ހޮލީވުޑް

"13 ރީޒަންސް ވައި"ގެ ތަރި ޑައިލަން މިނެޓް އެކްޓުކުރުން ވަގުތީ ގޮތުން ހުއްޓާލަނީ

މަޝްހޫރު ހޮލީވުޑް ސީރީޒް "13 ރީޒަންސް ވައި" ގައި ލީޑް ރޯލު ކުޅުނު ޑައިލަން މިނެޓް އެކްޓު ކުރުމާ ދުވަސްކޮޅަކަށް ދުރުވެއްޖެ އެވެ.

އޭނާ މިފަހަކުން ދިން އިންޓަވިއުއެއްގައިވެސް ވަނީ އެކްޓް ކުރުމާ ދުވަސްކޮޅަކަށް ދުރަށް ދާ ކަމަށް ބުނެފަ އެވެ.

ޑައިލަން އަކީ އެކްޓު ކުރުމުގެ އިތުރުން ހުނަރުވެރި ލަވަ ކިޔުންތެރިޔެކެވެ. އުމުރުން އަށް އަހަރުން ފެށިގެން ހޮލީވުޑްގެ ސްކްރީން ތަކުން ފެންނަަމުން އައި ޑައިލަންގެ އެންމެ ކާމިޔާބު ސީރީޒްއަކަށްވީ 2017 ގައި ނިކުން "13 ރީޒަންސް ވައި" އެވެ. ކްލޭ ޖެންސަންގެ ކެރެކްޓާ، އޭނާ ދައްކުވައިދިނީ އަދި އެ ރޯލު ކުޅުނީ އެންމެ ފުރިހަމަށެވެ.

ޑައިލަން ގިނަ ބައެއްގެ ތައުރީފް ހޯދާފައިވާއިރު ފޭނުން ބުނަނީ އޭނާއާއި ނުލާ އެ ސީރީޒް އެހާ ފުރިހަމަ ނުވީސް ކަަމަށެވެ. ސީރީޒްގައި ޑައިލަން ދައްކާލި ހުނަރަށްފަހު އޭނާ ކުރިންސުރެވެސް މަސައްކަތް ކުރަމުން ދިޔަ ބޭންޑް -- "ވެލޯސް" ވެސް ވަނީ އެތައް ބަޔަކަށް އެނގި، ބޭންޑަށާއި ބޭންޑުގެ މެމްބަރުންނަށް އިތުރު މަޝްހޫރު ކަމެއް ލިބިފަ އެވެ.

"އެކްޓިންގެ ތެރެއިން ލިބުނު ކާމިޔާބީއަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް. އެކްޓިން އަކީ އަހަރެންނަށް އަބަދުވެސް ވަރަށް މަޖާ އަދި އިންސްޕަޔަރިން ކަމެއް. އެކަމަކު ފަހުން އިހްސާސް ވާން ފެށީ ހަަމައެކަނި ވަޒީފާއެއްހެން." އޭނާ ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޑައިލަން ބުނަނީ އޭނާ އާއި ބޭންޑްގެ މެމްބަރުންނަކީ އަބަދުވެސް މިއުޒިކްގެ ދާއިރާއިން ކުރިއެރުމުގެ ހުވަފެން ދެކެމުން އަންނަ ބައެއް ކަމަށެވެ. މީގެ އިތުރުން ބޭނުވްނަީ އޭނާގެ 100 ޕަސަންޓް ވަގުތު މިއުޒިކް ކެރިއަރަށް ދީގެން، މުޅި ދުނިޔެއަށްވެސް އެކަން ވަރަށް ސީރިއަސްކޮށް ނަގާކަން ދައްކާލަން ކަމަށްވެސް ޑައިލަން ބުންޏެވެ.