ރިޔާސީ އިންތިހާބުގެ މައި މަރުކަޒަށް ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތް އަދި ހަމަނުޖެހޭ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ތާރީހު އިއުލާނު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ މަރުކަޒެއްގެ ގޮތުގައި ކުރިން ބޭނުންކުރަމުންދިޔަ ބާ ޖަމާލުއްދީން ތަޅާލުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ އެ ކޮމިޝަންގެ ހެޑް އޮފީހުގައި ކަމަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތް އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ އިމާރާތް ލިބޭނެ ކަމަށް ޕީއެސްއެމްއިން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި އޮތް ތާރީހަކީ މިއަދު ކަމަށް ހަބީބް ވިދާޅުވި އެވެ.
"އެހެންނަމަވެސް އަދި އޭގެ މާބޮޑު ކުރިއެރުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ." ހަބީބް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް އިއުލާނުކޮށްފައިވާއިރު ހަބީބް ވިދާޅުވީ މަސައްކަތް ކުރާނެ ޖާގައާއި ރަނގަޅު މާހައުލެއް ނެތްނަމަ ރިޔާސީ އިންތިހާބާ ގުޅިގެން މިހާރު ކަނޑައަޅާފައިވާ ތާރީހުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތް މިމަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.
"ފަނަރައޭ ވިދާޅުވެފަ އޮތީ. އެހެންވީމަ މިހާރުވެސް ސިޓީއެއް އައިއްސަ އޮވެދާނެ ކަންނޭނގެ. އަޅުގަނޑުމެން ތަންކޮޅެއް ކުރިން މިކޮޅަށް މި އައީ." ހަބީބް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި ކޮންމެ ސަރުކާރަކުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންސްގެ މަސައްކަތްތައް ރާވާފައި ހުރީ ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތް ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ. އިމާރާތަކީ ބާ ތަނަކަށް ވުމުން އެތަނަށް ވަދެވޭނީ ތަން މަރާމާތުކޮށްގެން ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ އަންނަ މަހުގަ އެތަނަށް ވަދެވޭނެ ކަމަށް. ނުވަދެވޭ ކަމަށް ވަނީނަމަ ކުރިން ދެންނެވިހެން ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން މިހާރު ކަނޑައަޅާފައި ހުރި ތާރީހުތަކަށް ހަމަ ބަދަލު ގެންނަން ޖެހޭނެ" ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ އިންތިހާބަށް މިހާރު ކަނޑައަޅާފައިވާ ތާރީހުތަކަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ ހުރިހާ ސިޔާސީ ޕާޓީތަކާއި ވާދަކުރާ ކެނޑިޑޭޓުންނަށް އުނދަގޫވާނެ ކަމަށެވެ.