މުހައްމަދު ނާޒިމް

ވަކި ފިކުރަކަށް، ކުލައަކަށް ބެލުމެއް ނެތި އިންސާފު ގާއިމުކުރާނަން: ނާޒިމު

އެންމެ ބޮޑު އަމާޒަކީ މީހެއްގެ ފިކުރަކަށް އަދި ކުލަޔަކަށް ބެލުމެއް ނެތި އަދުލު އިންސާފު ގާއިމުކުރުމުގައި ހަމަހަމަ އުސޫލުތަކެއް ހިފެހެއްޓުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ނާޒިމު ވިދާޅުވީ އިންސާފަކީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭނެ އެއްޗެއް ކަމަށެވެ.

ފަރުދީ މިނިވަންކަން ލިބޭނީ އަދުލު އިންސާފު ގާއިމުކޮށްގެން ކަމަށާއި އަދުލު އިންސާފު ގާއިމުނުކޮށް ސިޔާސީ މައިދާނުގައިވެސް މިނިވަންކަން ކަށަވަރު ނުކުރެވޭނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ނާޒިމު ވިދާޅުވީ ތަހުގީގުގެ މަރުހަލާއާއި ދައުވާކުރުމުގެ މަރުހަލާގެ އިތުރުން ޝަރީއަތުގެ މަރުހަލާ މިނިވަންކުރުމަކީ މުޅި ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި ދުވަސްވަރު ނުކުރާ ކުށަކަށް އަދަބު ލިބި ޖަލުގައި ހޭދަކުރަންޖެހުނު ދުވަސްތަކުގެ ހަނދާންތައްވެސް ނާޒިމުގެ ބަޔާނުގައި އާކުރައްވާފައިވެ އެވެ.

ނާޒިމު ވިދާޅުވީ ޖަލުގައި އޮންނެވި ދުވަސްވަރު ނުހައްގު ޖަލު ހުުކުމެއްގައި ތިން އަހަރާއި ހަމަސް ދުވަހު އަނބިދަރިންނާ ވަކިން އުޅެންޖެހުމުން އާއިލާއަށް ލިބުނު ނިކަމެތިކަން އަމިއްލަފުޅަށް ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެފަދަ ދެރައެއް އެހެން އެއްވެސް މީހަކަށް ލިބެން ނޭދޭކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ މާޒީ ދޫކޮށްފައި ނިކުމެ ސިޔާސީ މައިދާނުގައި މިއަދު ހުންނެވީ ގައުމަށް ހިދުމަތް ކުރަން ކަމަށެވެ. ގައުމުގައި މައްސަލަތައް ގިނަކަމާއި އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްވެސް ގިނަކަން ނާޒިމު ފާހަގަކުރެއްވި އެވެ.

ބަޔާން ނެރުއްވުމަށްފަހު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ މައްސަލަ ރިވިއުކުރުމަށް ސްޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާއިރު މި މައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން ކަމަށް ވިދާޅުވެފަ އެވެ.