެފައިވާ ކަމަށެވެ.

"މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ބޭނުންޖެހިފައިވާ މިންވަރާ އަޅާ ބަލާއިރު އެކަށީގެންވާ މިންވަރާ ގާތަށް ވެސް އިންސާނީ ވަސީލަތްތައް ގާއިމުކުރެވިފައެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެކަމުން އަރައިގަތުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ. ރައީސް ސޯލިހްގެ އިރުޝާދާ އެކު ކުރެވިގެން ދިޔަ މަސައްކަތްތަކާއެކު މިއަދު ފުލުހުންގެ ލީޑަޝިޕަށް ހަރުދަނާކަމެއް އައިސްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރައީސްގެ އިރުޝާދާއެކު އަތޮޅުތަކުގައި ޕޮލިސް ޑެސްކުގެ ހިދުމަތް ފަށައި އަތޮޅުތަކުގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިއީ ފުލުހުންގެ މުއައްސަސާއަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެއް." އިމްރާން ވިދާޅުވި އެވެ.

މީގެ ސަބަބުން ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އެތައް ގުނައެއް އިތުރުވެ ފުލުހުންގެ މަސައްކަތުގެ "އެފިޝެންސީ" އިތުރުވެގެން ދާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.