ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގަންނަވައިފި

Jan 15, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގަންނަވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އައްޑޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ސޯލިހު މާލެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގެ އެވެ.

ރައީސްގެ ދަތުރުފުޅުގައި އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާފައިވެ އެވެ.

ރައީސް ސޯލިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައި މިވަނީ ރައީސްގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރާ އެކު މާދަމާ ރަސްމީ މަޝްވަރާތައް ފެއްޓެވުމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކި ރަށްތަކަށް ދަތުރު ކުރައްވަމުން ގެންދަވާ އިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ގަ އެވެ.

މީގެ އިތުރުން އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ރިޔާސީ އިންތިހާބު އޮންނާނެ ތާރީހުވެސް އިއުލާން ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.