ޓޫރިޒަމް

ދެ ހަފުތާއިން 75،000 ފަތުރުވެރިން

މިއަހަރުގެ ފުރަތަމަ ދެ ހަފުތާގައި 75،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 75،485 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 20.8 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރީ 62،504 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެގައުމުން 12،780 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 16.9 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިޓަލީ އިންނެވެ. އިޓަލީއިން 8،624 ފަތުރުވެރިން ޒިޔާރަތްކުރިއިރު ތިންވަނައިގައި އޮތް އިންޑިއާއިން 6،996 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

އިނގިރޭސިވިލާތުން 4،436 ފަތުރުވެރިން އައިސްފައިވާއިރު ޖަރުމަނުން 3،727 ފަތުރުވެރިން އައިސްފައިވެ އެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އެމެރިކާ، ފްރާންސް، ކަޒަކިސްތާންގެ އިތުރުން އޮސްޓްރޭލިއާ އަދި ސްވިޓްޒަލޭންޑް އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިހާރު 21 ގައުމަކުން ސީދާ ދަތުރުތައް ރާއްޖެއަށް ކުރެއެވެ. އަދި 30އަށްވުރެ ގިނަ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަ އެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1،207 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 168 ރިސޯޓާއި 869 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީ އާއި 13 ހޮޓާ ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 59،608 އެނދު އޮޕަރޭޓްކުރެ އެވެ.