ނެޓްފްލިކްސް އިން ރިލީޒްކުރި "ގަލާ"ގެ މިއުޒިކް އަލްބަމް އަކީ ކުރީގެ ބްލެކް އެންޑް ވައިޓް ފިލްމުތަކުގެ ޒަމާނުގެ ހަނދާންތައް އާވާ ކަހަލަ ރީތި ކްލެސިކް ލަވަތަކެއް ހިމެނޭ އަލްބަމެކެވެ. އަންވިތާ ދަތުގެ "ގަލާ"ގެ ހަމަ ކޮންމެ ލަވައެއްގައިވެސް ކުރީ ޒަމާނުގެ އިހްސާސްތައް އެކުލެވިގެން ވެއެވެ.
ބާބިލް ޚާނާއި ޓްރިޕްތީ ޑިމްރީ ލީޑް ރޯލުކުޅެފައިވާ "ގަލާ"އަށް މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އަމިތު ޓްރިވޭޑީ އެވެ.
މި ފިލްމުގެ އެއް ލަވައެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެ އެތައް މިލިއަން މީހުންނެއްގެ އެންމެ މަގްބޫލު ލަވަޔަށް ވަނީ ވެފަ އެވެ. އެއީ "ގޯޅެ ޕެ ސަވާރް" އެވެ.
ގިނަ ބަޔަކު މިހާރު ބުނަމުން ދަނީ "އަލްބަމް އޮފް ދަ އިޔާ" (އަހަރުގެ އެންމެ ރީތި އަލްބަމް)ގެ އެވޯޑު "ގަލާ"އަށް ހައްގު ކަމަށެވެ.
އަމިތާބު ބަޓަޗާރިޔާ ލިޔެފައިވާ މި ލަވައިގެ އަޑުގެ ވެރިޔަކީ ސިރީޝާ ބަގަވަތުލާ އެވެ.
"ގޯޅެ ބެ ސަވާރް" ނޫނަސް "ގަލާ"ގެ އެހެން ބައެއް ލަވަތައް ވެސް ސިރީޝާ ކިޔައިދީފައި ވެއެވެ. ހަގީގަތަށް ބުނާނަމަ ބުނެވޭނީ މި ފިލްމުގެ ބަތަލާ ޓްރިޕްތީގެ އަޑަކީ ސިރީޝާގެ އަޑު ކަމަށެވެ.
އުމުރުން 26 އަހަރުގެ ސިރީޝާގެ އަޑުގައި ކުރީ ޒަމާނުގެ ލަވަކިޔުންތެރިންގެ އަޑުގައި ހުންނަ ކަހަލަ ގޮތްތަކެއް އެބަހުއްޓެވެ. އޭނާގެ އަޑުގެ ޖާދޫގައި ގިނަ ބަޔަކު ޖެހުނީ އެހެންވެ ކަމަށް ވެއެވެ.
ސިރީޝާ އަކީ މިދިޔަ އަހަރު ސޮނީ ޓީވީން ދެއްކި "އިންޑިއަން އައިޑަލް 12"ގެ ބައިވެރިޔެކެވެ. ނަމަވެސް ފައިނަލަށް ނުގޮސް ސިރީޝާ ވަނީ ކަޓާފަ އެވެ.
"ގަލާ"އަށް ލަވަ ކިޔުމުގެ ފުރުސަތު ސިރީޝާ އަށް ލިބުނީ ވެސް "އިންޑިއަން އައިޑަލް"ގައި އޭނާ ލަވަ ކިޔާތަން މިއުޒިކް ޑައިރެކްޓަރު އަމިތުއަށް ފެނިގެން އޭނާގެ އަޑު ކަމުގޮސްގެން ކަމަށް އަމިތުއާ ހަވާލާދީ އިންޑިއާގެ ނޫހަކުން ބުނެފައި ވެއެވެ.
އެކަމަކު ސިރީޝާ ބުނީ މިއުޒިކް ކުޅޭ އޭނާގެ ބޭބެއެއް ހުންނަ ކަމަށާއި އެ ބޭބެ ކޮމްޕޯޒްކުރި ލަވައެއް މިއުޒިކް ޑައިރެކްޓަރު އަމިތު އަށް ބޭބެ އަޑުއިއްވީ ކަމަށެވެ.
އެ ލަވަ ކިޔާފައިވަނީ ސިރީޝާ އާއި އެހެން ކުއްޖަކާ ދެމީހުން ވެގެން ކަމަށާއި އެ ލަވަ އަޑުއަހާފައި އަމިތު އަށް ސިރީޝާގެ އަޑު ކަމުގޮސްގެން "ގަލާ"ގެ ލަވަތައް ކިޔަން ލިބުނީ ކަމަށެވެ.
އޭގެ ކުރިން ސައުތު އިންޑިއާގެ ބައެއް ފިލްމުތަކަށް މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ތައްޔާރުކުރި ބައެއް އަލްބަމްތަކުގެ ބައެއް ލަވަތައް ސިރީޝީގެ އަޑުން ރެކޯޑް ކޮށްފައި ވެއެވެ. މީގެތެރޭގައި 2009 ގައި "ބިގިލް" ކިޔާ ފިލްމަކަށް ރަހްމާން ތައްޔާރުކޮށްދިން ލަވަތައް ހިމެނެ އެވެ.