އެމްއެމްއޭ

ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ލިބުން ފަސޭހަކޮށްދެނީ

ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ފަށައިފި އެވެ.

އެމްއެމްއޭ އިން ލުއިތަކެއް ދޭނެ ކަމަށް ބުނެފައި މިވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަށް ގުރޭޑް ތަކުގެ ދަރިވަރުންނަށް ދިވެހި ފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ނުފޮނުވޭނެ ގޮތް ބޭންކް ތަކުން ހަދާފައިވާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެވެ. ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭރު ފައިސާ ފޮނުވުމުގައި ގެންގުޅޭ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް، އޭ ލެވެލް އިން ފެށިގެން ދަށް ގުރޭޑް ތަކުގައި ކިޔަވާ ދަރިވަރުންނަށް ދިވެހި ފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ނުފޮނުވޭނެ ގޮތް ހެދީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ބޭންކްތަކުން ބުނާ ގޮތުގައި މި ފިޔަވަޅު އެޅީ މަރުކަޒީ ބޭންކުން އަންގައިގެންނެވެ.

އެމްއެމްއޭއިން މިއަދު ބުނީ ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ރާއްޖޭގެ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް އެ އޮތޯރިޓީ އާއި ބޭންކްތަކާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

"ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް މި އޮތޯރިޓީ އާއި ބޭންކްތަކާ ގުޅިގެން ދަނީ ކުރަމުންނެވެ. މިގެނެވޭ ބަދަލުގެ ސަބަބުން އެއްއެމްއޭ އިން ބޭންކްތައް މެދުވެރިކޮށް އާމުންނަށް ފޯރުކޮށްދެމުންދާ ޑޮލަރު ދިނުމުގައި ބޭންކްތަކުން އަމަލުކުރަންޖެހޭނެ އުސޫލަށް އިސްލާހުތަކެއް ގެނެވި އަދި ލުއިފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދާނެ އެވެ." އެމްއެމްއޭ އިން އަވަސް އަށް ލިޔުމުން ދިން ޖަވާބުގައިވެ އެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައި ވަނިކޮށެވެ.