ރައީސް މުހައްމަދު ނަޝީދު

މާލޭގެ 5،000 އާއިލާއަކަށް ވަގުތުން ބޯހިޔާވަހިކަމެއް ބޭނުންވޭ: ނަޝީދު

ވެރިރަށް މާލޭގައި މިހާރުން މިހާރަށް ބޯހިޔާވަހިކަން ހޯދައިދޭންޖެހޭ 5،000 އާއިލާ އެބަތިބި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ މާލޭ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ލަފާ ކުރެއްވޭ ގޮތުގައި ގާތްގަނޑަކަށް 5،000 އާއިލާ މިހާރުން މިހާރަށް އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން މިރޭވެސް ލަސް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ 5،000 އާއިލާ އެބަ މިން އެޅޭ. އެބަ އެނގޭ. އެމީހުންނަށް މިހާރުން މިހާރަށް އަޅުގަނޑުމެން ގޮތެއް ހޯދައިދޭން އެބަ ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހުރިހާ އާއިލާތަކަށްވެސް ގޯތީގެ ބޯހިޔާވަހިކަން ދެވޭނެ ގޮތް އެބައޮތް ކަމަށެވެ. އެގޮތުން ވިދާޅުވީ ހުޅުމާލޭގައި އެއްވެސް ކަމެއް ނުކޮށް މިހާރުވެސް ހަތަރު މިލިއަން އަކަފޫޓުގެ ބިން އެބައޮތް ކަމަށާއި އެވެސް ގޯތި ދޫކުރެވޭނެ ތަނެއް ކަމަށެވެ.

"ހުޅުމާލޭގައި ތަރައްގީ ނުކޮށް އޮތް ހަތަރު މިލިއަން އަކަފޫޓުގެ ބިމުން 700 އަކަފޫޓުގެ 5،000 ގޯތި އެ ރައްޔިތުންނަށް ދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އިން 250 ގޯތި ދޫކޮށްފައިވާނެ ކަމަށާއި ދެންވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަމަށެވެ. އަދި ހުޅުމާލެ އިން ދޫކުރި ގޯތިތައް ދެ ތިން އަހަރު ތެރޭ ހަދާ ނިންމާ، މިހާރު އެ ގޯތިތަކުގެ ވެރިންނަށް އެ ބިމުން ފައިދާއެއްވެސް ލިބިގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.

މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ނަމަވެސް މިހާތަނަށް އެއްވެސް ގޯއްޗެއް އަދި ފްލެޓެއް މިވެރިކަމުގައި މާލޭ ރައްޔިތުންނަށް ދޫކޮށްފައި ނުވާތީ އެކަމުގައި ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޭން ބުނާ ގޯތީގެ އެއްވެސް ޕްލޭނެއްވެސް މިސަރުކާރުގައި ނެތް ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ފެއްޓެވީވެސް ވަރަށް ފަހުން ކަމަށާއި އަދި ދޭން ބުނަނީވެސް މަދު އަދަދެއްގެ ގޯތި ކަމުގައިވެސް ވިދާޅުވި އެެވެ.

"އެހެންވީމާ އަދި އެ މަޝްރޫއިން މީހުންނަށް ބޯހިޔާވަހިކަން މިއަންނަ އަހަރުވެސް އޭގެ އަނެއް އަހަރުވެސް ފޯރުކޮށްދިނުމަށް އަޅުގަނޑަށް ފެންނަ ތަނުގައި ދަތިވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ ރައީސް ސޯލިހާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.