އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީތަކުގައި ނަޝީދުގެ ހިޔަނި

އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުންގެ ބައިވެރިވުމުގެ މިންވަރާއި، ކުރާ ޚަރަދާއި، ހޭދަކުރާ ވަގުތާއި، ވާދަކުރުން ލިޔެވިގެން މިދަނީ ރާއްޖޭގެ އައު ސިޔާސީ ހަޔާތުގައި ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ތާރީޚުގައި މުޅިން ތަފާތު ކަމެއްގެ ގޮތުގައެއް ނޫނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ޖޫން 2005 ގައި އުފެދުނު ފަހުން ޕާޓީގެ ލީޑަޝިޕް މަގާމުތަކަށް ޕާޓީގެ އިސްފަރާތްތައް އިންތިޚާބުކޮށް، އައްޔަންކުރެވި އަދި ބައެއްފަހަރު "ނަސީބުންހެން ހީވާފަދަ ގޮތަކަށް" މަގާމުތައް ވަނީ އެކި ގޮތްގޮތުން ޕާޓީގެ ހަރާކަތްތެރި އެތައް ބޭފުޅަކަށް ލިބިގެން ގޮސްފައެވެ. ޕާޓީގެ އެތެރޭގެ މިފަދަ ކަންކަން އަސްލު ހިނގާ ގޮތް ޕާޓީގެ އާންމު މެންބަރުންނަށް އިނގެނީ ކިހާވަރަކަށްތޯ އެއީ މުޅީން އެހެން ބާވަތެއްގެ ވާހަކަ އެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް އެންމެ ފުރަތަމަ ބޭއްވީ 2008 ވަނަ އަހަރު ކުރީކޮޅު އެވެ. ޕްރައިމަރީ ބޭއްވުނުއިރު ޕާޓީގެ އެއިރުގެ ރައިސަކީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރެވެ.

އެ ޕްރައިމަރީ ލައިގަތީ، އެމަނިކުފާނު ޕާޓީގެ ރައިސަކަށް ބޮޑު ތާއީދަކާއެކު އިންތިޚާބުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އެ ޕްރައިމަރީގައި އެއިރުގެ ޕާޓީގެ ރައިސް ޑރ މުނައްވަރުގެ އިތުރުން އޭރުގެ ޗެއާޕާސަން އަދި އެމްޑީޕީގެ މިހާރު ރައީސް މުހައްމަދު ނަޝީދާއި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ވަޒީރު އިބްރާހިމް ހުސައިންޒަކީ އާއި މަޝްހޫރު ފިލްމީ ތަރި ރީކޯ މޫސާ މަނިކު ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީ ބޭއްވީ އެއިރުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ޕާޓީގެ ރައީސަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ޕާޓީގެ ފަރާތުން ކުރިމަތިލައްވަންޖެހޭ ބޭފުޅާ ކަމަށް ލިޔެވިފައި ވަނިކޮށެވެ. ނަމަވެސް ޕާޓީގެ ތެރެއިން ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލުމަށް ބޭނުންވާ އެހެން ބޭފުޅުންނަށް ޖާގަ ދިނުމަށް ހިންގުނު ހަރަކާތެއްގެ ނަތީޖާއެއްގެ ގޮތުން އެ ޕްރައިމަރީ އޭރު ބޭއްވީ އެވެ. އެގޮތުން ޕާޓީގެ ގަވާއިދުގައި ނެތް ނަމަވެސް، ޕާޓީގެ ރައީސް ހޮވިތާ އަހަރު ދުވަސް ނުވަނީސް އަނެއް އިންތިޚާބެއް ޕްރައިމަރީ ނަމުގައި ބޭއްވުމުގެ ސަބަބުން ޑިމޮކްރެޓިކް ހަމަތަކާއި ތަފާތު ގޮތަކަށް ޕްރައިމަރީގެ ފެށުމުގެ ބިންގާ އެޅިގެން ދިޔަ އެވެ. ކޮންމެވެސް ވަރެއްގެ ގާނޫނީ ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް ޕްރައިމަރީއަށް ޕާޓީގެ އޭރުގެ ރައިސް ޑރ. މުނައްވަރު ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ޖާގަ ދެއްވި އެވެ.

އެމްޑީޕީގެ ޕްރައިމަރީއެއް ބޭއްވުން އުފެދިގެން އައިސްފައި މިވަނީ މިފަދަ ހަލަބޮލި ސިޔާސީ ކުޅިބައެއްގެ ތެރެއިންނެވެ. އެހެންކަމުން އޭރުގެ ޕްރައިމަރީ އަކީ ގާނޫނީ ހަމަތަކާއި އުސޫލުތައް ލަންބާލުމަށްފަހު ބޭއްވުނު ޕްރައިމަރީއެއް ކަމަށް ޕާޓީގެ ތެރޭގައި ސިފަކުރެވިގެން ދިޔަ އެވެ. އެއާއެކު ފުރަތަމަ ފަހަރަށް ޕާޓީތެރޭގައި ޚިޔާލުތަފާތުވުންތައް ފެންމައްޗަށް ތިލަވެ ޕާޓީގެ މެންބަރުންތައް އެކިއެކި ކެންޑިޑޭޓުންގެ ފަހަތަށް އަރަން ފެށުމާއެކު ބައިބައިވުންތައް ބޮޑުވެ، އެކަކު އަނެކެއްގެ ޒާތީ ކަންކަމަށް ފާޑު ކިޔަން ފެށި އެތަކެއް ފެކްޝަންތަކެއް އެމްޑީޕީގެ ތެރޭގައި ފުރަތަމަ ފަހަރަށް އުފެދިގެން ދިޔަ އެވެ.

ޕްރައިމަރީ ކެމްޕޭންގެ ތެރޭގައި ޕާޓީގެ ރައީސަށް އަމާޒު ކުރެވުނު "ރާއްޖެތެރޭ" އަދި "އައްޑޫ ވަޠަނީ" ފަދަ ބަސްތަކުން ޝަހުސިއްޔަތު ކަތިލުމުގެ ނޭދެވޭ އަމަލުތަކުގެ ނަތީޖާ އަކީ ޑރ. މުނައްވަރު ޕާޓީއާ ދުރަށް ޖެހިވަޑައިގަތުމެވެ. އަދި ރައީސް ނަޝީދަކީ ހުދުމުހުތާރު ގޮތްތަކެއް ގެންގުޅުއްވާ، މަކަރާ ހީލަތް ހައްދަވާ ބޭފުޅެއް ކަމަށް ފުރަތަމަ ފަހަރަށް ޕާޓީތެރޭގައި ލޭބަލެއް އެޅިގެން ދިޔަ އެވެ. ހަމައެހެންމެ އިބްރާހީމް ހުސައިން ޒަކީ އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެޖެންޓެއް ކަމަށް ސިފަކުރެވި އެމަނިކުފާނުގެ ޒާތަށްވެސް ހަމަލާދެވިގެން ދިޔަ އެވެ. އަދި ރީކޯ މޫސާ މަނިކަށްވެސް ޒާތީ އެތަކެއް ހަމަލާ ދެވިގެން ދިޔަ އެވެ. ނަމަވެސް ޑިމޮކްރަސީއެއްގައި އަމުދުން ފެންނަން ނުޖެހޭ މިފަދަ ނޭދެވޭ އެތައް އަމަލުތަކެއް އެވަގުތަށް ކަފުން ކުރެވިގެން ދިޔައީ ރައިސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ސަރުކާރާ އިދިކޮޅުގެ އެންމެންހެން އަތުގުޅާލައިގެން ތިބިތިބުމެވެ.

އެފަދަ މާހައުލެއްގައި ޑިމޮކްރަސީ މާޔޫސް ކުރުމަށްފަހު ފުރަތަމަ ޕްރައިމަރީގެ އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވި އެވެ. އަޑުއަރާފައިވާ ގޮތުން އިންތިޚާބުގައި ޑރ މުނައްވަރު އެމަނިކުފާނު އަމިއްލަފުޅަށް ދެއްވި ވޯޓު ވެސް އަލިފު އަތޮޅު ރަށެއްގައި ހުރެމެ ވޯޓު ލުމުން އެ ވޯޓް ނުހިމެނޭކަން އެނގުންވެގެން ދިޔައީ އިންތިޚާބުގެ އޮޅުވާލުން ބޮޑުކަން ސިފަކުރުމަށް ދިމާވި ހަގީގީ ހާދިސާ އަކަށެވެ. އެހެންކަމުން އިންތިޚާބު ބޮޑުތަނުން މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ސީލް ޖެހިގެން ދިޔަ އެވެ. ރައީސް ނަޝީދާއި ރައިސް ސޯލިހު އޭރު ކުޅުއްވީ އެއްފަޅިޔަކަށެވެ.

އެއަށްފަހުގައި ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް ފުރަތަމަ އުފެދި އެ ވެރިކަމަށް ވީގޮތެއް ވީފަހުން ޕާޓީގެ އަސާސީ ގަވައިދު ބަދަލު ކޮށްލެވުނީ ޕާޓީގެ އޭރުގެ ޗެއާޕާސަނަށް ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ދެވޭނެ ގޮތަށެވެ. އެފަހަރުގެ ޚިޔާލު ތަފާތުވުންތަކުގެ ނަތީޖާއަކީ އޭރުގެ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ ޕާޓީން ވަކިކުރަން ނިންމައި އެކަން ކުރުމެވެ. އަދި އަނެއްކާވެސް އިތުރަށް ޕާޓީ ރޫޅި ބައިބައިވެ ޕާޓީ ތެރެއިން ބަޔަކު ޕާޓީން ވަކިކުރެވި ނުވަތަ އަމިއްލައަށް ވަކިވެގެން ދިޔުމެވެ.

އަނެއްކާވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވިއިރުވެސް ދާދި އެއް މައްސަލަތަކެއް މިވަނީ ފެންމަތިވެފަ އެވެ. ޕާޓީގެ ފަހުގެ ގަވާއިދުގައި ލިޔެފައިވާ ގޮތުން ޕާޓީގެ ބޭފުޅަކު އެ ވަގުތަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާނަމަ އެފަރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވިދާނެ އެވެ. އެކަމަށް ހުރަހެއް ނެތެވެ. ނަމަވެސް މިފަހަރުވެސް ޕާޓީގެ ރައީސް ނަޝީދު އެގޮތެއް ބޭނުންފުޅެއް ނުވި އެވެ. އެހެންކަމުން ޕްރައިމަރީ ބޭއްވުމަށް ޕާޓީގެ ގައުމީ މަޖިލީހުން ނިންމީ އެވެ. އެކަމަކު ޕާޓީގެ ގައުމީ މަޖިލީހުގެ ފުރިހަމަ އައުލަބިއްޔަތާއި ތާއީދު މިފަހަރު ބޮޑުތަނުން ކޮންޓްރޯލް ކުރަނީ ރައިސް ސޯލިހް އެވެ. އެހެންކަމުން ޕްރައިމަރީތަކާ ގުޅުވައިގެން ރައީސް ނަޝީދު މީގެކުރިން އަތުރާލައްވަމުން ގެންދެވި ސިޔާސީ ކުޅިބައި އަތުރާލެއްވުމަށް މިފަހަރު ފަސޭހަފުޅެއް ނުވި އެވެ.

އެހެންވެ ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމުގައި މިއަދު މިއޮތީ ޕްރައިމަރީގެ ތަޅާފޮޅުން ބޮޑުވެ އެތައް ޒާތީ ހަމަލާއެއް ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި ޕާޓީގެ ރައީސް ނަޝީދަށް ވެސް އަމާޒުވެފަ އެވެ. ނަމަވެސް މާބޮޑަށްވެސް މިފަހަރުގެ މާހައުލު ތަފާތެވެ. ކުރީގައި އެއްގޮތެއްގައި ތިއްބެވި ދެ ބޭފުޅުން ދެ ފެކްޝަނަކަށް ބެހި ޕްރައިމަރީ ކާމިޔާބުކުރުމަށް ދެފަރާތުންވެސް ގެންދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. މިވާދަވެރިކަމުގެ ތެރެއިން ފެނިގެންދަނީ މާބޮޑަށްވެސް ޕާޓީ ދެބައިވެ ކުރިއަށްވުރެވެސް ބޮޑަށް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ޒާތީ ހަމަލާތައް ދެމުން ދިއުމާއި، ނަފުރަތު އުފެއްދުމާއި، ޝަހްސު ކަތިލުމާއި އަދި ޑިމޮކްރަސީގެ ކުރިމަގަށް އޮތް ނުރައްކަލެވެ.

ރާއްޖޭގައި ޒަމާނީ މަލްޓި ޕާޓީ ތަހުޒީބީ ޑިމޮކްރަސީއެއް އަށަގަންނުވައި ދެމެހެއްޓުމަށްޓަކައި ޕްރައިމަރީތަކުގައި ފެނިގެންމިދާ ޒާތީ ވުމާއި، ނަފްރަތު އުފެއްދުމާއި، ޝަހުސިއްޔަތު ކަތިލުން ނިމުމަކަށް ގެނައުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަންޖެހޭ ކަން އެމްޑީޕީގެ ޕްރައިމަރީގެ ތެރެއިން ސާފުކޮށް ފެންނަމުންދެ އެވެ.