ފިނިޕޭޖް

ހަށިގަނޑުގެ ސައިޒަށް މަލާމަތްކުރުމުން ސެލީނާ ރައްދުދީފި

ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޮމޭޒްގެ ހަށިގަނޑުގެ ސައިޒަށް ސޯޝަލް މީޑިއާގައި މަލާމާތްކުރުމުން، ސެލީނާ ރައްދު ދީފި އެވެ.

މިއަހަރުގެ ގޯލްޑަން ގްލޯބް އެވޯޑް ޝޯގެ ރެޑް ކާޕެޓްގައި ސެލީނާ ފެނުނު އިރު ހުރީ ވެލެންޓީނޯގެ ސްޓްރެޕްލެސް ޕްލަމް ކުލައިގެ ފުއްޕި އަތެއް ލާފައިހުރި ހެދުމެއް ލައިގެންނެވެ. އަދި ސެލީނާ ހުރީ އާންމުކޮށް ހުންނަ ވަރަށްވުރެ ފަލަވެފަ އެވެ. ސެލީނާ އެ އެވޯޑް ޝޯއަށް ދިޔައީ އޭނާގެ 9 އަހަރުގެ ކޮށްކޮ ގްރޭސީ އެލިއަޓް ޓީފޭއާ އެކުގަ އެވެ.

މަލާމާތުގެ ރައްދުގައި ސެލީނާގެ ކޮއްކޮއާއި ވާހަކަ ދައްކަމުންދާ ވީޑިއޯއެއް ޕޯސްޓްކުރިއިރު، އެ ވީޑިއޯގައި ބުނަނީ ސެލީނާ މިހާރު ބަރުވެފައިވަނީ ޗުއްޓީ ތެރޭގައި ބޮޑަށް އެންޖޯއި ކުރުމުން ކަމަށެވެ. އަދި ކޮއްކޮއަށް "ދޯ" ޖަހާލުމުން، ގްރޭސީވެސް އާއެކޭ ބުނެ އެވެ. އަދި އެކަމާ ހާސްނުވާ ކަމަށް ބުނެ ހޭން ފަށަ އެވެ.

އުމުރުން 30 އަހަރުގެ ސެލީނާ އަކީ ބޮޑީ-ޕޮޒިޓިވިޓީ އަށް ވަކާލާތު ކުރާ ތަރިއެކެވެ. މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ސެލީނާގެ ހަށިގަނޑުގެ ސައިޒަށާއި އެކިކަންކަމަށް މީހުންގެ އެތައް ލައްކަ ޕްޒިޓިވް އަދި ނެގެޓިވް ކޮމެންޓްތައް ލިބެމުން ދިޔަ އެވެ.

ސެލީނާގެ ހަށިގަނޑުގެ ސައިޒަށް މީހުން ކުރާ ކޮމެންޓްތަކުގެ ރައްދުގައި މިދިޔަ އަހަރު ސެލީނާ ބުނީ އޭނާގެ ބަރުދަނާ ބެހޭގޮތުން ކަންބޮޑުނުވާ ކަމަށާއި ކޮންމެ ގޮތަކަށް ހުއްޓަސް މީހުންގެ ކޮމެންޓް އަންނާނެ ކަމަށެވެ.

"މާ ކުޑަ"، "މާ ބޮޑު"، "ތި ފިޓެއް ނުވޭ" މި ޒާތުގެ ކޮމެންޓްތައް އަބަދުވެސް އަންނަ ކަމަށާއި ސެލީނާ ހުރީ ހަމަ ޕާފެކްޓްކޮށް ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އޭޕްރިލް މަހު "ގުޑް މޯނިން އެމެރިކާ" އަށް އަރައި ސެލީނާ ބުނީ އޭނާ ސޯޝަލް މީޑިއާއަށް އެނބުރި އައީ ހަތަރު ވަރަކަށް އަހަރު ދުރުގައި އުޅެފައި ކަމަށެވެ.

ސެލީނާ ވަނީ މީގެ ކުރިން އޭނާގެ ސިއްހީ އަދި ނަފްސަނީ މައްސަލަތަކުގެ ވާހަކަ އެކި ފަހަރު މަތިން ދައްކާފަ އެވެ. އަދި އިންޓަނެޓާ ވަކިވި އެންމެ ބޮޑު އެއް ސަބަބަކީ މީހުންގެ ފަރާތުން ސެލީނާއަށް ރައްދުވާ ފާޑުފާޑުގެ ކޮމެންޓްތަކުގެ ސަބަބުން ނަފްސާނީ ގޮތުން ނުރަނގަޅު އަސަރުތަކެއް ކުރުމުން ކަމުގައި ސެލީނާ ބުންޏެވެ.

ސެލީނާ، ލޫޕަސް ބަލިޖެހިގެން 2017 ވަނަ އަހަރު އެކަމުގެ ސަބަބުން ކިޑްނީ ހަލާކުވެ، ޓްރާންސްޕްލާންޓް ހެދުމަށްފަހު ކަމުންދިޔަ ބޭސްތަކުގެ ސަބަބުން ބަރުދަން އިތުރުވެގެން ދިޔަ އެވެ. އަދި އެދުވަސްވަރުގައިވެސް މީހުން ސެލީނާގެ ސައިޒަށް މަލާމާތްކުރަމުން ދިޔަ އެވެ.

ސެލީނާގެ ސިއްހީ އަދި ނަފްސާނީ ކަންތައްތައް ތަކާބެހޭ ގޮތުން އެޕަލް ޕްލަސް ޓީވީ އިން މިދިޔަ އަހަރު ޑޮކިއުމެންޓަރީއެއްވެސް ނެރުނެވެ.

ޑިޒްނީގެ "ވިޒަޑްސް އޮފް ވޭވަލީ ޕްލޭސް" އިން ކުރިއެރި ސެލީނާ ވަނީ ފިލްމް "އެނަދާ ސިންދަރެއްލާ ސްޓޯރީ"، "ޕްރިންސަސް ޕްރޮޓެކްޝަން ޕްރޮގްރާމް"، "މޮންޓި ކާލޯ" އަދި "ހޮޓެލް ޓްރާންސިލްވޭނިއާ" ފްރެންޗައިޒްގެ ހަތަރު ފިލްމު ފަދަ ފިލްމުތައް ކުޅެފަ އެވެ. އަދި ސެލީނާ މިހާރު ކުޅެމުންދާ "އޮންލީ މާޑާސް އިން ދަ ބިލްޑިން" އިން ސެލީނާ ގޯލްޑަން ގްލޯބް އެވޯޑަށް ނޮމިނޭޓްވެފައިވެ އެވެ.