މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި ދުއްވުމަށް ބޭނުންވާ 10 ބަގީ މިމަހުގެ ފަހުކޮޅު މާލެ ގެނެސް އަންނަ މަހުގެ ކުރީކޮޅު ހިދުމަތް ފަށާނެ ކަމަށެވެ.
ވިލިމާލޭގައި ސިޓީ ކައުންސިލުގެ ފަރާތުން ބަގީގެ ހިދުމަތް ދިނުމަށް އެ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ބޭއްވި އެކައުންސިލުގެ ހަތަރުވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގަ އެވެ.
ސިޓީ ކައުންސިލުން ބުނީ ގެންނަން ހަމަޖެހިފައިވާ ބަގީތަކުގެ ތެރޭގައި މުދާ ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭ ބަގީއާއި ކުއްލި ހާލަތްތަކުގައި ބަލިމީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ ބަގީ ހިމެނޭ ކަމަށެވެ.
ވިލިމާލޭގައި މިހާރުވެސް އަމިއްލަ ފަރާތަކުން ބަގީގެ ހިދުމަތްދެ އެވެ. ނަމަވެސް ހިދުމަތް އެކަށީގެންވާ ގޮތަކަށް ލިބެމުން ނުދާތީ އާންމުންގެ ޝަކުވާ ބޮޑެވެ.
ސިޓީ ކައުންސިލުން ވަނީ ބަގީގެ ހިދުމަތްދޭ ކުންފުންޏަށް އެކަން ނުވާ ކަމަށް ބުނެ އަމިއްލައަށް ބަގީގެ ހިދުމަތް ދިނުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ނިންމާފަ އެވެ.
ވިލިމާލެ އަކީ ތެޔޮ އަޅައިގެން ދުއްވާ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ މާލޭގެ ހަމައެކަނި އަވަށެވެ.