އެމްއެންޑީއެފް

އެން ހިފަން ނިކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިފި

އެން ހިފަން ނިކުމެ އުޅުނު ދޯންޏެއް މ. މަޑުއްވަރީ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި "ރޭވަން" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ 10:40 ހާއިރު އެވެ.

މައުލޫމާތު ލިބުމާއިއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

މި ދޯނި މިހާރު ފުން ކޮށްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ފަރަށް އެރި އިރު 40 ފޫޓުގެ އެ ދޯނީގައި 9 ފަޅުވެރިން ތިއްބެވެ. އަދި މި ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.