ބޮލީވުޑް

"ފަރާޒް" އިން ޝަޝީ ކަޕޫރުގެ ކާފަ ދަރި ޒަހާން ތައާރަފްވަނީ

ކަޕޫރު އާއިލާގެ އިތުރު އެކްޓަރަކު ބޮލީވުޑަށް ތައާރަފްވާން ތައްޔާރު ވެއްޖެ އެވެ.

ޑައިރެކްޓަރު ހަންސަލް މެހެތާގެ "ފަރާޒް" އިންނެވެ. މި ފިލްމާއެކު ހިންދީ ފިލްމު އިންޑަސްޓްރީއަށް ނުކުންނަ މުޅިން އާ އެކްޓަރަކީ ކުރީގެ މަޝްހޫރު ބަތަލު ޝަޝީ ކަޕޫރުގެ ކާފަ ދަރިފުޅު ޒަހާން ކަޕޫރެވެ.

ފެބްރުއަރީ ތިނެއްގައި ރިލީޒްކުރަން ތައްޔާރުވެފައިވާ މި ފިލްމަކީ 2016ގައި ބަންގްލަދޭޝް އަށް ދިން ޓެރަރިސްޓް ހަމަލާގެ ވާހަކަތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި އިޝްތިހާރު ކުރަމުންދާ މި ފިލްމުގައި ދައްކާނީ މުޅި ބަންގްލަދޭޝްއަށް ޝޮކެއް ލިބުނު ހޯލޭ އާޓްސަން ކެފޭ އަށް ދިން ޓެރަރިސްޓް ހަމަލާ އާއި އެ ވަގުތު ކަން ހިނގާ ދިޔަ ގޮތެވެ.

މި ފިލްމުގެ ޓްރެއިލާ ހޯމަ ދުވަހު ރިލީޒްކުރުމާއެކު ކަޕޫރު އާއިލާގެ އެކްޓަރުން ތެރޭ ހިމެނޭ ކަރީނާ ކަޕޫރު ވަނީ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ޒަހާން އަށް ހޫނު މަރުހަބާއެއް ކިޔައި އޭނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި ލިޔުމެއް ޕޯސްޓްކޮށްފަ އެވެ.

"ވަރަށް މޮޅު ފިލްމެއް. އެހާމެ ހިތަށް އަސަރުކުރުވާ ވާހަކައެއް ދައްކުވައިދޭ ފިލްމެއް. އަދިތުޔާ، ޒަހާން، ޖޫހީ އާއި ފިލްމުގައި ބައިވެރިވާ އެންމެހާ ބައިވެރިންގެ އާދަޔާޚިލާފު މޮޅު ޕާފޯމަންސެއް ދައްކާ ފިލްމެއް،" ކަރީނާ ލިޔެފައި ވެއެވެ.

ކަޕޫރު އާއިލާގެ ޅީދަރިފުޅު އާލިއާ ބަޓް ވެސް ވަނީ ޒަހާންގެ ފިލްމަށް ތައުރީފުކޮށް މެސެޖެއް ޕޯސްޓްކޮށްފަ އެވެ.

"ފަރާޒް"ގެ ޓްރެއިލާ އިން ފިލްމުގައި ޒަހާން ކުޅެނީ ހީރޯއެއްގެ ރޯލުކަން ހާމަވެ އެވެ.

"ފަރާޒްގެ ރޯލު ކުޅެން ލިބުމުން ވަރަށް ހިތްހަމަޖެހޭ. ޓެރަރިޒަމާއި އަނިޔާއާ ދެކޮޅަށް އިންސާނީ ޚިދުމަތަށް ނުކުތް ހިތްވަރުގަދަ ފިރިހެން ކުއްޖެއްގެ ނުދައްކާ ހުރި ވާހަކަތަކެއް މި ފިލްމުގައި ދައްކާނެ،" ފިލްމުގެ ޕޯސްޓަރު ޝެއާ ކުރަމުން ޒަހާން ލިޔެފައި ވެއެވެ.

މި ފިލްމުގެ ޓްރެއިލާ ބެލި މީހުން ސޯޝަލް މީޑިއާގައި ކުރި ކޮމެންޓްތަކުގައި އެއްކަމެއް ފާހަގަކޮށްފައި ވެއެވެ. ޒަހާން އާއި އޭނާގެ ކާފަ ޝަޝީ ކަޕޫރު ޅައިރާ ވައްތަރު ގޮތެއް ހުރި ކަމަށެވެ.

ޒަހާން އަކީ ޝަޝީ ކަޕޫރުގެ ފިރިހެން ދަރިފުޅު ކުނާލް ކަޕޫރުގެ ދަރިއެކެވެ.