ރައީސް މުހައްމަދު ނަޝީދު

އުއްޗުއާއި ނަޝީދު ބައްދަލުކުރައްވައިފި

Jan 17, 2023
2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން މިއަދު ކުރިއަށް ގެންދިޔައީ ޅ. އަތޮޅުގައި އުއްޗު ހިންގަވާ ކުރެއްދޫ ރިސޯޓުގަ އެވެ. ރައީސް ނަޝީދު ކެމްޕޭން ދަތުރުފުޅެއްގައި މިވަގުތު ހުންނެވީ ޅ. އަތޮޅުގަ އެވެ.

ރައީސް ނަޝީދާއި އުއްޗު ބައްދަލުކުރެއްވީ ކުރެއްދޫގައި އުއްޗުގެ "ގަނޑުވަރު ގައެވެ.

އުއްޗުއާއި ނަޝީދު ބައްދަލުކުރެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ކެމްޕޭންގައި ވަޑައިގަންނަވާ ރަށްތަކާއި އެކިއެކި ބޭފުޅުންނާ ބައްދަލުކުރެއްވާ، ފޮޓޯ ނެންގެވުމަށްފަހު ފޮޓޯ އާންމުކުރައްވަ އެވެ. ނަމަވެސް ނަޝީދުގެ ކެމްޕޭންގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި އުއްޗުގެ ބައްދަލުވުމުގެ އެއްވެސް ފޮޓޯއެއް އާންމުކޮށްފައެއް ނުވެ އެވެ.

ކުރެއްދޫގައި އުއްޗުއާއި ނަޝީދު ބައްދަލުކުރެއްވުމަށްފަހު އެތަނުގައި ތިބި ބައެއް މުވައްޒަފުންނާ ވެސް ނަޝީދު ބައްދަލުކުރެއްވި ކަމަށް އެނގިފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ ބޭފުޅުން އުއްޗުއާ ބައްދަލުކުރައްވާ އެކި ކަންކަމުގައި އެހީތެރިކަން ހޯއްދެވުމަކީ ސިއްރާއި ފާޅުގައި ހިނގަމުންދާ ކަމެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޅ. އަތޮޅުގެ އިތުރުން ކ. އަތޮޅަށް ވެސް ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.