ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޓާމިނަލްގެ އޮނިގަނޑަށް އަލިފާން ނުހިފާ ސްޕްރޭ ކުރާތީ ސަމާލުވުމަށް އެދިއްޖެ

Jan 16, 2023
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގައި ފަޔާ ޕްރޫފް ކޯޓިން ނުވަތަ އަލިފާން ނުހިފާ ދަވާދު ޖެހުމުގެ މަސައްކަތް ކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ސްޓީލް ބޭނުންކޮށްގެން ހަދަމުންދާ ޓާމިނަލް އޮނިގަނޑުގައި ފަޔާ ޕްރޫފް ކޯޓިން ޖެހުމުގެ މަސައްކަތް ކުރަމުންދަނީ ސިނަމާލެ ބްރިޖް ހެދި ޗައިނާގެ ކުންފުނި -- ސީސީސީސީ އިންނެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް ކުންފުނިން މިއަދު ބުނީ މިމަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. ނަމަވެސް ވައި ހުރި ގޮތުން ޓާމިނަލްގެ ކުރިމައްޗަށްވާ ގޮތަށް އޮތް ޕާކިން ސަރަހައްދުގައި ޕާކް ކުރާ ސައިކަލްތަކަށް ސްޕްރޭގެ އަސަރު ކޮށްފާނެތީ ޕާކް ކުރާއިރު ސަމާލުވުމަށްވެސް އެމްއޭސީއެލް އިން އެދިފައިވެ އެެވެ.

ޓާމިނަލް - އެރައިވަލްސް

  • ހަ ޕެސެންޖާ ބޯޑިން ބްރިޖް
  • 1500 ސްކެއާ މީޓަރުގެ ފްލޯއޭރިއާ
  • 28 ކައުންޓަރު
  • 345 މީޓަރުގެ ދިގު ބެލްޓް
  • 7 އީ ގޭޓް
  • 24 ސީޕްލޭން ޗެކިން ކައުންޓަރު
  • ޓޫރިސްޓު ރިސެޕްޝަލް ކައުންޓަރަށް 1000 އަކަމީޓަރު
  • 19 ރިސޯޓް ލަޖުންޖު

ޓާމިނަލް- ޑިޕާޗާ

  • ޗެއިން އަދި ސްކްރީން ކުރާ އޭރިއާ، 2500 އަކަމީޓަރު
  • 50 ޗެކިން ކައުންޓަރު
  • 20 ކައުންޓަރު
  • 6 އީގޭޓް
  • ސެކިއުރިޓީ ސްކްރީނިން އަށް 1500 އަކަމީޓަރު
  • 10 ސްކްރީނިން މެޝިން
  • 1800 އަކަމީޓަރުގެ ވީއައިޕީ ލައުންޗު އޭރިއާ
  • ދެ އައިސޮލޭޓެޑް ހޯލްޑިން ރޫމް
  • ޖުމްލަ 10 ގޭޓް

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީކުރާ ޓާމިނަލްގެ މަަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިން ލާދިން ގްރޫޕާ ހަވާލުކޮށްފައިވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. ނަމަވެސް މިސަރުކާރު ފެށުނު ފަހުން އެއްބަސްވުމަށް ބަދަލު ގެނެސް މި މަސައްކަތް ނިންމަން މިހާރު އެއްބަސްވެފައިވަނީ 2025 ވަނަ އަހަރު އެވެ.

ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގައި ހަދާ ޓާމިނަލް މަޝްރޫއަށް ހަރަދުކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.