ރައީސް މުހައްމަދު ނަޝީދު

ކެމްޕޭނަށް ނަޝީދު ދެ އަތޮޅަކަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނަށް ކ. އަދި ޅ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ އަތޮޅު ތެރޭގެ ކެމްޕޭން ދަތުރުތައް ފެއްޓެވީ ރާއްޖެ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅުންނެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ނ، ރ، ބ. އަތޮޅު އަދި ފުވައްމުލައް ސިޓީއާއި ލ. އަތޮޅުގެ އިތުރުން ތ. ވ. އަދި މ. އަތޮޅަށްވެސް ވަޑައިގެން ރަށްތަކުގައި ޖަލްސާ ބާއްވައި ދޮރުން ދޮރަށް ހިންގަވާ ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

މިއަދު ކ އަދި ޅ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރެއްވުމަށް ފަހު މި މަހު 19 އިން 21 އަށް ރައީސް ނަޝީދު ކެމްޕޭނުގައި އުޅުއްވާނީ ގއ. އަދި ގދ. އަތޮޅުގެ ރަށްތަކުގަ އެވެ.

ރައީސް ނަޝީދުގެ ކެމްޕޭނުގައި އެންމެ ފަހުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އަށެވެ. މިދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިމަހު 23 އިން 24 އަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ހިންގަވަމުންނެވެ.

އެމްޑީޕީން މިހާރު ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފަ އެވެ. އެގޮތުން ކުރިއަށް އޮތް ޕްރައިމަރީގައި 57،255 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.