އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: 283 ވޯޓު ފޮށި ބަހައްޓަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 283 ވޯޓު ފޮށި ބަހައްޓަން ނިންމައިފި އެވެ.

އެ ޕާޓީން ރޭ އިއުލާނު ކުރި ވޯޓްލާ މަރުކަޒުތަކުގައި ލިސްޓުގައިވާ ގޮތުން މާލެ ރައްޔިތުން ވޯޓްލުމަށާއި މާލޭގައި އުޅޭ އަތޮޅުތަކުގެ މީހުން ވޯޓުލުމަށް މާލޭގައި 87 ވޯޓް ފޮށި ބަހައްޓާނެ އެވެ.

އަަތޮޅުތަކުގައި 196 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު މި ފޮށިތައް ހުންނާނީ ސުކޫލުތަކުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެމްޑީޕީން ބުނި ގޮތުގައި ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން ވަނީ އާންމުކޮށްފަ އެވެ. ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހް އާއި ރައީސް ނަޝީދު ގެންދަވަނީ މާލެ އާއި ރަށްރަށުގައި ކެމްޕޭން ކުރައްވަމުންނެވެ.