އިލެކްޝަންސް ކޮމިޝަން

"އެހެން ގައުމެއްގައި މިހާ އަގުބޮޑު ވޯޓު ކަރުދާހެއް ބޭނުމެއް ނުކުރޭ"

ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާ އަގުބޮޑު ވޯޓު ކަރުދާހެއް ބޭނުން ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ތާރީހު އިއުލާނު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ވޯޓު ކަރުދާހަކީ ވަރަށް ހައި ކޮލިޓީގެ ވޯޓު ކަރުދާހެއް ކަމަށެވެ.

"ވަރަށް ހައި ކޮލިޓީގެ ވޯޓު ކަރުދާހެއް ރާއްޖޭގައި މި ބޭނުން ކުރަނީ، އަޅުގަނޑަށް މިހާތަނަށް ފެނިފައެއްނުވޭ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާ އަގުބޮޑު ވޯޓު ކަރުދާހެއް ބޭނުންކުރާ ތަނެއް." ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އެހާ އަގުބޮޑު ވޯޓު ކަރުދާހެއް ބޭނުންކުރުމަކީ ދައުލަތުގެ ބަޖެޓަށް އަންނަ ވަރަށް ބޮޑު ބުރައެއް ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެންނަކަށް އޭގެ ކޮލިޓީ ދަށެއް ނުކުރެވޭނެ. މިހާރުވެސް ވޯޓުކަރުދާހާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގަ އެހުންނަ ކަންބޮޑުވުންތަކާއެކު ސިޔާސީ ޕާޓީތަކުން ބޭނުންފުޅު ވަނީ ހަމަ މިފެންވަރުގެ ވޯޓު ކަރުދާހެއް ބަހައްޓަން" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓް ކުރާ ފަރާތްތަކާއެކު ވާހަކަ ދައްކައިގެން ކަރުދާހުގެ ކޮލިޓީ ހިފެހެއްޓުމަށް ފަހު ވީވަރަކުން އޭގެ އަގު ކުޑަކޮށްދެވޭތޯ ބަލާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ބޭނުންކުރަނީ ވަރަށް އާދައިގެ ވޯޓު ކަރުދާސް ކަމަށެވެ. ނަމަވެސް ރާއްޖޭގައި 2008 އިން ފެށިގެން ބޭނުންކުރަމުން ދަނީ ސެކިއުރިޓީ ފީޗާސް ގިނަ އަދި އަގު ބޮޑު ވޯޓު ކަރުދާހެއް ކަމަށެވެ. އަދި މިފަހަރުވެސް ބޭނުންކުރާނީ ހަމަ އެ ކޮލިޓީގެ ވޯޓު ކަރުދާހެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކަނޑައެޅި ޝިއާރަކީ "މަގޭ ވިސްނުން - މަގޭ ވޯޓު" އެވެ.