ދައުލަތުގެ އާމްދަނީ ދިހަ ގުނަ އިތުރުކޮށްދިނީ އެމްޑީޕީ އިން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު މ. މުލަކަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޓެކްސްގެ ނިޒާމެއް ދިވެހިރާއްޖޭގައި ތައާރަފްކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި ދައުލަތުގެ އާމްދަނީ އިތުރުވެގެން ދިޔައީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ޓެކްސްގެ ނިޒާމު ގާއިމުކުރުމުން ކަމަށެވެ.
"ދައުލަތުގެ އާމްދަނީ ދިހަ ގުނަ އިތުރުކޮށްދިނީ އިތުރު އެއްވެސް ބައެއް ނޫން ރައްޔިތުންގެ ޑިމަކްރޮޓިކް ޕާޓީގެ މެމްބަރުން. މި ޕާޓީގެ ފަލްސަފާއެއް މި ޕާޓީގެ މެނިފެސްޓޯ ހުށަހެޅުމެއް މި ޕާޓީގެ ސިޔާސަތެއް ޓެކްސްގެ ނިޒާމެއް ދިވެހިރާއްޖެއަށް ތައާރަފްކުރުމަކީ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތައާރަފްކުރެވުނު ޓެކްސްގެ ނިޒާމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރު ވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިތުރުވާ އާމްދަނީ އަކުން ކުރަން ނިންމި ކަމަކީ އެކަނިވެރި މައިންނާއި ޔަތީމު ކުދިންގެ އިތުރުން ނުކުޅެދޭ މީހުންނަށް އެހީތެރިވެދީ ހިލޭ ބޭސްފަރުވާއާއި ކިޔަވާ ކުދިންނަށް ހިލޭ ފޮތް ފަންސުރު ގަލަން ފޯރުކޮށްދިނުން ކަމަށެވެ.
"ޖުމްލަކޮށް ދަންނަވާނަމަ އިޖުތިމާއީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުން ގެންދިޔައީ ރައްޔިތުންގެ އާންމު ހާލާތު ރަނގަޅުކުރުމަށް ކަމަށާއި މިއަދުވެސް އެމްޑީޕީގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރުން ކަމަށެވެ.
"އެމްޑީޕީގެ އަސްލު މެމްބަރުން މި ފަލްސަފާ ރަނގަޅަށް ގަބޫލުކުރާ ބޭފުޅުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އަޅުގަނޑަށް ފެންނަން ފަށައިފި. މި ރިޔާސީ އިންތިހާބަށް އެމީހުން އަމާޒު ހިފައިފި،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މަހުގެ އަގު އުފުލަން އެމްޑީޕީން ވައުދުވި ކަމަށާއި އެކަން ނުވެ އޮތީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ތަންފީޒުކޮށްފައި ނުވާތީ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅިގެން އެމްޑީޕީގެ ސިޔާސަތު ތަންފީޒުކޮށްފައި ނުވާތީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އާއި ރިޔާސީ އިންތިހާބުވެސް އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށާއި އެމްޑީޕީ ފެށި ހަގީގީ ދަތުރު ކުރިއަށް ގެންދާނެ ކަމަށެވެ.
"މި ހިނގަނީ އެމްޑީޕީ ސަރުކާރެއް ނޫން. މީ އިއްތިހާދުގެ ސަރުކާރެއް. މި ސަރުކާރުގައި އަޅުގަނޑުމެންގެ މެނިފެސްޓޯއިން ތަންފީޒުކުރަން މަސައްކަތް ކުރި އެއްކަމެއްވެސް [ނެތް]. މަތީ ތައުލީމާއި މިނިމަމް ވޭޖް ކަނޑައެޅުމާއި އުތުރުގައި ދަތުރުފަތުރުގެ ނިޒާމު ހަމަޖެއްސުން ފިޔަވައި އެނޫން ކަމެއް އެމްޑީޕީގެ މެނިފެސްޓޯގެ ތެރެއިން އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްކޮށްފައެއް ނުވޭ. އެކަން ކުރަން މަސައްކަތް ކޮއްފައެއްވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މުލަކަށް ކުރެއްވި މިދަތުރުފުޅުގައި ވަނީ އެރަށުގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުން ކަންބޮޑުވާ ކަންކަން އޮޅުންފިލުއްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.