އިދިކޮޅު ކެންޑިޑޭޓް ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު ކުރިއަށް ގެންދިޔުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ގޮތެއް ނޫން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ރިޔުާސީ އިންތިހާބުގެ ތާރީހު އިއުލާންކުރުމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރި ތާރީހާ މެދު ދަންނަވާނެ ވަކި އެއްޗެއް ނެތް ކަމަށެވެ. އެއީ އެ ތާރީހަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަނޑައެޅިގެންދާ ތާރީހުތަކަކަށް ވުމުން ކަމުގައިވެސް ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ތާރީހް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު ކުރިއަށް ގެންދިޔުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ގޮތެއް ނޫން ކަމަށެވެ.
"އިނދިކޮޅު ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ޖަލުގައި އެ އޮންނެވީ ހަރާމް ހުކުމެއްގައި،" ހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ޖަލުގައި ބާއްވާފައިވާތީ ޕީޕީއެމް އިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ހުރަސް އަޅާފައި ރިޔާސީ އިންތިހާބު ބޭއްވުމަކީ އިންތިހާބު އިންސާފުވެރިވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގޮވާލަން ހަމަ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރަން. އަދި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭންކުރުން ހުއްޓާލުމަށް،" ހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އިން އެދެނީ އިދިކޮޅު ޕާޓީއަށް ވެސް އިންސާފުވެރި ގޮތްތަކެއް ހޯދައިދިނުމަށްފަހު، އިދިކޮޅު ކެންޑިޑޭޓް ކަމުގައިވާ ރައީސް ޔާމިން މިނިވަން ކުރުމަށް ފަހު ހަމަހަމަ ފުރުސަތުތަކެއް ދީގެން އިންތިހާބު ބޭއްވުމަށް ކަމަށެވެ.
"އެނޫން ގޮތަކަށް އެކަން ކޮށްގެން ނުވާނެ. އެނޫން ގޮތަކަށް އެކަން ކުރަން އަޅުގަނޑުމެން ތާއީދެއްވެސް ނުކުރާނަން،" ހީނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30ގަ އެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.