ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންވީ އެއްވެސް ސަބަބެއް ނެތް ކަން މިއަދުގެ ހާލަތު ހުރި ގޮތް ބަލައިފިނަމަ މާބޮޑަށް ސާފު ވާނެ ކަމަށެވެ.
ރައީސް ނަޝިދު ވިދާޅުވީ މިދިޔަ ފަސް އަހަރުވެސް ތަންތަނުގައި ބިން އޮތް ކަމަށާއި ފަސް އަހަރުތެރޭ އެތަންތަނުން ބިން ދޫނުކުރައްވާ ވޯޓުގެ ދުވަހު މިވާހަކަ ކުއްލިއަކަށް ދައްކަވަންވީ ސަބަބެއް އެމަނިކުފާނަށް ނުފެންނަ ކަމަށެވެ.
"ފާއިތުވި ހުރިހާ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުން ދިޔައީ ތަކުރާރުކޮށް ސަރުކާރުގައި މި ޝަކުވާ އުފުލަމުން. ނަމަވެސް ސިޔާސަތެއް ތަންފީޒުވެގެނެއް ނުދިޔަ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ އިސްވެ ހުންނެވި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފެށި ވެށިފަހި މާލޭ ޕްރޮގްރާމުވެސް ސަރުކާރުން ކުރިއަށް ނުގެންދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ވޯޓަށް ހަފްތާއަކަށް ވީމާ މާލޭ ރައްޔިތުން ގާތު ގޯތި ދޭނަމޭ ވިދާޅުވުމުން އެއީ ރިޝްވަތު ދެއްވުމަށް ވިދާޅުވާ ވިދާޅުވުމެއްގެ ގޮތުގައިވެސް ނަޝީދު ސިފަކުރެއްވި އެވެ.
ރިޝްވަތަކީ އެމްޑީޕީ އިން ބަލައިގަންނަ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ އެމްޑީޕީގެ ފަރާތުން ސަރުކާރަށް ހުށަހެޅި ކަންކަން ތަންފީޒު ނުކުރާކަން ފާހަގަކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާނަމަ އެމްޑީޕީގެ ޓިކެޓްގައި އެއްވެސް ބޭފުޅަކު ކުރިމަތިލައްވައިގެން ނުވާނެ ކަމަށެވެ.
"ދެހާސްތޭވީސް ވަނަ އަހަރު ރައީސް ސޯލިހު އެ ވިދާޅުވަނީ އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުކުރެވޭނެއޭ. އެހެން ހަމަ ވިދާޅުވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައިވެސް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނީ ކޯލިޝަނަކާ އެކު ކަމަށް ރައީސް ސޯލިހް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ ކަމަށް ބެލެވެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރަނގަޅު ސިޔާސަތުތަކެއް ތަންފީޒުކޮށްދޭނެ ސަރުކާރެއް ކަމަށެވެ. އެ ސިޔާސަތުތަކަކީ ކޮބައިތޯ މިފަހަރު ރައްޔިތުން އެނގެން ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީ އިން ހުށަހަޅާ ކަންކަން ސަރުކާރުން ތަންފީޒު ނުކުރާ ކަމަށްވެސް ތަކުރާރުކޮށް ތުހުމަތުކުރެއްވި އެވެ.
"އެމްޑީޕީ 2018 ވަނަ އަހަރު ހުށަހެޅި އެންމެ މުހިންމު އެއް ސިޔާސަތަކީ ދައުލަތުގެ ދަރަނި އެމްޑީޕީ އިން ހަމަޖެއްސުމަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތް. އެގޮތުން ޕާޓީގެ ހުށަހެޅުމަކަށްވީ 2019 ވަނަ އަހަރު ދައުލަތުގެ ދަރަނި އަލުން އެކުލަވާލުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހުށަހެޅުމުގައި ވަނީ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް އަލުން ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާވެސް މަޝްވަރާކޮށް ދަރަނީގެ މުއްދަތުވެސް އަދި ދަރަނީގެ އިންޓްރެސްޓްވެސް ބަދަލުކުރުމަށް ގޮތްތަކެއް އެކުލަވާލުން ކަމަށެވެ. ނަމަވެސް ސަރުކާރުން މި ސިޔާސަތު ތަންފީޒު ނުކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރުން ނިންމީ ކުރީގެ ދަރަނި ދެއްކުމަށް އާދަރަނި ނަގަން. އާދަރަނި އަލުން އަނބުރާ ދައްކަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަކީ ސިޔާސަތުތަކަކާއި އެކު އިންތިހާބުތަކާ ކުރިމަތިލާ ޕާޓީއެއް ކަމަށާއި މިއަހަރު ޓެކްސް ބޮޑުވީވެސް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރުމުން ކަމަށެވެ.
"އެމްޑިޕީގެ އެތައް މެމްބަރުންނެއް ސަރުކާރާ މެދު ހިތްހަމަނުޖެހެނީ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުކުރާތީ. އެމްޑީޕީގެ ސަރުކާރެއްގައި ޓެކްސް ކުޑަކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ތަންދޮރު ފިލާފައި ތިބި ވާނުވާ އެނގޭ ބައެއް ކަން އެމަނިކުފާނުގެ ވާދަވެރިންނަށް އެނގެންޖެހޭ ކަމަށެވެ. ވޯޓުލާ ދުވަސް ކައިރިވުމުން ބަޔަކު ވަކިކަމެއް ކޮށްގެން ގޯއްޗެއް ލިބޭނެ ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫންކަން ރައްޔިތުންނަށް މިއަދު އެނގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ފަހު އަހަރެއް ނޫން މިކަން ކުރަން އުޅޭނީ. ވޯޓަށް ހަފްތާއެއް ވީމައެއް ނޫން ސިޔާސަތުތައް ތަންފީޒުކުރަން އުޅޭނީ. މިއަދު މިއީ މީހުން ތަންތަނަށް ވަދެ އެކަމުގެ އުފަލުގައި އެމްޑީޕީގެ ދެވަނަ ދައުރެއް ދިނުމަށް ނިކުންނަންވީ ދުވަސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީއާއި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ޔަގީންކަމާ އެކު ވިދާޅުވަމުންނެވެ. ރޭވެސް އެ ޔަގީންކަން ދެއްވެވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ ކެމްޕޭންގައި ހުވަދު އަތޮޅުގަ އެވެ.