ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ރައްދު: ނިމިއްޖެ ނިމިއްޖެ، ނިމުނު ކަންކަމުގެ ލިސްޓް މާދިގު

ހުޅުމީދޫގައި ފަށާފައިވާ ގިނަ މަޝްރޫއުތައް ނިމިފައިވާ ކަމަށާއި ނިމިފައިވާ ކަންކަމުގެ ވާހަކަ ދައްކާވެސް ނުނިމޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އައްޑު އަތޮޅު ހުޅުމީދޫގެ އެމްޑީޕީ މެންބަރުންނާ މިއަދު ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ހަމައެކަނި އައްޑޫއަށް ބެލި ނަމަވެސް ފެންނަނީ ގިނަ ކަންކަން ނިމިފައިވާ މަންޒަރު ކަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ވަނީ ސަރުކާރުގެ ކަންކަން ހިނގާ ގޮތާ މެދު ފާޑު ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަނީ "އަންނަނީ، އަންނަނީ" ޝިއާރުގެ ދަށުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ހުޅުމީދޫގެ ބޮޑު މަގާއި ޓޫރިޒަމް ޒޯނާއި ބަނދަރުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑާއި ގޮނޑުދޮށް ހިމާޔަތް ކުރުން ނިމިފައިވާ ކަމަށެވެ. އަދި ބިން ހިއްކުން ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ޓެންޑަ ކުރެވިފައިވާ ކަމަށެވެ.

"ދެން އެހެން ގޮސް ނިމިއްޖެ ނިމިއްޖެ ކިޔަން ވެއްޖިއްޔާ އަޅުގަނޑަށް މިތާ ހުރެ ދިގު ލިސްޓެއް ކިއިދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފޯމިއުލާއެއް އެބައޮތް ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.