މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި އެޗްޑީސީ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި މަހުން މަހަށް ފައިސާ ދައްކައިގެން ހެވީ ވެހިކަލް ޕާކް ކުރާނެ ޖާގަތަކެއް ބީލަމުގެ އުސޫލުން ދޫކުރުމަށް ނިންމައިފި އެވެ.
ހުޅުމާލެގައި ގާއިމުކޮށްފައިވާ ހެވީ ވެހިކަލް ޕާކިން ޒޯނުން ޖުމުލަ 19 ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް މިއަދު ވަނީ ނިންމާފަ އެެވެ.
މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކް ކުރުމަށް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ޕާކިން ޒޯނަކީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިން ޒޯނެވެ.
ކުއްޔަށް ދޫކުރެވޭ ޕާކިން ޖާގަތަކުގެ ތެރޭގައި ހިމެނެނީ 40 ފޫޓު ޓްރެއިލާގެ ތިން ޖާގައާއި، 20 ފޫޓު ޓްރެއިލާގެ ދެ ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގައާއި، އަދި ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގަ އެވެ.
އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މި ޕާކިން ޖާގަތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް މަހަކު 12.01ރ. އެވެ.
ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެ އިތުރުން މި ޖާގަތައް ކުއްޔަށް ދޫކުރެވެނީ ހަމައެކަނި މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކް ކުރުމުގެ ބޭނުމަށެވެ.
އެޗްޑީސީން ބުނީ މި ޖާގަތަކުގައި ޕާކު ކުރެވޭނީ ހަމައެކަނި 100 ޕަސަންޓް ދިވެހި ވިޔަފާރިއެއްގެ ނަމުގައި މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކޮށްފައިވާ، ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދަށް އެކަނި ކަމަށެވެ.
ހުޅުމާލޭގައި ޕާކް ކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހު ޕެއިޑް ޕާކިން ޒޯންތަކުން ބީލަމުގެ އުސޫލުން ދެ ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައިވެ އެވެ. އަދި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ މާޗް މަހު ވަނީ ހުޅުމާލެގައި ޕާކިން ބިލްޑިންއެއް ގާއިމުކުރުމަށް ދަމާސް ކޮމްޕެނީ އާއި ހަވާލުކޮށްފަ އެވެ.