ރައީސް މުހައްމަދު ނަޝީދު

ސަރުކާރުން ގެންގުޅެނީ ކޮމިއުނިސްޓް އުސޫލުތަކެއް: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންގުޅެނީ "ކޮމިއުނިސްޓް" އުސޫލުތަކެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

"ދިވެހި ޗެނަލް" އަށް ރައީސް ނަޝީދު ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ އުސޫލުތަކަކީ "ކޮމިއުނިސްޓް" އުސޫލުތަކެއް ކަމަށެވެ. އެއީ އެމްޑީޕީގެ ސިޔާސަތު ނޫން ކަމަށާއި ސަރުކާރުގެ އެފަދަ ސިޔާސަތުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮމިއުނިސްޓް އުސޫލުތަކަކީ ސަރުކާރުން ހުރިހާ ކަމެއް ކޮންޓްރޯލްކޮށްގެން އަދި ސަރުކާރުން ހުރިހާ ކަމެއްގައި ބައިވެރިވެގެން ވެރިކަން ކުރާ އުސޫލެކެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ވިސްނުންފުޅަކީ "ޓްރާންސިޝަނަލް ޕޮލިޓިކްސް" ކަމަށެވެ. އަދި ކޯލިޝަނެއް ނުހެދިޔަސް އެމްޑީޕީއާއި އެ ޕާޓީގެ ސިޔާސަތުތައް ވިއްކައިގެން މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ ރައީސް ސޯލިހު އުއްމީދު ކުރައްވާ ގޮތް. އެބޭފުޅާގެ ރެލެވެންސް. އެކަމަކު އަޅުގަނޑަށް އެބަ ފެނެއޭ އެމްޑީޕީގެ މަގުބޫލުކަން އިތުރުވާވަރު. ކޮންމެ އިންތިހާބަކަށްފަހު ވެސް، އެ ފަލްސަފާ ފެތުރިގެންދާވަރު، ރައްޔިތުން މިހާރު ތިބީ ރަނގަޅު ސިޔާސަތުތަކެއް ހުށަހަޅާ ޕާޓީއަކާ އެކު ކުރިއަށް ދާން،" ނަޝީދު ވިދާޅުވި އެވެ.

އަބަދުވެސް ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާތީ އެކަމަށްވެސް ނަޝީދު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ސޯލިހް ތާއިދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވާނަމަ އެއީ އިތުރުފުޅެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މައިދާނަށް ރައީސް ސޯލިހު ނިކުމެވަޑައިގަޑައިގަތުމަށްފަހު ދައްކަވާފައިވާ ހުރިހާ ވާހަކަތަކަކުން ވެސް އެމަނިކުފާނުގެ ވިސްނުމާ ތާއީދު ހުރި ގޮތް ހާމަވާ ކަމަށެވެ. މިގޮތުން ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމުގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ބަސްފުޅުތައް ބައްލަވާ. ސިޔާސީ މައިދާނަށް ނިކުތީއްސުރެ އެމަނިކުފާނު ވިދާޅުވެފައި ހުރި އެއްޗެހި. ކަނޑައެޅިގެން އިތުރުފުޅެއް އެ ހައްދަވަނީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދެފުށްފެންނަ ވެރިކަމެއް ކުރެވޭނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ކަމަށެވެ. އެކަމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ބޮޑުވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ކޮންމެ ހަފްތާއަކު ވަޑައިގެން، މެމްބަރުންނަށް އެ ބޭފުޅަކާ ސުވާލުކުރެވި. ބަހުސްތައް ހިންގި، ވަމުންދާގޮތް ދެފުށްފެންނަ ގޮތަށް ފެނި، ރައްޔިތުންނަށް އެނގިގެން ވެރިކަން ހިންގޭނެ ގޮތަކީ ބަރުލަމާނީ ނިޒާމެއް،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މި އިންޓަވިއުގައި ނަޝީދު ވަނީ އަދާލަތު ޕާޓީއަށް ވެސް ފާޑު ވިދާޅުވެފަ އެވެ. މިގޮތުން ރައީސް އޮފީހުގެ މަތީ މަގާމެއްގައި އަދާލަތު ޕާޓީގެ ބޭފުޅެއް ހުންނެވި ކަމަށާއި އެ ބޭފުޅާއަކީ ވަރަށް މޮޅަށް ހަދީސް އިލްމު އެނގިވަޑައިގަންނަވާ ބޭފުޅެއް ކަން ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް، އިގްތިސާދީ އަދި ހިންގުމުގެ ކަންކަމުގައި ހަދީސް އިލްމު ބޭނުންކުރުމަކީ މުނާސަބު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ފާޑުކިޔުން އަމާޒު ކުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއަށް ކަމަށް ބެލެވެ އެވެ. އޭނާ އަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.