ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 21 ޖެނުއަރީ 2023 އާ ގުޅޭ )

ސިއްރު ފިޔަވަޅުގައި ލައިލީ އައިސް ހުއްޓިލީ ދަރަކް އޮތް ފަޅީގައެވެ. އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ބާއްވާފައި އޮތް ދަރަކްގެ ފޯނު ލައިލީ ނެގިއެވެ.

"ދަރަކްގެ ހުރިހާކަމެއް އެނގުނީމަ... ދެން.... ދެން ވާނީ ކިހިނެއް؟. އަހަންނަށް އެ ހުރިހާކަމެއް ބަލައިގަނެވޭނެތަ؟." ފޯނު ނެގިއިރު ލައިލީގެ ހިތާއި ޟަމީރާ އެ ސުވާލު ކޮށްލެވުނެވެ.

* * * * *

އަސުރުން ފަސްވެފައި ވަނިކޮށް ލައިލީ ހުޅުމާލެއަށް އައެވެ. އޭނާ ޓެކްސީ އިން ފޭބިއިރު ދުވާރުމަތީ ކިރަންއާއި ސިޔާ އެކުގައި ތިއްބެވެ. އެ ދެމީހުން ވެސް ދިރިއުޅެނީ ހުޅުމާލޭގައެވެ. އުޅެނީ އެއް އިމާރާތަކުން އެޕާޓްމެންޓެއް ކުއްޔައް ނަގައިގެންނެވެ. ހުރިހާ އެކުވެރީން ހުޅުމާލެއިން ބައްދަލުވާން ޖެހުނީ ޔޫންގެ ދަޢުވަތަށެވެ. އިދާންގެ މަންމައަށް ހުޅުމާލެ ފްލެޓުން ލިބުނު އެޕާޓްމެންޓު ހަދާ ނިމިގެން އެތަނަށް ޔޫންއާއި އިދާން ބަދަލުވީއެވެ. އެންމެން ވެސް ތިބީ ޔޫންގެ އާ ގެއަށް ޒިޔާރަތްކުރަން ބޭނުންވެފައެވެ. ނަމަވެސް ޔޫން ބަދަލުވެ ހަމަޖެހިގެން ދަޢުވަތު ދޭނަންކަން ބުނެފައި އޮތުމުން އެވަގުތަކަށް ކެތްތެރިވެ ތިބީއެވެ.

"ތިއައީ ދޯ." އެޕާޓްމެންޓުގެ ދޮރު ހުޅުވާލި ހިނދު ދޮރުމަތީ ތިބި އެކުވެރީން ފެނި ޔޫން ބުންޏެވެ.

"އާން. މިތިބީ އާދެވިފަ." ސިޔާ ބުންޏެވެ.

"ނޫރީއާއި ތަސްއަށް އާދެވެން ނެތިގެން ގުޅި. ނޫރީގެ ކުޑަމީހާއަށް ރޯގާގަނޑު ލައްވާލައިގެން އުޅެނީ. މަށަށް ގުޅިއިރު ވެސް އިވޭ ރޯއަޑުފަށްގަނޑު." އެކުވެރީން ގޮވައިގެން ގޭތެރެއަށް ވަދެގެން އައި ޔޫން ވާހަކަދެއްކިއެވެ.

"އަހަރެން ވެސް އަންނަމުން ތަސްއަށް ގުޅިން. ހައްޔާނާ ދެމީހުން އުޅެނީ ދަރި ގޮވައިގެން ވިލިއްގަޔަށްދާން. ކުރީބައިގައި ނުބުނަންޏާ ތަސްއާއި ނޫރީއަކަށް ނާދެވޭނެ." ސޯފާގައި އައިސް އިށީން ކިރަން ބުންޏެވެ.

"އިދާން ނެތްގަނޑިއެއްގައި ދޯ އަހަރެމެންނަށް ވެސް އަނގަތަޅާލަން ތިބެވޭނީ. އޭނާ ނުހުންނާނެކަން އެނގުނީ މެންދުރުވާން އުޅެނިކޮށް. އެހެންވެ ކުއްލިއަކަށް ޕްލޭން ހަދަން ޖެހުނީ. މިވެސް ކުރަން ޖެހިފައި އޮތް ކަމެއްނު." ޔޫން ހީނލިއެވެ.

"އާގެއަކަށް ބަދަލުވީތީ ޔޫނަށް ގެނައި ހަދިޔާއެއް މީ." ލައިލީގެ އަތުގައި އޮތް ބޮޑު ކޮތަޅު ދިއްކޮށްލަމުން ބުންޏެވެ.

"އަހަރެން ހީކުރީ މީނަ ކާއެއްޗެއް ހިފައިގެން އައީއޭ." ސިޔާ އިނދެފައި ބުންޏެވެ.

"އަޅޭ! އެއްޗެއް ނުގައިނަމަވެސް ރަނގަޅުވީހޭ. ތިމީހުންނަށް ސައި ހަދައިގެން މިހުންނަނީ." ލައިލީގެ ކޮތަޅުގައި ޔޫން ހިފިއެވެ.

"މީނަ ގިފްޓެއް ހިފައިގެން އަންނަ ވާހަކަ ނުވެސް ބުނޭ." ކިރަން ޝަކުވާކޮށްލިއެވެ. ލައިލީ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.
ލިބުނު ފުރުޞަތުގައި ސިޔާ ގޭތެރޭގެ އެކިދިމާ ބެލުމުގައި އުޅެއެވެ. އޭނާއާ ލައިލީއާއި ކިރަން ބައިވެރިވިއެވެ. ކޮޓަރިތަކަށް ދަންދެން އެމީހުން ބަލާފައި އައިސް ކާމޭޒުދޮށުގައި އިށީނެވެ.

"އެއްކޮށް ލާރިދައްކާފަތަ ބަދަލުވީ." ކިރަން އަހާލިއެވެ.

"ނޫން. އިދޫ މަންމަ ބުނީ އަހަރެމެން ލާރި ދައްކައިގެން މިތަނުގައި އުޅޭށޯ. އެމީހުން މިކޮޅަށް ބަދަލުވާކަށް ބޭނުމެއްނުވޭ. އެ ގޭގަ އަހަރެމެން އުޅުނު ފުލޯ ކުއްޔަށް ދިނީ. އޭރުން އަހަރެމެންނަށް ވެސް އެއްޗެއް ލިބޭނެއެއްނު. އެހެންނޫނަސް ވަކިން އުޅެން އިދާން ވެސް ވިސްނާފަހުރީ. މިހާރު ކިހާ ބޮލަށް ފަސޭހަ." ޔޫން ބުންޏެވެ.

"އިދާންއަށް ވިސްނޭ. އޭނާއަށް އެނގޭ އަނބިމީހާ އުފާކޮށްދޭން. ވަރަށް ސަޅި މިތަން ހަދާފައި ހުރި ގޮތް." ކިރަން ބުންޏެވެ.

"ޖުނޭގެ ނުހުރޭ ދޯ މިކަހަލަ ވިސްނުމެއް." ސިޔާ ބުންޏެވެ.

"ޖުނައިދުގެ ވާހަކަ ނުދައްކާ. މިހާރު އަހަރެމެންގެ ނެތް އެއްވެސް ގުޅުމެއް." ކިރަންގެ މިޒާޖަށް ބަދަލު އައެވެ. އެންމެންގެ ސަމާލުކަން ކިރަންއަށް ހުއްޓުނެވެ.

"ސީރިއަސްކޮށް ރުޅިވީތަ؟. ރަނގަޅު. އެހެންނޫނަސް އޭނާގެ އެއްވެސް ހަރުދަނާގޮތެއް ނުހުރޭ." ޔޫންއަށް ބުނެވުނެވެ.

"އޭނާ އަހަންނާއެކީ އުޅެމުން އެހެންކަމެއް ކުރަމުން ދިޔައީ. މިހާރު މިހުރީ ވިސްނިފަ... މިފަހަރު މަޢާފެއް ނުކުރާނަން." ކިރަން ބުންޏެވެ.

"ރަނގަޅު. އަމިއްލަ ނަފްސުގެ އަގެއް އޮންނަންވާނެ." ޔޫން ބުންޏެވެ.

"އިތުރަށް ޖުނޭއާ ކުރިމަތިލާކަށް ވެސް ބޭނުމެއްނޫން." ފޫހިވެފައި އިނދެ ކިރަން ބުންޏެވެ.

"ޖުނޭ އެއްޗެކޭ ބުނީތަ؟." ލައިލީއަށް އަހާލެވުނެވެ.

"އަހަންނަށް ހުރިހާކަމެއް އެނގިގެން ފަޅާއަރުވާލީ. އެ އަންހެން މީހާގެ ކުރިމައްޗަށް ވެސް ދިޔައިން. އެނގޭތަ ޖުނޭ ބުނީ ކީކޭކަން... އެ އަންހެނާގެ ކުށެއްނެތޯ. އޭނާއާ ދިމާކުރަން ނޫޅޭށޯ." ކިރަންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ.

"އެކަމަކުވާ." ލައިލީއަށް ބުނެވުނެވެ.

"ބަލަ އޭނާއާއަކަށް ނޭނގުނު އޭރުވެސް އޭނާ މިއުޅެނީ މަގޭ ތައްޕާހުގަކަމެއް. އޭނާ ގޮސް އެހެން މީހުންނަށް އެ ޚަރަދު ކުރަނީ މަގޭ ލާރިކަމެއް... އަދި ބުންޏޭ. އޭނާ އަހަރެންދެކެ ލޯބިނުވަނީކީނޫނޯ. ވަރަށް ނިކަމެތި އަންހެންކުއްޖެކޯ އެއީ، އެހެންވެ އޭނާއަށް ހެލްޕްވާން ބޭނުންވީއޯ." ކިރަން ކިޔާދިނެވެ.

"އައްޗީޑި! ހުވާތަ!." ޔޫން ބުންޏެވެ.

"އާން! އެ އަންހެން ގޮލާ ވެސް ދެ ލޮލުން ފަރުބަދަ ވަރުގެ ކަރުނަ ބާލަން ފެށީ. ބުނަނީ ޖުނޭއާ ނުލާ އޭނާއަކަށް ނޫޅެވޭނެއޯ. އަރައިގަތް ރުޅީގަ ގެއަށް އައިގޮތަށް ޖުނޭގެ ހުރިހާ އެއްޗެއް ފޮށްޓަށް އަޅައިގެން ގެންގޮސް އެ އަންހެނާ އުޅޭ އެޕާޓްމެންޓު ދޮށުގައި ބެހެއްޓީ." ކިރަން ބުންޏެވެ.

"ޖުނޭ އެ އަންހެން މީހާއާއެކީތަ މިހާރު ދިރިއުޅެނީ." ލައިލީ އަހާލިއެވެ.

"ނޭނގެ. ހަފްތާއެއް މިވީ އޭގެ ފަހުން. އަހަރެން ނުވެސް ބަލަން. ޖުނޭ ގުޅާފަ ކީ އޭނާ ގެންދަންދެން ބަހައްޓާލަދިން ނަމަޔޭ އެއްޗެހިތައް. އެ އަންހެންމީހާ އުޅެނީ ކުޑަކުޑަ ތަންކޮޅެއްގައޭ. އޭނާގެ ބޭކާރު ވާހަކަ އަޑު ނާހަން ފަހުން ކޯލެއް ނުނަގަން. ތަޅުދަނޑު ދޭން ބުނެބުނެ ނުދިނީމަ އެޕާޓްމެންޓުގެ ތަޅު ވެސް ބަދަލުކޮށްލައިފިން. މިހާރު ދެން ނިކަން އަރާމުކޮށް އުޅެވޭނެއެއްނު އޭނާއަށް." ކިރަން ބުންޏެވެ.

"ލައިލީ ހާސްވާކަށް ނުޖެހޭނެއެއްނު. ދަރަކް ނުވާނެ ބޭވަފާތެރިއެއް. އެއީ އަހަރެމެންގެ ތެރޭގައި ހުރި އެންމެ ނައިސް މީހާ." ސައިޖޯޑު ތިރިކޮށްލާފައި ސިޔާ ބުންޏެވެ. ނަމަވެސް ލައިލީ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އެކުވެރިޔާގެ ހިމޭންކަން ދެންތިބި މީހުންނަށް ފާހަގަވިއެވެ. ލައިލީގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން އެމީހުން ދުށްޓެވެ. ކިހިނެއްތޯވީ ޔޫން ސުވާލު ކޮށްލިއެވެ.

"އެނގޭތަ... ދަރަކް ފޯނުގެ ޕާސްކޯޑު ބަދަލުކޮށްފި. އަހަރެމެން ދެ މީހުންގެ ފޯނުގައި ވެސް ޖަހައިގެން އުޅެނީ އެއް ޕާސްކޯޑެއް. އެކަމަކު ރޭގައި އަހަރެން ދަރަކްގެ ފޯނު ބަލާލިއިރު އިނީ ބަދަލުކޮށްފައި. އެހެންވެ އަހަންނަކަށް އޭނާގެ ފޯނެއް ނުހުޅުވުނު." ލައިލީ ވާހަކަދެއްކީ އެކުވެރީންނާ ނަޒަރު ސީދާކޮށްލަން ނުކެރި އިނދެއެވެ.

"ކުއްލިއަކަށް ކީއްވެބާ ބަދަލުކުރީ. ތީ ސުވާލު އުފެދޭ ކަމެއް." ސިޔާ ބުނެލިއެވެ.

"ދަރަކްއަކީ ވަރަށް އޯޕަން މީހެއްކަމަށް އަހަރެން ހީކޮށްގެން ހުރީ." ޔޫން ބުންޏެވެ.

"ފޯނު ނުބެލެންޏާ އެހެން ގޮތްގޮތް ވެސް އޮންނާނެ." ކިރަން ބުންޏެވެ.

"ކޮން އެހެން ގޮތެއް؟." ލައިލީއަށް އަހާލެވުނެވެ.

"ސޯޝަލްމީޑިއާ." ހިނިއައިސްފަ އިނދެ ކިރަން ދެބުމަ އަރުވާލިއެވެ.

"އެކަމަކު ދަރަކް ވަރަށް ނުވަންނާނެ. އެހާ އަޕްޑޭޓެއް ވެސް ނުވާނެ." ލައިލީއަށް ބުނެވުނެވެ.

"އެހެންވިޔަސް ބަލާލުމަކުން ގެއްލުމެއްނެތެއްނު. ފަހަރެއްގައި އަހަރެމެން ހީނުކުރާ ކަމެއް ފެނިދާނެ." ކިރަން މިހެން ބުނެ ފޯނު ނެގިއެވެ. އޭނާ ފޭސްބުކްއަށް ވަނެއެވެ. އެއިން އެއްވެސް މީހަކާ ދަރަކް ރައްޓެއްސެއްނޫނެވެ. އެހެންވެ ދަރަކްގެ އެކައުންޓް ބެލޭ ގޮތެއް ނުވިއެވެ. ކިރަން އެދުނީ ލައިލީގެ ފޯނު ދިނުމަށެވެ. އެއަށްފަހު ލައިލީގެ ފޯނުން ދަރަކްގެ އެކައުންޓު ބެލިއެވެ.

"އަހަރެން ބުނީމެންނު އަޕްޑޭޓެއްނުވެޔޭ. އެއީ އޭނާ ނަމެއްގައި ހުޅުވާފައި އިންނަ އެކައުންޓެއް." ލައިލީ ބުނެލިއެވެ. އެވަރުން ކިރަން ދުލެއް ނުދިނެވެ. އިންސްޓަގްރާމް ބަލަން ފެށިއެވެ.

"އޭނައަށް ފޮލޯކުރާ މީހުން ލައި ބަލަންތަ؟." ކިރަން އަހާލިއެވެ. އެއާއެކު ލައިލީ ނިކަން އަވަހަށް ނޫނެކޭ ބުންޏެވެ.

"އަފްރާހު އެއީ ކާކު؟ އަފްރާހާއި ދަރަކްގެ މިއުޗުއަލް ފްރެންޑެއް މީނީ." ކިރަން ބުންޏެވެ.

"އެއީ ދަރަކްއާއެކީ އެއް އޮފީހެއްގައި އުޅޭ މީހެއް." ސިޔާ ބުންޏެވެ.

"ސިޔާ ދަންނަންތަ އޭނަ؟." ޔޫން އަހާލިއެވެ.

"އެހެންބުނީމަ މި ހަނދާންވީ. އަހަންނާއި ދަރަކް އެކަކުއަނެކަކަށް ފުރަތަމަ ފެނުނީ ސިޔާއާ ހެދިގެން. އޭރު ވެސް އަފްރާހުއާއި ދަރަކް މަސައްކަތް ކުރަނީ އެއްކޮށް. އޭރު ސިޔާމެންގެ ކޮމްޕެނީ ހުރީ އެ އޮފީސް ކައިރީ ދޯ." ލައިލީ ބުންޏެވެ.

"އާން. އަފްރާހުމެން ބޭއްވި އެއްޗެއް އެއީ. ސިންގަލް ބިޓުންކޮޅެއް ގޮވައިގެން އަންނާށޭ ބުނީމަ ދިޔައީ. ކިހިނެއް އެރޭ މަތިން ހަނދާންނެތޭނީ." ޚިޔާލަކަށް ގެއްލި އިނދެ ސިޔާ ވާހަކަދެއްކިއެވެ.

"ޕްރިޓީ ސަމާރާ... އެ ނަން ދަންނަންތަ؟. އަފްރާހުއާއި ދަރަކް ވެސް އޭނާއަށް ފޮލޯކޮށްފަ އިނީ." ކިރަން އަހާލުމާއެކު އެންމެން އެ ފޯނަށް ބަލަން ފެށިއެވެ.

"ނޭނގެ." ލައިލީއަށް ހިންދިރުވާލެވުނެވެ.

"އެހެންވީމަ މީ ދޯ ސަމައިރާއަކީ. ދަރަކް އަހަންނަށް ބޭވަފާތެރިވަނީތަ؟. ނޫން. އެހެން ނިންމަން އަދި އަވަސް. އެކަމަކު މިހާރު ސަމައިރާއަކީ ކާކުކަން އެނގިއްޖެ. އަބަދު ހިތަށް އަރަމުން އައީ ކިހިނެއްބާއޭ ސަމައިރާ ހުންނަނީ. މި ފޮޓޯތަކުން އޭނާގެ ރީތިކަން މިހުރީ ފެންނަން. އަހަންނަށްވުރެ އުމުރުން ވެސް ކުޑަ. މާ ޒުވާން. މާ އަންހެން ވަންތަ... އެހެރަ ދެ ތުންފަތް ވެސް ނިކަން ދެކެބަލަ. ފިރިހެނަކު ލޯބިން ބޮސްދޭން ބޭނުންވާ ކަހަލަ ބޮޑު ދެ ތުންފަތް. މި އެންހެނާ... މީނާއާ ދަރަކް..." ލައިލީގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައި ވިއެވެ.

"ކިރަން ވަންނަންވީ ޕޮލިހަށް. ތަހުގީގީ ޕޮލިހަކަށް. ޖާސޫސް ކުރަން ވަރަށް ކުޅަދާނަވާނެ. އޭރުން ހައްލުނުވާ ކޭސްއެއް ނޯންނާނެ." ޔޫން މަޖަލަކަށް ބުނެލިއެވެ.

"ލައިއަށް އެނގޭތަ. ޗީޓުކޮށްގެން ހަޤީޤަތް ފަޅާއަރާއިރު ގިނަ ފަހަރު ރައްޓެހިވެގެން އުޅޭނީ އެކުގައި މަސައްކަތް ކުރާތަނުން މީހަކާ. ސީދާ އޭނާގެ އެއްޗަކުން ޝައްކުކުރެވޭ ކަމެއް ނުފެނިއްޖެއްޔާ ދެން ބަލަންވާނީ އޭނާއާ ގުޅިފައި ހުރި ލިންކުތައް. އެކުވެރީންނަކީ ކޮންބައެއްތޯ. އަދި އޭނާ ކުރީން ނުކުރާ އާކަމަކަށް މިހާރު ކުރަނީ ކޮންކަމެއްތޯ." ކިރަން ވާހަކަދެއްކިއެވެ.

"މީނައަށް ޖުނޭގެ ކަންތައް ވެސް އެނގުނީ ސޯޝަލްމީޑިއާ އެއްކޮޅުން އަނެކޮޅަށް ޖަހާލައިގެން ވިއްޔާ. އެހެންވީމަ އެހެން މީހުން ކައިރީ ވެސް ބުނާނީ އެހެން ހަދާކަށްނު." ސިޔާ ބުނެލިއެވެ.

"ޝަޓަޕް ސިޔާ." ކިރަން ބުންޏެވެ.

"އަހަންނަށް ވުރެ ދަރަކްއަށް މި އަންހެނާ މުހިންމުވީތަ. އެރޭ ދަރަކްގެ އިންތިޒާރުގައި އަހަރެން ބައިންދާފައި މުޅި ރޭ އުޅުނީ އޭނާއާއެކީތަ؟. އަހަރެންގެ ހިތުގައި ޖައްސާފައި ދަރަކް ގޮސް އެހެން އަންހެނަކު އުފާކޮށްދިނުމުގައިތަ އުޅުނީ. އެނބުރި އައިސް އަހަންނާ ކުރިމަތިލީ އަހަރެންގެ ދަރަކް ފަދައިން. ކާކު ހީކުރާނީ ތި ހިތްހެޔޮ ހިނިތުންވުމުގެ ފަހަތުގައި ހުރީ ބޭވަފާތެރިއެކޭ." ލައިލީގެ ހިތަށް ކުރަމުން ދިޔަ އަސަރު ނުފޮރުވުނެވެ. އޭނާއަށް ރޮވުނީއެވެ. ހުރިހާ އެކުވެރީން ނިކަން އަވަހަށް ލައިލީގެ ގާތަށް ޖެހިލިއެވެ. ލައިލީގެ ފުށުން އެފަދަ މަންޒަރެއް ފެނިދާނޭކަން އެއިން އެއްވެސް އެކުވެރިޔަކު ހިޔެއްނުކުރެއެވެ. އެންމެން ވެސް ކަންބޮޑުވީއެވެ.

"ލައި... ނުރޮއެ. ދަރަކްއަކީ އެކަހަލަ މީހެއްނޫން. އޭނާ ލައިއަށް ޗީޓެއް ނުކުރާނެ." ލައިލީގެ ދެއަތުގައި ހިފާލުމާއެކު ޔޫން ބުންޏެވެ. ލައިލީގެ ކޮނޑުގައި ހިފާލުމާއެކު ކިރަން އެކުވެރިޔާގެ ގައިގާ ބައްދާލައިފިއެވެ.

"ލައި ތިހާ ދެރަވާއިރު އަހަންނަށް ފެންނަނީ ތިކަން ހުއްޓާލަން." ލައިލީ ރުއިން ހުއްޓާލުމުން ޔޫން ބުންޏެވެ.

"ރިއަލީ... އެކަމަކު އަހަރެންނަމަ ޝައްކުކުރެވޭއިރު ނުބަލައެއް ނުހުންނާނަން." ކިރަން ބުނެލިއެވެ.

"ކިރަންތީ ތަފާތު މީހެއްކަން އެނގޭ. އަހަރެންގެ ޚިޔާލު މިބުނީ. ލައިލީއާ ދުރަށްދާން ދަރަކް މަސައްކަތް ނުކުރަންޏާ އެންމެ ރަނގަޅުވާނީ ދެ މީހުން އެކުގައި އުޅުން." ޔޫން ބުންޏެވެ. އެހިނދު ސިޔާ ވާހަކަދެއްކިއެވެ.

"އެކަމަކު އެއީ ހައްލެއްނޫން. ލައިލީ އަޅާނުލިޔަސް ދަރަކް އޭނާ ދޫކޮށްލަން ވިސްނާފަ އޮވެދާނެ." ސިޔާ ބުންޏެވެ.

"ސިޔާ... ލައިގެ އިޙްސާސްތަކާމެދު ނިކަން ވިސްނާލަބަލަ. ލައި ދަރަކްދެކެ ނުލާހިކު ލޯބިވޭ. ދަރަކް ގޯހީއެއްވެސް ނޫން. އޭނާ ލައިއަށް އަދިވެސް ކެއާ ކުރޭ." ޔޫންއަށް ކިރަންއާއި ސިޔާގެ ވާހަކަ ހުރި ގޮތް ކަމަކު ނުދެއެވެ.

"އަހަރެންނަމަ ދަރަކް ކައިރިން ވަރިވާނަން. ނުހުންނާނަން އޭނާ ހެދިހާ ގޮތެއް ހެދިގެން ކުޑަވެފައެއް. އެހެން ހުރުމަކުން ވާނެ ފައިދާއެއް ވެސް ނެތް. ބޭކާރުވެގެން ދާނީ ހަޔާތުން ދުވަސްތަކެއް." ސިޔާ ބުންޏެވެ.

"ލައިއަކީ މީހެއްގެ އަނތްބެއް. ކައިވެންޏަކީ ތިބުނާހާ ފަސޭހައިން ރޫޅާލަންވާނެ ގުޅުމެއްނޫން. ދެމަފިރިއަކަށް ދުރުވާކަށް ފަސޭހައެއް ވެސް ނުވާނެ. އަނެއްކޮޅުން ވަރިއަކީ އެންމެފަހުގެ ނިންމުން." ޔޫން ބުންޏެވެ.

"ރާއްޖޭގަ އެންމެ ގިނަ އެއްކަންތައް އެއީ. މިހާރު އެއީ އާންމުކަމެއް. ކިތައް މީހުން ވަރިވެފައި އަލުން އެހެން މީހުންނާ ކައިވެނި ކުރަނީ ވެސް. ލައި އަދި މާފަސޭހަވާނެއެއްނު. ދަރިއަކުވެސް ނެތް. އެހެންވީމަ ވިސްނަންޖެހޭ ކަމެއް ނޯންނާނެ." ސިޔާ ބުންޏެވެ. އެއާއެކު ތަންކޮޅެއް ހަރުކޮށް ދެން ހުއްޓާލާށޭ ޔޫން ބުނެލިއެވެ.

"އަހަރެން އިސްވެ ދަރަކްއާ ވަކިވެއްޖެނަމަ އެ އަންހެނާއަށް އެ ލިބުނީ ފުރުޞަތެއް. ދަރަކް ވެސް އޭރުން ލަހެއްނުކޮށް އަންހެނާ ހަޔާތަށް ގެންނާނެ. އަހަރެންގެ ހުރިހާ އެއްޗެއް އަންހެނާގެ އެއްޗިއްސަވާން ދޫކޮށްލަންވީތަ؟." އެކުވެރީންގެ ވާހަކަތަކުން ލައިލީގެ ޚިޔާލުގައި މުސްތަޤްބަލް ކުރެހުނު ކަހަލައެވެ.

"ނޫން... އަހަރެން ދަރަކްއާ ވަތްކެއްނުވާނަން." ކުއްލިއަކަށް ލައިލީ ބުނެލިއެވެ. އޭނާގެ ވިސްނުން އާމިސްރާބެއް ޚިޔާރު ކުރި ފަދައެވެ. ދަރަކްއާއި އޭނާގެ ދިރިއުޅުމުގެ ބިންގަލުން ފެށިގެން ކޮންމެ ގަލެއް އަޅަމުން އައީ ދެމީހުން އެކީގައެވެ. ވީއިރު އޭނާގެ ހަޔާތުގެ އިމާރާތް ކުއްލިއަކަށް ފާޅުވި މީހަކު ފުނޑުފުނޑުކޮށްލާނޭ ފުރުޞަތެއް ލައިލީ ނުދޭނެއެވެ. އޭނާގެ މިލްކެއް އެހެން މީހަކު ވަގަށްނެގިޔަކަ ނުދޭނެއެވެ. އަދި އެމީހަކަށް ދުވަހަކުވެސް ލައިލީ މަޢާފެއް ނުކުރާނެއެވެ.

"އެކަހަލަ ކަމެއް ދަރަކް ކުރާނަމަ އަހަރެން އެ ދެމެދަށް ނުވަދެއެއް ނުހުންނާނަން. ދުރުވާން ޖެހޭނީ އަހަރެމެންގެ ދެމެދަށް ވަން މީހަކު." ލައިލީ ބުންޏެވެ.

(ނުނިމޭ)