ބޭރު ކުޅިވަރު

ޓެރީ ބުނެފިނަމަ ގަދަ ހަތަރަކަށް އެރިދާނެ: ހިޑިންކް

އިނގިރޭސި ލީގުގެ ގަދަ ހަތަރަކަށް އެރުމަކީ ވެދާނެ ކަމެއް ކަމަށް ކެޕްޓަން ޖޯން ޓެރީ ބުނާނަމަ އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުކުރާނެ ކަމަށް ކޯޗު ގުސް ހިޑިންކް މިހެން ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ރޭ އާސެނަލް އަތުން 1-0އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ.

ހިޑިންކަށްވުރެ ކުރި ވާހަކަ ދައްކަމުން ޗެލްސީގެ ކެޕްޓަން ޓެރީ ބުނީ މިވަގުތު 28 ޕޮއިންޓާއެކު 13 ވަނާގައި އޮތް ނަމަވެސް ގަދަ ހަތަރަކަށް އެރިދާނެ ކަމަށެވެ.

"އެއީ ވެދާނެ ކަމެއް. އަހަރުމެން މަސައްކަތް ކުރާނަން. ފުޓްބޯޅައިގައި ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ،" ޓެރީ ބުންޏެވެ.

އޭނާގެ މިވާހަކައަށް ކިހާވަރަކަށް ތާއީދުކުރަންތޯ ނޫސްވެރިން ސުވާލުކުރުމުން ހިޑިންކް ބުނީ "ކެޕްޓަން އެހެން ބުނާނަމަ އެކަމާއިގެން ކުރިއަށްދާންވާނެ،" ކަމަށެވެ.

"ވަރަށް ބޮޑު ގެޕެއް އެބައޮތް. ޕްރެމިއާ ލީގު ވަރަށް ވާދަވެރި. އެންމެ ފަހަތުގައި އޮންނަ ޓީމެކޭ އެންމެ ކުރީގައި އޮންނަ ޓީމެކޭ ނަތެ ތަފާތެއް. އެހާ ވެސް ވާދަވެރި. ދެން ކެޕްޓަން އެހެން ބުނާކަމަށްވާނަމަ އަހަރުމެން އެކަން ބަލައިގަނެ ކުރިއަށްދާންވާނެ،" މެޗުގެ ކުރިން ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ނެތް ކަމަށް ބުނެފައިވާ ކޯޗު ބުންޏެވެ.