ދުނިޔެ

އިޒްރޭލުގެ މުޒާހަރާތައް ޔުނިވާސިޓީތަކާ ހަމައަށް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޖުޑިޝަރީއަށް ބަދަލުތަކެއް ގެނައުމަށްޓަކައި ގާނޫނު ބަދަލުކުރަން ކުރާ މަޝްވަރާތަކާ ދެކޮޅަށް ޔުނިވާސިޓީތަކުގެ ދަރިވަރުން ނުކުމެއްޖެ އެވެ.

ޝައުރީ ދާއިރާއަށް އަމާޒުކޮށް ގެންނަ ބަދަލުތަކަކީ ވަކި މީހަކަށް ހިމާޔަތް ހޯދުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ބުނެ އިޒްރޭލުގެ އެތައް ހާސް ބަޔަކު ވަނީ ވެރިރަށް ތެލްއަވީވްގެ މަގުތަކުގައި މުޒާހަރާކޮށް ބޮޑުވަޒީރު ނަތަންޔާހުގެ މަކަަރުވެރި ރޭވުމުގައި އާންމުން ނުޖެހުމަށް ގޮވާލާފަ އެވެ.

ސަރުކާރުގެ އެޖެންޑާއަށް ތާއީދު ނެތް ކަމަށް ގޮވާލައި ޝުއޫރު ފާޅުކުރުމުގައި ބައިވެރިވި ޔުނިވާސިޓީތަކުގެ ތެރޭގައި ހިބްރޫ ޔުނިވާސިޓީ، ޓެލްއަވީވް ޔުނިވާސިޓީ އަދި ޔުނިވާސިޓީ އޮފް ހައިފާ ހިމެނެ އެވެ.

ދަރިވަރުންގެ ނަމުގައި ބޭއްވި މި ޝުއޫރު ފާޅުކުރުމުގައި އިޒްރޭލުގެ ބޮޑެތި ސްކޫލްތައް ބައިވެެރިވި ކަމަށް ވެސް އޭއެފްޕީ ރިޕޯޓްކުރެ އެވެ.

ކިޔަވާ ކުދިންގެ ނަމުގައި ދަރިވަރުން ގޮވާލާފައި ވަނީ ޝަރުއީ ނިޒާމު މިހާރު ވެސް އޮތް ގޮތަށް ބޭއްވުމަށެވެ. އަދި ޝަރުއީ ނިޒާމު އުވާލަން ސަރުކާރުން ކުރާ އެއްވެސް ކަމަކަށް ތާއީދު ނޯންނާނެ ކަމަށް ވެސް ދަރިވަރުން ގޮވާލި އެވެ.

ޝަރުއީ ނިޒާމަށް އެއްވެސް ބަދަލެއް ގެނައުމަކީ އިޒްރޭލު ބައިބައިކުރުން ކަމަށް އެ ގައުމުގެ ރައީސް އައިޒަކް ހަރްޒޮގެ ވެސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރު އަމާންކަމުގައި އޮތުމަށް އާންމު ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަތަންޔާހޫ ސަރުކާރުން ޖުޑިޝަރީއަށް ބަދަލު ގެނެސްފި ނަމަ، ޖުޑިޝަރީގެ މިނިވަންކަން ގެއްލިގެން ދާނެ އެވެ. އަދި ސަރުކާރު ހިންގަން ތިބި ބައެއްގެ މުށުތެރެއަށް ޖުޑިޝަރީ ވެއްޓޭނެ އެވެ.

މި ގޮތުން ކޯޓުތަކަށް ފަނޑިޔާރުން ކަނޑައެޅުމާއި ބަންޑާރަނައިބުގެ ދައުރަށް ވެސް ސަރުކާރުގެ ހިޔަނި އެޅޭނެ އެވެ.