ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 15 ޖެނުއަރީ 2023 އާ ގުޅޭ )

"ނޫން... އަހަރެން ދަރަކްއާ ވަތްކެއްނުވާނަން." ކުއްލިއަކަށް ލައިލީ ބުނެލިއެވެ. އޭނާގެ ވިސްނުން އާމިސްރާބެއް ޚިޔާރު ކުރި ފަދައެވެ. ދަރަކްއާއި އޭނާގެ ދިރިއުޅުމުގެ ބިންގަލުން ފެށިގެން ކޮންމެ ގަލެއް އަޅަމުން އައީ ދެމީހުން އެކީގައެވެ. ވީއިރު އޭނާގެ ހަޔާތުގެ އިމާރާތް ކުއްލިއަކަށް ފާޅުވި މީހަކު ފުނޑުފުނޑުކޮށްލާނޭ ފުރުޞަތެއް ލައިލީ ނުދޭނެއެވެ. އޭނާގެ މިލްކެއް އެހެން މީހަކު ވަގަށްނެގިޔަކަ ނުދޭނެއެވެ. އަދި އެމީހަކަށް ދުވަހަކުވެސް ލައިލީ މަޢާފެއް ނުކުރާނެއެވެ.

"އެކަހަލަ ކަމެއް ދަރަކް ކުރާނަމަ އަހަރެން އެ ދެމެދަށް ނުވަދެއެއް ނުހުންނާނަން. ދުރުވާން ޖެހޭނީ އަހަރެމެންގެ ދެމެދަށް ވަން މީހަކު." ލައިލީ ބުންޏެވެ.

"ދެޓްސް މައި ގާލް. އެހެންވީރު މަސައްކަތް ފަށަންވީ. ދުޝްމިނަކަށް ހަމަލާ ދިނުމުގެ ކުރީން އޭނާއާ ބެހޭގޮތުން ލިބެން ހުރި ހުރިހާ މަޢުލޫމާތެއް ހުންނަންވާނީ އެއްކުރެވިފައި. ނަސީބު ރަނގަޅުކަމުން އޭނާގެ އެކައުންޓަކީ ޕަބްލިކް އެކައުންޓެއް. ހުރިހާ އެއްޗެއް މިހުރީ ފަސޭހައިން ފެންނަން." ކިރަން ބުނެލިއެވެ. ހުރިހާ އެކުވެރީން ސޯފާއަށް ޖަމާވިއެވެ. ކިރަންގެ ފޯނުން ޕްރިޓީ ސަމާރާގެ އިންސްޓަގްރާމް އެކައުންޓް ހާވަން ފެށިއެވެ.

"ޕަބްލިކް އެކައުންޓަކަށް ވިޔަސް އޭނާ އެފެއާއެއް ހިންގާއިރު އެކަން ދުނިޔެއަށް އިއުލާން ކުރާކަށް ބޭނުމެއްނުވާނެ ދޯ." ސިޔާ ބުނެލިއެވެ.

"މިސްޓްރެސް އަބަދުވެސް ޝޯކުރަން ބޭނުންވާނެ ފިރިހެން މީހާއަށް އޭނާއަކީ ކިހާ މުހިންމު އަންހެނެއްކަން. ބަލާބާ... ބައެއް ފޮޓޯތަކުގައި ފިރިހެނެއްގެ ހިޔަނި މިހުރީ ފެންނަން. އެއީ ކާކުކަން އެނގޭނެ އެއްވެސް ފޮޓޯއެއްނެތް." ކިރަން ވާހަކަދެއްކިއެވެ.

"އެފެއާއެއް ހިންގާއިރު އެންމެ ފަސޭހައިން ފަޅާއަރާނީ ދެމީހުން އެކުގައި ފޮޓޯތަކުން. ޚާއްޞަކޮށް މީހެއްގެ ފިރިއެއްކަން އެނގި ހުރެ އެމީހަކާއެކީ ނަގާ ފޮޓޯތަކެއް އާންމުންނަށް ފެންނާނެހެން އިސްތިހާރެއް ނުކުރާނެއެއްނު." ސިޔާ ބުންޏެވެ.

"ލެޕުން ބަލާލެވޭނަމަ ފަސޭހަވާނެ ހޯދާލަން. ފަހަރެއްގައި މީނަގެ އެހެން އެކައުންޓެއް އިނުމަކީ ވެދާނޭކަމެއް. ބްރައުސާއަކުން ފޮޓޯތައް ސާޗްކޮށްލަނިކޮށް އެއްގޮތް ފޮޓޯތައް ފެންނާނެ. އޭރުން އެނގޭނެ އޭނާ އެ ފޮޓޯ އެހެންތާކު ޝެއާކޮށްފައި އިނިއްޔާ." ކިރަން ބުންޏެވެ.

"ހަމަ ތެދެއް މިބުނީ. ކިރަން ވާންވީ ޖާސޫސީ ފުލުހަކަށް." ޔޫން ހިނިއައިސްފަ ބުނެލިއެވެ.

"އެކަމަކު ބުނަން. ފާރަލާއިރު ވަރަށް ސަމާލުވާތި. ދަރަކްއަށް ޝައްކެއްވިޔަ ނުދޭތި." ކިރަން ބުނެލިއެވެ.

"ވަގަށް ކަންކަން ކުރުން ރަނގަޅެއްނުވާނެ." ސިޔާ ބުންޏެވެ.

އެޕާޓްމެންޓްގެ ދޮރުގެ ތަޅު ހުޅުވާލި އަޑަށް އެންމެން ބަލާލިއެވެ. ޔޫން ނިކަން އަވަހަށް ސޯފާއިން ތެދުވެގެން ދޮރު ކައިރިއަށް ދިޔައެވެ. އިދާން ގެއަށް އައީއެވެ. ގޭތެރޭގައި ތިބި އެންމެން ފެނުމުން އިދާންއަށް ލިބުނީ ހައިރާންކަމެވެ. އެވަގުތު ސިޔާ ވާހަކަދެއްކިއެވެ. އާ ތަނަކަށް ޔޫން ގޮވައިގެން އިދާން ބަދަލުވިކަން އެނގިގެން، ގެ ބަލަން އައިސް ތިބީކަން ސިޔާ ބުނެލިއެވެ. އެޕާޓްމެންޓު ފަރުމާކޮށްފައިވާލެއް ފުރިހަމަކަމަށް ކިރަން ތަޢުރީފު ކުރިއެވެ. އިދާން ހިނިތުންވެލީއެވެ.

"ގެއަށް ބަޔަކު އަންނަކަމެއް އެނގިފައެއްނެތް." ހިނިތުންވެލައިގެން ހުރެ އިދާން ބުނެލިއެވެ.

"އިދާން ކުޅެން ގޮސްފައި އެހެންޏާ ވެސް އަންނަނީ އިރުއޮއްސޭފަހުންވީމަ. އެހެންވެ..." އިދާން ކުޅެން ގެންދާ ދަބަސް ދިނުމުން އޭގައި ހިފަމުން ޔޫން ވާހަކަދެއްކިއެވެ.

"އިރޭ ފަޔަށް ތަދުވެގެން މިއަދަށް ނިންމާލީ. އަހަރެން ކޮޓަރިއަށް މިދަނީ." އިދާން މިހެން ބުނުމަށްފަހު ގޮސް ކޮޓަރިއަށް ވަނީއެވެ. ޔޫންގެ މޫނުން ހިސާބެއްގެ ހާސްކަން ފާޅުވާން ހުއްޓެވެ. ލަސްފިޔަވަޅުގައި ފިރިމީހާގެ ފަހަތުން ގޮސް ޔޫން ކޮޓަރިއަށް ވަނީއެވެ.

"ފިރިމީހާ ކުރިމަތީ ޔޫންއަށް މިއޮއްވާގޮތެއް. އޭނާ އިދާންދެކެ ބިރުންތަ އެހުރީ. ނޫނީ ކަމަކާ ކަންބޮޑުވެފަތަ؟." ސިޔާ ބުންޏެވެ.

"ޔޫންގެ ވިއްޔާ އެއީ އޭނާގެ ފިރިމީހާ. އޭނާއަށްވުރެ ސިޔާ މަށަށް މާ ވިއާޑް. ފިރިހެނަކު ފެންނައިރަށް ކަލޭ މުޅިން އެހެން މީހަކަށް ބަދަލުވޭ ވިއްޔާ. ވާހަކަދައްކާ ގޮތާއި އަޑު ވެސް ބަދަލުކޮށްލާ." ކިރަން ބުންޏެވެ. ސިޔާގެ ރައްދު ވަގުތުން އައެވެ.

ދެ އެކުވެރިންގެ ކޯޅުން އެއީ ލައިލީއަށް އާންމުކަމެކެވެ. ސޯފާގެ އަތްގަނޑުގައި މަޑުމަޑުން ލައިލީއަށް އަތް ހާކާލެވުނު ހިނދު ފާހަގަވީ ހަލާކުވެފައި ހުރި ތަންގަނޑެކެވެ. ހައިރާންކަމާއެކު ލައިލީއަށް ބަލާލެވުނެވެ. އެޕާޓްމެންޓުން ފެންނަން ހުރީ ދެންމެ ފިހާރައިން ގެނެސް ވައްދާފައި ހުރި އާ ފަރުނީޗަރުތަކެއް ހެންނެވެ. ކޮންމެ ދިމާލަކުން ފެންނަނީ އާ ކަމެވެ. ވީއިރު ސޯފާގައި އެފަދަ ގެއްލުމެއް ހުރެގެން ނުވާނެކަން ލައިލީއަށް ވިސްނެއެވެ.

"އެއީ ކޮންއަޑެއް." ކުއްލިއަކަށް ބާރު އަޑުފަށްގަނޑެއް އެތެރެއިން އިވުމާއެކު ކިރަންއަށް ބުނެލެވުނެވެ. އޭނާ ހައިރާންވެ ސުވާލު އުފެދިފައިވާ ނަޒަރަކުން ސިޔާއާއި ލައިލީއަށް ބަލާލިއެވެ. އެކަކަށް ވެސް އެއްޗެއް ބުނަން ނޭނގިފައި ތިބީއެވެ. ޔޫން ކޮޓަރިން ނުކުމެގެން އައީ އެވަގުތެވެ.

"ޔޫން. ދެންމެ... ކޮންއަޑެއް އެ އިވުނީ." ލައިލީއަށް އަހާލެވުނެވެ.

"އެއީ... އިދާން ކުޅެން ގެންދާ ބޯޅައިން ޖެހުނީ." ކުއްލިއަކަށް ވާހަކަދައްކަން ޔޫންއަށް އުނދަގޫވިއެވެ. އޭނާ އައިސް ބަދިގެއަށް ވަނެވެ.

"ކީއްކުރަން ތިއުޅެނީ." ކިރަން އަހާލިއެވެ.

"އިދާންއަށް ސޭންޑްވިޗް ހަދަން. އޭނާ އާންމުކޮށް ހަވީރު ކުޅެން ގޮސްފައި އަންނާނީ ރައްޓެހިންނާއެކީ ސައިބޮއެގެން." ޔޫން މަސައްކަތުގައި އުޅެމުން ބުންޏެވެ.

"ހެދިކާ މިހުރީނު. އަދި މިއޮތީ އަތްނުލާ އޮތް ޗީޒް ކޭކް." ކިރަން ބުންޏެވެ.

"ހެދިކާ ކަމަކުނުދާނެ." ޔޫން ބުންޏެވެ.

"އެހެންވީރު އަހަރެމެން ހިނގާ ޗީޒްކޭކު ކާން. ޔޫން ތިކަން ކޮށްލާފައި އާދޭ." ސިޔާ ބުންޏެވެ. އަދި ކާމޭޒުމަތީ ހުރި ކުދިތަށިތައް މޭޒުމަތީ އަތުރާލިއެވެ. އަދި ކޮންމެ މީހަކަށް ޗީޒްކޭކު ކޮޅެއް ލައިދޭން އޭނާ އުޅުނެވެ. ނަމަވެސް އޭނާއާއި ދެން ތިބި މީހުންގެ ހަރަކާތްތައް ވެސް މަޑު ޖެހުނީ އަނެއްކާވެސް ކޮޓަރިތެރެއިން ބާރު އަޑެއް އިވިގެންނެވެ. ހީވަނީ އެއްޗެއް ހޫރާލީ ހެންނެވެ. އެންމެންނަށް އެއްފަހަރާ ޔޫންއާ ދިމާއަށް ބަލާލެވުނެވެ.

"ސޮރީ... ތަންކޮޅެއް އަޑުގަދަވެއްޖެ ދޯ. އަހަރެން ވެސް ފިހާރައަށް ދާން ޖެހޭ. މިއަދަށް ދެން ނިންމާލަމާ. އެހެން ދުވަހަކުން އަހަރެން ގުޅާނަން." ޔޫން ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލިއެވެ. ކުއްލިއަކަށް އެކުވެރީންގެ ކުރިމަތީ އުޅޭނޭ ގޮތެއް ޔޫންއަށް ނޭނގުނު ކަހަލައެވެ.

ޔޫންއެކީ އެންމެން އެގެއިން ނުކުތެވެ. ފިހާރައަށްދާން އެކުވެރީންނާ ޔޫން ވަކިވުމުން ދެން ތިބި ތިން މީހުން ހިނގައިގަތީ އެކީގައެވެ. ޔޫން އުޅޭ ފްލެޓާ ތަންކޮޅެއް ދުރަށް އާދެވުމުން ފުރަތަމަ ވެސް ވާހަކަދެއްކީ ލައިލީއެވެ.

"އިދާން އައީމަ ޔޫންއަށް ބަދަލުތަކެއް އައިހެން ހިޔެއްނުވޭތަ؟. ހިތަށް އަރަނީ އަނެއްކާ ޔޫން ރަނގަޅުބާއޭ." ލައިލިއަށް ބުނެވުނެވެ.

"ވެދާނެ އެ ދެމީހުން ފައިޓެއް ހިންގާލައިގެން އުޅެނީކަމަށް." ސިޔާގެ ހިޔާލު ފާޅުކޮށްލިއެވެ.

"އިދާންގެ ހުންނަ ރުންކުރުކަން އެނގެއެއްނު. ގޮތްދޫނުކުރާ ކަހަލަ ގޮތްގޮނޑެއް ގެންގުޅޭކަން ޔޫން ބުންޏެއްނު. ކުޑަކުއްޖެކޭ އޭނާ ތަފާތެއްނެތޭ." ލައިލީގެ ވާހަކައާ ގުޅުވައި ކިރަން ވެސް ބުންޏެވެ.

"އެހެންވިޔަސް ޔޫން ކިހާ އަރާމެއްގައި އިދާން އެ ގެންގުޅެނީ. ބައެއްފަހަރު ޖެހޭނެ ކެތްކޮށްލަންވެސް. އެކަހަލަ އަރާމު ދިރިއުޅުމެއް ކޮންމެ މީހަކުވެސް ބޭނުންވާނެ. ފައިސާއާމެދު ވިސްނަން ނުޖެހުމަކީ ވެސް ހާދަ ބޮޑު ނިޢުމަތެކޭ." ސިޔާ ބުންޏެވެ.

"އަހަރެން ވެސް ބައެއްފަހަރު ހިތަށް އަރާ މުޅި އުމުރު އަހަރެން ބަލަހައްޓާނޭ މީހަކު ލިބޭނެނަމައޭ. އަހަންނަށް ތިރީސް އަހަރު މިއަހަރު ވާނެ. ބަލިވެ އުޅޭއިރު އަދިވަކިން ބޮޑަށް އެކަހަލަ އެއްޗެހި ހިތަށް އަރާ." އަމިއްލަ ޚިޔާލުގައި ހުރެ ކިރަން ވާހަކަދެއްކިއެވެ.

"ކިރަންގެ އިޙްސާސްތައް އަހަންނަށް ވިސްނޭ. މުޅި އުމުރު މީހަކާ ނީނދެވި މިގޮތަށް ހުސްކޮށްބާއޭ ދާނީ އަހަރެން ވެސް ބައެއްފަހަރު ހިތަށް އަރާފަ ވަރަށް ކަންބޮޑުވޭ. ހަމަ މީހަކާ އިންނަން ހިތަށް އަރުވާލާއިރަށް ވާ ކަންކަމެއްނޫންވިއްޔާ އެއީ. ކައިވެނި ކުރެވުމަކީ ވެސް ހާދަ ބޮޑު ނަސީބެކޭ. މީހަކަށް މީހަކު ކަމުގޮސްގެން ހަޔާތުގެ ބައިވެރިޔާއަށް އެމީހަކު ޚިޔާރު ކުރާނީ ވަރަށް ޚާއްޞަވެގެން. އެފަދަ ޚާއްޞަކަމެއް އަހަރެމެން އެކަނިވެރި އަންހެނުންނަށް ކޮބާ... އިނދެގެން އުޅޭމީހުންނަށް މިކަހަލަ ކަންކަމެއް ނުވިސްނޭނެ. ދެމަފިރިންނަށް ވެވުމީ ކިހާވަރެއްގެ ރަޙުމަތެއްކަން." ސިޔާ ބުންޏެވެ.

"އެހެންވީމަ ފިރިއަކު ހޯދަން އަހަރެމެން ނުކުންނަމާ. އަންނަ ވީކަންޑްގައި އޮތް ފެއާއަށް އަހަރެން ގެންދަންވީނު. ޑަކްޓަރުންނާއި ޕޮލިޓީޝަނުން އާދެއޭ ބުނީމެންނު." ސިޔާގެ އަތުގައި އަތް އަޅުވާލަމުން ކިރަން ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ސަމާސާގެ އަސަރުވިއެވެ.

ދެ އެކުވެރީންގެ ވާހަކަތައް އެމީހުންގެ ފަހަތުގައި ހުރި ލައިލީއަށް އަޑުއިވެއެވެ. އޭނާއާއި ޔޫންއަކީ ކިރަންއާއި ސިޔާގެ ކުރިމަތީ ނަސީބުވެރީންނެވެ. ކައިވެނި ކުރެވުނީތީ ވެސް އެކަމާ ޝުކުރުވެރިވާން ޖެހޭނެއެވެ. އެކަމަކު އެ ދެ އެކުވެރީންނަށް ކައިވެންޏަށްފަހު ދިރިއުޅުން އެއްގޮތެއްގައި އޮންނާނެކަން ޔަގީންވޭބާއޭ ލައިލީ ހިތަށް އެރިއެވެ. އެއީ ޚުދު އޭނާ ވެސް ކުރިން ހީކޮށްގެން ހުރި ގޮތެވެ. ދަރަކްއާ ރައްޓެހިވެގެން އުޅުނުއިރު ދެމީހުން ނުލާހިކު އުފާވެރިއެވެ. އެއްވެސް މައްސަލައެއް ނުޖެހެއެވެ. ޝައްކުކުރާނޭ ފުރުޞަތެއް ވެސް ނުލިބެއެވެ. ކައިވެންޏަށްފަހު ވެސް އެ އޮމާން ދިރިއުޅުން އެގޮތުގައިކަން އޮންނާނީ ލައިލީ އިނީ ނިންމައިގެންނެވެ. ނަމަވެސް ދިރިއުޅުމަށް ބަދަލުތަކެއް އަންނަކަން ލައިލީއަށް ވެސް ތަޖުރިބާ ކުރެވުނީ ކައިވެނި ކުރީމައެވެ. ވީއިރު ކައިވެންޏެއްގައި އެ ޖެހޭ ކުންޏާއި އެކަންކަމުން ކުރާ އަސަރު ކިރަންއާއި ސިޔާއަކަށް ނުވިސްނޭނެކަން ލައިލީއަށް ޤަބޫލުކުރެވެއެވެ. ލޯބިވެތި ކައިވެންޏަކުން ދެ މީހުންގެ ދިރިއުޅުން އެންމެ ފުރިހަމަވާނަމަ އެއްވެސް މީހަކު ވަރިއެއް ނުވާނެއެވެ. މުޅި އުމުރު ހަޔާތުގެ ބައިވެރިޔާއާއެކީ އުޅޭން ބޭނުންނުވާނީ ކާކު ހެއްޔެވެ.

* * * * *

އަކިޔަލްއާއެކީ މެންދުރު ފަހުގެ ޑިއުޓީއާ ދިމާވެއްޖެނަމަ ދެއްކެނީ ލައިލީގެ ދިރިއުޅުމުގެ ވާހަކައެވެ. ދެ ޒުވާނުން ތިބީ ޑިއުޓީގެ ބްރޭކް ގަޑީގައި ކޮފީ ބޯށެވެ.

"އާކި އަދި ވަރަށް ޔަންގް. އާކި ވެސް ދިރިއުޅުމެއް ފަށާ ދުވަހަކުން އެނގޭނެ ދިރިއުޅުން ހީކުރާހާ ފަސޭހައެއްނޫންކަން." ލައިލީ ބުންޏެވެ.

"ލައިލީގެ މައްސަލައަކީ އެހެން މީހުންގެ ދެކޭ ގޮތް މުހިންމުވުން. އުނދަގޫވަނީ އެހެންވެ. އަޅާލަން ނުޖެހޭ ވަރަށް އެހެންމީހުން ދެކޭ ގޮތާމެދު ލައިލީ ވިސްނާ. އަހަރެންގެ ނަޒަރުގައި އެއީ ބޭކާރުކަމެއް." އަކިޔަލް ބުންޏެވެ.

"މިބުނީނު އާކިއަކަށް އަދިއެއް ނުވިސްނޭނެއޭ މިކަހަލަ ކަންކަމެއް." ލައިލީ އަނެއްކާ ވެސް ތަކުރާރު ކޮށްލީއެވެ.

އަކިޔަލްއަކީ އުމުރުން ބާވީސް އަހަރުގެ ޒުވާނެކެވެ. އެ ހޮޓެލަކީ އޭނާގެ ޢާއިލާއިން ހިންގާ ތަނެކެވެ. ޕާޓްޓައިމް މުވައްޒަފެއްގެ ގޮތުގައި އޭނާ އެތަނުގައި މެންދުރުފަހުގެ ޑިއުޓީ އަދާކުރަނީ ކިޔަވަމުން ފައިސާ ލިބޭ މަސައްކަތެއް ކުރާން ބޭނުންވެގެންނެވެ. ތަނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އަކިޔަލް ހަމައެކަނި ވާހަކަދައްކާތަން ފެންނަނީ ލައިލީއާއެވެ. ފަހަރެއްގައި އޭނާއަކީ ތަނުގެ ވެރިޔާގެ ދަރިއަށްވެފައި އެހެން މީހުން އޭނާއަށް ދޭފަދަ ސަމާލުކަމެއް ނުދޭ ހަމައެކަނި މީހަކު ލައިލީއަށް ވީމާ ކަމަށްވެދާނެއެވެ.

"އުމުރު ވަކި ވަރަކަށް މައްޗަށް ދިޔައީމަ ލައިފް ރީސެޓްކުރަން ފަސޭހައެއްނުވާނެ. އޭރު ތިބޭނީ އެއްގޮތަކަށް ދިރިއުޅުން ހޭނިފައި. އެހެންނު ލައިލީ ބުނަން ތިއުޅެނީ. އެކަމަކު ލައިލީ އަދި އެހާ މުސްކުޅިއެއްނޫން." އަކިޔަލް ބުނެލިއެވެ.

"މީހުންނާ އިނދެގެން އުޅޭ މީހުން ހާދަކަމަށް ކެތްތެރިވާން ޖެހެއޭ. ކައިވެނި ކުރުމަށްފަހު ގިނަ މީހުންގެ ނުހުރޭ ހިތްވަރެއް ބޭނުންހާ ގޮތަކަށް އުޅޭކަށް. ކޮންމެ ކަމެއްގައި އަމިއްލަ އެދުން ނެރިގެން މިނިވަނެއްހެން އުޅޭން ކެރޭނީ މަދު ދެތިން މީހަކަށް." ލައިލީ ބުންޏެވެ.

"އެހެންވީރު ދަރަކް ކައިރިން ލައިލީ ވަރިވާންވީނު. އޭރުން މިނިވަންކަމާއި އަމާން އޮމާން ހަޔާތަށް އަނބުރާ ދެވޭނެއެއްނު." އަކިޔަލް ބުންޏެވެ.

"ދެމީހުން ވަކިވިޔަސް އުފާވެރިކަން އަލުން އަނބުރާ ލިބޭނެކަމުގެ އޮތީ ކޮން ގެރެންޓީއެއް." ލައިލީއަށް ބުނެވުނެވެ.

"ބުނަން. އަހަރެން ލައިލީއާ ދެކޮޅަށް ބުނާއެއްޗެއް ނޫން މީ. އެކަމަކު މަށަށް ހީވަނީ ލައިލީ ތިއުޅެނީ އެކުވެރީންގެ ދިރިއުޅުން ފެނި އެކަމާ ޖެލަސްވެގެންހެން. އެމީހުން މީހުންނާ ނީނދެ ތިބީތީ އެމީހުންގެ ދިރިއުޅުން މާ އުފާވެރިއޭ ހީވެގެން. އެހެންނޫނަސް ތިމާއަށް ލިބިފައިވާ ނިޢުމަތްތަކަށްވުރެ އެހެން މީހުންގެ އުފާވެރިކަން ފާހަގަވެ އެކަންކަމަށް ބޭނުންވުމަކީ އިންސާނީ ޠަބީޢަތް." އަކިޔަލް ބުންޏެވެ. އޭނާގެ މިފަދަ ވާހަކަތަކުން ބައެއް ފަހަރު ލައިލީ ހައިރާންކޮށްލައެވެ. ހަރުފުރައިގެ ޒުވާނެއްގެ ފުށުން ފެންނާނޭ ފަދަ ތޫނުފިލިކަން އަކިޔަލްގެ ފުށުން ކިތަންމެ ފަހަރަކު ލައިލީ ދުށްޓެވެ. އުމުރުން ބާވީސް އަހަރުގެ އެހެން ޒުވާނުންނާ އަކިޔަލް މާބޮޑަށް ވެސް ތަފާތެވެ.

"އޯކޭ... އޯކޭ... އަހަންނާ ދެން ދިމާކުރާނެކަމެއްނެތް." ލައިލީ ބުނެލިއެވެ.

"އިޓްސް ފަން. އައި ލައިކް އިޓް." ހީނލައިގެން އިނދެ އަކިޔަލް ބުންޏެވެ. ނަމަވެސް އެ ހިނިތުންވުން ނިކަން އަވަހަށް އަކިޔަލް ފޮރުވާލައި ސީރިއަސް ވެލިއެވެ.

"ކޮބާ ސޯޝަލްމީޑިއާއިން އެއްވެސް ހެއްކެއް ފެނިއްޖެތަ." އަކިޔަލްއަށް އެނގިފައި އޮތުމުން އަހާލިއެވެ.

"އަދި ވަގުތެއްނުވޭ." ފަރުވާކުޑަ ގޮތަކަށް ލައިލީ ބުނެލިއެވެ.

"ކިހިނެއްވީ. ބަލަން ބިރުގަތީތަ." އަކިޔަލްގެ ތުންފަތަށް އަނެއްކާ ވެސް ވެރިވީ ދިމާކޮށްލާފަދަ ހިނިތުންވުމެކެވެ.

"ކޮންކަމާ ބިރުގަންނަންވީ." ލައިލީ ނިކަން އަވަހަށް ބުނެލިއެވެ. އެކަމަކު އެއީ އޭނާގެ އަމިއްލަ ނަފްސަށް ހެދި ދޮގެކެވެ. އަކިޔަލް އެބުނީ ލައިލީގެ ހަޤީޤަތެވެ. އޭނާ ނުބަލަން އެ ހުންނަނީ ބިރުންނެވެ. ފެންނަ ކަމެއްގެ ސަބަބުން ދަރަކްއާއި އޭނާއާ ދެމެދު އޮތް ގުޅުން ބަދަލުވާނެކަން އެނގޭތީއެވެ. އަދި އެހިސާބަށް ކަންތައް ހިނގައްޖެނަމަ އަލުން އިހުގެ ދިރިއުޅުމަށް އެނބުރި އައުން ފަސޭހައެއް ނުވާނޭކަން ވިސްނޭތީއެވެ. ނުބަލަހާ ހިނދަކު އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެން ހުރެވޭނެއޭ ލައިލީއަށް ހީވަނީއެވެ.

* * * * *

ގެއަށް އައިސް ވަން ލައިލީއަށް ވިސްނެމުން ދިޔައީ ސަމައިރާއާއި ދަރަކްއާ މެދުއެވެ. ކަންކަން ނޭނގޭކަމަށް ހެދުމަކުން ލައިލީއަށް އެކަމުން ތަސައްލީއެއް ނެތްކަން އެނގެއެވެ. އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ފިރިމީހާއާއެކު އެއްތަންމަތީގައި އަރާމު ނިންޖަކުން ނިދެނީއެއްނޫނެވެ. ވީއިރު އަޅާނުލުމަކުން ހައްލުވީ ކޮންކަމެއް ހެއްޔެވެ. އެއަށްވުރެ ހަޤީޤަތާ ކުރިމަތިލުމުން ހުރިހާ ފިކުރުތަކާއި ވަހުމްތައް ނިމުމަކަށް އަންނާނެއެވެ. އިތުރަށް މަޑުކުރުމުގެ މާނައެއްނެތްކަން ލައިލީގެ ޟަމީރު ވެސް އެއްބަސްވިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ދަރަކް އޮފީހަށް ނުކުތުމުން ލައިލީ ލެޕްޓޮޕް ހިފައިގެން ކާމޭޒުދޮށުގައި އިށީނެވެ. ކިރަން ވެސް އެދުވަހުގެ ފަހުން ލައިލީ ހެދިގޮތެއް އެނގެން ބޭނުންވެގެން މެސެޖުކޮށްފައި ހުއްޓެވެ. އެކަމަކު އޭނާ އެއްވެސް އެއްޗެއް ނުބަލާތީ ކިރަންއަށް ދޭނޭ ޖަވާބެއް ނެތީއެވެ. ލެޕްޓޮޕް ހުޅުވާލައި ސަމައިރާގެ އެކައުންޓް ލައިލީ ބަލަން ފެށިއެވެ.

ކޮންމެ ދުވަހަކުހެން ފޮޓޯއެއް ސަމައިރާ ލާފައި ހުއްޓެވެ. ލައިލީއަށް މުހިންމުވީ އާ އަހަރާ ދިމާކޮށް ސަމައިރާ ކުރީ ކޮންކަމެއްތޯ ބެލުމެވެ. އެހެންވެ ޑިސެމްބަރު ފަހުކޮޅު ލާފައި ހުރި ފޮޓޯތައް ލައިލީ ބަލަންފެށިއެވެ. ޚިއްޞާކޮށްފައި ހުންނަ ފޮޓޯއާއެކީ ލިޔެފައި ހުންނަ ލިޔުންކޮޅުން ތަފްސީލު އޮޅުންފިލައެވެ. ސަމައިރާގެ ރައްޓެހިން ވަރަށް ގިނައެވެ. އެތައް ބަޔަކު އޭނާއަށް ފޮލޯކޮށްފައި އޮވެއެވެ. އޭނާގެ ފޮޓޯތަކަށް ކޮމެންޓުކޮށްފައި ވެސް ހުރެއެވެ. ލައިލީ އެންމެ ހައިރާންވަނީ އެ އަންހެންކުއްޖާއެކޭ ސޯޝަލްމީޑިއާގައި ހުޅުވާލެވިފައި އޮތް ފޮތެކޭ ތަފާތެއްނެތީމައެވެ. އަމިއްލަ ދިރިއުޅުން އެވަރަށް ޚިއްޞާކުރާކަށް ލައިލީއަކަށް ނުކެރޭނެއެވެ.

"އޯ... އެހެންވީމަ އެރޭ އޮފީހުގައި އަސްލު ވެސް އިވެންޓެއް އޮތީތާ." ސަމައިރާ ލާފައި ހުރި ފޮޓޯއާއި ތިރީގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލުމާއެކު ލައިލީގެ ހިތަށް އެރިއެވެ. އެކަމަކު އެ ފޮޓޯގައި ހުރި ކޮމެންޓުތައް ކިޔާލި ހިނދު ލައިލީގެ ހިތް އަވަސްވެގެން އައީ ތިޔަހެނެއް ނޫނެވެ. އޮފީސް އިވެންޓުގެ ފަހުން ބޯއީފްރެންޑާއެކީ ޕްރައިވެޓް ޕާޓީއެއް އޮތްކަން ސަމައިރާ ބުނެފައި އޮތީ އެކުވެރިއެއްގެ ކޮމެންޓަށް ރައްދު ދެމުންނެވެ.

"އޭނާ މީހަކާ އިނދެގެން އުޅުނަސް ތިން މަސް މިވީ." ހިތްތަކަކާއެކު އިނގިރޭސިން ސަމައިރާ ލިޔެފައި އޮތެވެ. ލައިލީ ލިބުނީ ސިހުމެކެވެ. މޭޒުދޮށުން ލައިލީ ތެދުވިއެވެ. ހާސްވެފައި ހުރެ ދެކޮޅަށް އޭނާއަށް ހިނގާލެވުނެވެ. ދެން ފުރިޖުގެ ކައިރިއަށް ގޮސް ފެންފުޅިއެއް ނަގައި އަނގަޔަށް ފުޅި އަރިކޮށްލައި ފެންކޯވަރެއް ބޯލިއެވެ. އިރުކޮޅަކު ހަރަކާތެއް ނުކޮށް ހުރުމަށްފަހު ލައިލީ އައިސް އަލުން ކާމޭޒުދޮށުގައި އިށީނެވެ. ފެންފުޅި މޭޒުމަތީ ބަހައްޓާލާފައި އަނެއްކާ ވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ. ދެން މޭޒުމަތީ ބާއްވާފައި އޮތް ލައިލީގެ ފޯނު ނެގިއެވެ. އާ އަހަރުގެ ރޭ ދަރަކް ފޮނުވި މެސެޖު ލައިލީ ބެލިއެވެ. ފޮނުވާފައި އިން ގަޑި ބެލުމަށްފަހު ސަމައިރާ ކޮމެންޓުކޮށްފައި އިން ގަޑި ބެލިއެވެ. ދިހަ މިނެޓްގެ ތަފާތު ހުއްޓެވެ. ސަމައިރާ އެރޭ ދެން ލާފައި އިނީ ކޮޓަރިއެއްގެ ފޮޓޯއެވެ. އެނދު އަރާނޭހެންނެވެ. މުޅި ރޭ އެތަނުގައިވާން ބޭނުންވިކަން ބުނެ ސަމައިރާ އިނގިރޭސިން ލިޔެފައި އޮތެވެ. އޭނާގެ އެ އުންމީދު ފުރިހަމަނުވިކަން ލިޔުންކޮޅާއެކު ހިމަނާފައިވާ ކަރުނައިގެ މޫނުތައް ހެކިދެއެވެ.

"އެމީހުން ކޮޓަރިއަކަށް ދިޔައީތަ؟." ލައިލީއަށް އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ.

ލައިލީ އިހުނަށްވުރެ ބޮޑަށް ސިހުނީ އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ސަމައިރާ ލާފައި އިން ފޮޓޯ އިންނެވެ. ލައިލީއަށް އަނގަމަތީ އަތްއަޅައި ބާރުކޮށްލެވުނެވެ. އޭނާގެ ހިތް ހުއްޓިހުއްޓިފައި އަލުން ވިންދު ޖަހަން ފަށާ ފަދައެވެ. މޭފިތި ބާރުވަމުންދިޔައިރު ދެ ލޯ ބޮޑުކޮށްގެން ލެޕްޓޮޕްގެ އިސްކުރީނަށް ބަލަން އިނީ އެސްފިޔަ ޖަހާލުމެއް ނެތިއެވެ.

"އެއީ ހަމަ އެ ގަޑި. އެއްވެސް ތަފާތެއްނެތް.... އެހެންވީމަ ދަރަކް އޭނާއަށް ހަދިޔާ ގަނެދެން ގޮސްފައި އަހަންނަށް ވެސް ހަމަ އޭގެ ގަޑިއެއް ނެގީތަ؟. އެކަމަކު... އަހަރެން މީ އަނބިމީހާއެއްނު. އަނބިމީހާއާ އިހަށް ދުވަހު ދިމާވި އަންހެނަކާ އެއްވަރު ކުރީތަ؟." ލައިލީގެ ހިތުގެ އަޑު ގަދަވިއެވެ.

(ނުނިމޭ)