ބޮލީވުޑް

"ތަޚްތު"ގެ ޝޫޓިން ފެބްރުއަރީ މަހު

ކަރަން ޖޯހަރު ޑައިރެކްޓު ކުރާ ފިލްމު ތަޚްތުގެ ޝޫޓިން އަންނަ އަހަރު ފެބްރުއަރީ މަހު ފެށުމަަށް ތައްޔާރު ވެއްޖެ އެވެ.

މުގަލް ޒަމާނުގެ ވާހަކަތަކެއް ކިޔައިދޭ މި ފިލްމުގެ ކާސްޓުން މިހާރު ވަނީ ޔަގީންކޮށް އިއުލާން ކޮށްފަ އެވެ. ރަންވިރު ސިންގް، އާލިއާ ބަޓް، ކަރީނާ ކަޕޫރު، ބޫމީ ޕެޑްނޭކަރު އަދި އަނިލް ކަޕޫރުވެސް އެކުގައި ފެންނަ މި ފިލްމުގައި ލީޑް ރޯލުތައް ދީފައިވަނީ ބޮލީވުޑްގެ އޭ ލިސްޓު ތަރިންނަށެވެ.

ހަބަރުތައް ބުނާ ގޮތުން، މިހާރު ކުރިއަށް ދަނީ ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ. އެގޮތުން، ފިލްމު ނަގާނެ ލޮކޭޝަންތައް ޔަގީން ކުރުމާއި ސެޓް ޑިޒައިން ކުރުން ހިމެނެ އެވެ. މި ފިލްމަކީ ކުރީ ޒަމާނުގެ ސްޓައިލަށް ގެނެސްދޭ ފިލްމެއް ކަމުން ޒަމާން ދައްކުވައިދޭ ގޮތަށް ސެޓުތައް ފުރިހަމަ ކުރަން މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.

ފިލްމުގެ ޝޫޓިން އަށް ތައްޔާރު ވަމުން އަންނަ އިރު، ވާހަކައިގެ ބަހުރުވަ އަދި ބޮޑީ ލެންގުއޭޖު ދަސްކޮށްދިނުމަށް ފިލްމުގެ ޑައިރެކްޓަރު އިތުރު ކްލާސްތަކެއް ނަގައިިދެމުން އަންނަ ކަމަށްވެސް ރިޕޯޓުކޮށްފައި ވެ އެވެ.

މި ފިލްމުގައި ދައްކުވައިދޭނީ، މުގަލް ޒަމާނުގައި ރަސްކަން ކުރި ޝާހް ޖަހަންގެ ދޮށީ ފިރިހެން ދަރި އާއި ހަގު ފިރިހެން ދަރީގެ ދެމެދުގައި ހިނގާ ހަނގުރާމަ އެވެ.