ގައުމެއްގެ ތަރައްގީ ގުޅިފައިވަނީ ވިޔަފާރިއަށް ކަމަށާއި ސަރުކާރު ހިންގާ ކުންފުނިތައް ބޮޑުކޮށްގެން ގައުމު ބަނގުރޫޓުވުން ނޫން އިތުރު ކަމެއް ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ކ. ކާށިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ގައުމެއްގެ ތަރައްގީ ގުޅިފައިވަނީ ވިޔަފާރިއަށް ކަމަށާއި ސަރުކާރު ހިންގާ ކުންފުނި ބޮޑުކުރީމަ ދަރަނި ބޮޑުވެ އެފައިސާ ހޯދުމަށް ދަތިވާނެ ކަމަށެވެ. އޭރުން ޓެކްސް އޮންނާނީ ބޮޑުކުރަން ޖެހިފައި ކަމަށާއި ސަރުކާރުގެ ހަރަދު ދެކޮޅު ނުޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ޓެކްސް ބޮޑުކުރި ވަރަށް އާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ. ތަކެތީގެ އަގު އުފުލޭނެ" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ދަރަނި ވަރަށް މައްޗަށް ގޮސްފައިވީ ނަމަވެސް މިއަހަރުވެސް ސަރުކާރުގެ އާމްދަނީ ހުރީ ކުރާ ހަރަދާ ނުބައްދަލު މިންވަރެއްގައި ކަމަށެވެ. އެހެންވަނީ ލިބޭ އާމްދަނީއަށް ބެލުމެއް ނެތި އިންތިހާއަށް ހަރަދުކުރާތީ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންވީމާ ކޮންމެ މަހަކުވެސް މިދަނީ ދަރަނި ބޮޑުވަމުން. އެންމެ ފަހުން އައިސް އަޅުގަނޑުމެންނަށް ކުރާންޖެހުނު ކަމަކީ ޓެކްސް ބޮޑުކުރުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓެކްސް ބޮޑު ކުރުމުގެ ނަތީޖާ ހިތި ކަމަށާއި ތަކެތީގެ އަގު މިހާރު އެތައް ގުނައެއް އުފުލިއްޖެ ކަމަށެވެ. މިކަމުގެ ތަކްލީފް އަންނަ މަހުން ފެށިގެން ބޮޑުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިއީ އިންތިހާބުގެ އަހަރު. ވަރަށް ގިނަ ވައުދު ވާނެ. ވަރަށް ގިނަ ސޮއި ސަރުކާރުން ކުރަމުން ގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ކޮންމެ ފަހަރަކު ވެސް އިންތިހާބަށް ނިކުންނަނީ ސިޔާސަތުތަކަކާ ވައުދުތަކަކާ އެކުގައި ކަންވެސް ނަޝީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން ވައުދުތައް ނުފުއްދާ ދެން އޮންނަ އިންތިހާބަށް ނިކުމެ ވޯޓަށް އެދުނަސް ރައްޔިތުން އެބޭފުޅަކު ބަލައިނުގަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ މެމްބަރުން އެއްގޮތަކަށްވެސް މި ބާވަތުގެ ކަންކަން ބަލައިގަންނަ ތަނެއް އަޅުގަނޑަކަށް ނުފެނެ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާނުލާ ކުރެވެން ހުރި ކަންކަމުގެ ވާހަކަ ރައްޔިތުންގެ ގާތުގައި ދައްކަންޖެހޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު ރިޔާސީ އިންތިހާބުވެސް ފަސޭހަކަމާއެކު ކާމިޔާބު ކުރާނީ ކުރެވޭނެ ކަންކަން ވިދާޅުވެ ދެއްވައިގެން ކަމަށާއި ރައްޔިތުން އެދޭ ތަރައްގީއާ ތަނަވަސް ދިރިއުޅުން ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.