ފިނިޕޭޖް

ނެޓްފްލިކްސްއަށް ކޮރެއާގެ ގިނަ އުފެއްދުންތަކެއް

"ސްކުއިޑް ގޭމްސް"ގެ ކާމިޔާބީއަށްފަހު ނެޓްފްލިކްސްއިން ކޮރެއާގެ އާ ފިލްމްތަކަކާއި ސީރީޒްތަކެއް ލޯންޗުކުރާނެ ކަމަށް އިއުލާންކޮށްފި އެވެ.

މީގެ ތެރޭގައި ހަ ކޮރެއަން ފިލްމް ހިމެނެ އެވެ. އެއީ ސައިންސް ފިކްޝަން ތްރިލާ "ޖުންގް – އީ" އާއި "ކިލް ބޮކްސޫން" އެވެ. މި ދެ ފިލްމް ރިލީޒްކުރާނީ ބާލިން ފިލްމު ފެސްޓިވަލްގަ އެވެ.

ޓީވީ ސީރީޒްއަށް ބަލާއިރު އަލަށް ތައާރަފްކުރާ ޝޯތަކުގެ ތެރޭގައި "ކްރޭޝް ކޯސް އިން ރޮމޭންސް" އަކީ އިންޓަނޭޝަނަލް ޝޯތަކުގެ ތެރެއިން މިއަހަރު ބެލުމަށް އެންމެ ރަނގަޅު ޝޯއެއްގެ ގޮތުގައި ތަރުހީބު ލިބެމުން އަންނަ ޝޯ އެވެ.

މީގެ އިތުރުން "ބިހައިންޑް ޔޯ ޓަޗް"، "ބްލަޑްހައުންޑްސް" އާއި "ދަ ގްލޯރީ"، "ދަ ގުޑް ބޭޑް މަދާ"، ޑެސްޓައިންޑް ވިތް ޔޫ"، "ކިންގް ދަ ލޭންޑް"،"ދަ ޑެވިލްސް ޕްލޭން"، "ޒޮމްބީވާސް" ވެސް އާ ޝޯތަކުގެ ތެރޭގައި ހިމެނެ އެވެ.

"ދަ ގްލޯރީ"ގެ އަށް އެޕިސޯޑް ހިމެނޭ ފުރަތަމަ ސީޒަން މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު، އަށް ޕާޓް އެކުލެވޭ ދެވަނަ ސީޒަން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗް ގައެވެ. "ދަ ގްލޯރީ" ވަނީ މިދިޔަ ހަފްތާގައި އެންމެ ގިނައިން ބަލާފައިވާ ޝޯތަކުގެ ލިސްޓަށް އަރާފަ އެވެ.

ނެޓްފްލިކްސްގެ ކޮންޓެންޓް ވައިސް ޕްރެޒިޑެންޓް ޑޮމް ކޭންގް ބުނީ ވޭތުވެ ދިޔަ އަހަރު ތެރޭގައި ކޮރިއަން ފިލްމްތަކާއި ސީރީޒްތައް 90 ގައުމުގެ ގްލޯބަލް ޓޮޕް 10 ލިސްޓްގައި ހިމެނޭއިރު، އެންމެ ގިނައިން ބެލި ޝޯތަކުގެ ތެރޭގައި ކޮރެއާގެ ތިން ޝޯ ހިމެނޭ ކަމަށެވެ. އެހެންކަމުން މިއަހަރު ކޮރެއާއިން އާ ވާހަކަތައް އާ ގޮތްގޮތަށް، ތަފާތުކޮށް ގެނެސްދޭނެ ކަމަށެވެ.