ހޮލީވުޑް

100 މިލިއަން ޑޮލަރު ވާރުތައިން ލިބުނު ލީސާ މަރުވިއިރު އޮތީ ދަރާފައި

މަޝްހޫރު ލަވަކިޔުންތެރިޔާ އެލްވިސް ޕްރިސްލީގެ ހުރި ހަމައެކަނި ދަރިފުޅު ލީސާ މާރީ ޕްރިސްލީ ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ވަރަށް ކުއްލި ގޮތަކަށް މަރުވެފައެވެ. އުމުރުން 54 އަހަރުގައި ލީސާ މަރުވީ ހިތް ހުއްޓިގެންނެވެ.

ލީސާގެ ބައްޕަ އެލްވިސް ޕްރިސްލީ އުމުރުން 42 އަހަރުގައި 1977ގައި މަރުވުމުން އޭނާގެ މިލްކިއްޔާތުގައިވާ ފަސް މިލިއަން ޑޮލަރު ލީސާ އަށް ވާރުތައިން ލިބުނެވެ. އަދި ގްރޭސްލޭންޑް ކިޔާ ބޮޑު ގަނޑުވަރެއް ފަދަ ބިނާއެއް ލީސާއަށް ވާރުތަވި އެވެ. އެލްވިސް މަރުވިއިރު ލީސާގެ މަންމަ ޕްރިސްލާ ހުރީ އެލްވިސް ކައިރިން ވަރިވެގެންނެވެ.

ގްރޭސްލޭންޑް އަކީ ޓޫރިސްޓުން ބަލަން އަންނަ ތަނަކަށް ހަދައިގެން ޕްރިސްލާ ވަނީ ވަރަށް ބޮޑު ޕްރޮފިޓެއް ހޯދާ އެލްވިސްގެ ފަސް މިލިއަން ޑޮލަރު 100 މިލިއަން ޑޮލަރަށް އިތުރުކޮށްދީ ލީސާ އަށް ވަރަށް ރަނގަޅު ފައިދާއެއް ހޯދަދީފަ އެވެ.

އެލްވިސްގެ ވަސިއްޔަތުގައިވާ ގޮތުން ލީސާ އަށް އޭނާގެ މިލްކިއްޔާތުގެ ބޭނުން ހިފޭނީ އުމުރުން 25 އަހަރުވީމަ އެވެ. އެގޮތުގެ މަތިން 1993 ގައި ލީސާ އަށް 25 އަހަރު ފުރުމުން އެލްވިސްގެ މިލްކިއްޔާތު އޭނާއަށް ލިބުނެވެ. އޭރު ލީސާގެ މަންމަ ޕްރިސްލާގެ ބުރަ މަސައްކަތުން ފަސް މިލިއަން ޑޮލަރު ވަނީ 100 މިލިއަން ޑޮލަރަށް އިތުރުކޮށްދީފަ އެވެ.

ލީސާގެ ހުރިހާ ނާކާމިޔާބީއެއްގެ ފެށުމަކީ 2003ގައި ބެރީ ސައިގަލް ކިޔާ މީހެއް އޭނާގެ މެނޭޖަރަކަށް އައްޔަން ކުރުމެވެ. އަދި މިއުޒިކަލް ކެރިއަރެއް ބިނާކުރަން ގިނަ އަދަދަކަށް ފައިސާ ޚަރަދު ކުރުމެވެ.

ސައިގަލްއަކީ ޕްރޮވިޑެންޓް ފައިނެންޝަލް މެނޭޖްމަންޓް ކިޔާ މެނޭޖްމަންޓް ކުންފުންޏެއްގެ ސީނިއާ މެނެޖިން ޑައިރެކްޓަރެވެ. އަދި ހޮލީވުޑް ވަރަށް ގިނަ ފަންނާނުންގެ ބިޒިނަސް މެނޭޖަރު ވެސް މެއެވެ. އޭނާ ބިޒިނަސް މެނޭޖަރުކަން ކޮށްދޭ ފަންނާނުންގެ ތެރޭގައި އަލް ޕަކީނޯ، އެލީޖާ ވުޑް، ޑޭވިޑް މަމެޓް، ފްރޭންކީ ވައްލީ އަދި ފޯ ސީޒަންސް ހިމެނެ އެވެ.

ނަމަވެސް ލީސާގެ ފައިސާތައް މެނޭޖްކުރާކަށް ސައިގަލް އަކަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނާ ކުރި ކަންތަކުން އިސާހިތަކު ލީސާގެ ވިޔަފާރިތައް އަޑިއަޅާލި އެވެ. އަދި 2005 ގައި ސައިގަލް ވަނީ ލީސާގެ އެލްވިސް ޕްރިސްލީ އެންޓަޕްރައިސަސްގެ 85 ޕަސެންޓް ހިއްސާ ވިއްކާލާފަ އެވެ. މިކަމުގެ ސަބަބުން އޭނާގެ ބައްޕަގެ ނަމާއި އިމޭޖްގެ ރައިޓްސް ލީސާއަށް ގެއްލުނެވެ. އެގޮތަށް އެކި ވިޔަފާރިތަކުން ގެއްލުން ވަމުން ފައިސާތައް ގެއްލެމުން ގޮސް ލީސާ ދަރަނިވެރިވީ އެވެ.

ކިތަންމެ ގިނަ ފައިސާއިން ވާރުތައިން ލިބުނަސް ލީސާގެ ހަޔާތަކީ އުފާވެރި ހަޔާތެކޭ ނުބުނެވޭނެ އެވެ. އޭނާ ހަތަރު މީހަކާ ކައިވެނި ކުރި އެވެ. އެކްޓަރު ޑެނީ ކިއޯ އަކީ ލީސާގެ ފުރަތަމަ ފިރިމީހާ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންއާ ވެސް ލީސާ ކައިވެނި ކުރި އެވެ. އަދި ނިކޮލަސް ކޭޖް އާ ވެސް ކައިވެނިކުރި އެވެ. އޭނާ އެންމެ ފަހުން ކައިވެނިކުރީ މައިކަލް ލޮކްވުޑް އާއެވެ.

މީގެން އެއްވެސް ކައިވެންޏަކުން ލީސާ އުންމީދުކުރި އުފަލެއް އޭނާއަކަށް ނުލިބުނެވެ. ލޮކްވުޑް ކައިރިން ލީސާ ވަރިވީ 2016 ގައެވެ. މި ވަރީގެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައިރު ލީސާ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން ލޮކްވުޑް ކޯޓުގައި މައްސަލަ ޖެއްސި އެވެ. ނަމަވެސް ލީސާ ކޯޓުގައި ބުނި ގޮތުގައި އޭނާ އަތުގައި ފައިސާއެއް ނެތެވެ. އަދި 16 މިލިއަން ޑޮލަރުން އޭނާ ވަނީ ދަރާފަ އެވެ. މި ވާހަކަ ލޮކްވުޑް ގަބޫލެއް ނުކުރެ އެވެ.

ލޮކްވުޑް އާއި ލީސާއަށް އެއްމާބަނޑު ދެ އަންހެން ކުދިން ލިބިފައިވެ އެވެ. ލީސާ މަރުވިއިރު ލޮކްވުޑް ވެސް ވަނީ ލީސާ ގޮވައިގެން އަނެއްކާ ކޯޓަށް ގޮއްސަ އެވެ. ޗައިލްޑް ސަޕޯޓްގެ ގޮތުގައި މަހަކު 40،000 ޑޮލަރު ހޯދުމަށެވެ.

ލީސާ މަރުވިއިރު ވެސް އޭނާގެ އެއްމާބަނޑު ދެބެންގެ ކަސްޓަޑީ މައްސަލަ ކޯޓުގައި ހިނގަމުން ދިޔަ އެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ފަސް ފަހަރެއްގެ މަތިން ލީސާ ރިހެބުގައި ދުވަސްތައް ހޭދަކޮށްފައި ވެއެވެ. އެގޮތުން ރިހެބުގައި އޭނާ ހޭދަކުރި ކޮންމެ މަހަކަށް 50،000 ވަރަކަށް ޑޮލަރު ޚަރަދުވެފައި ވެއެވެ.

ލީސާގެ ކުރީގެ ކައިވެންޏަކަށް ލިބުނު ފިރިހެން ދަރިފުޅު -- ބެންޖަމިން ކޫހް ވަނީ 2020 ވަނަ އަހަރު އުމުރުން 27 އަހަރުގައި އަމިއްލައަށް މަރުވެފަ އެވެ.