ރައީސް މުހައްމަދު ނަޝީދު

މަހުގެ އަގު މަތިކުރަން އެމްޑީޕީ ސިޔާސަތު ތަންފީޒުކުރުން އަވަސްކުރޭ: ނަޝީދު

މަހުގެ އަގު މައްޗަށް ޖެއްސުމަށްޓަކައި އެމްޑީޕީގެ ސިޔާސަތުތައް މިހާރުން މިހާރަށް ސަރުކާރުން ތަންފީޒުކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ކެމްޕޭނުގައި ގދ. މަޑަވެއްޔަށް ވަޑައިގެން ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީ ގެނައުމުގައި އިސްކަންދޭންޖެހޭ ކަންތައްތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެކަންތައްތައް އެގޮތުން ކުރުން އަވަސްކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ.

މީގެތެރޭގައި ކުރުރާސްތާ އާއި މެދު ރާސްތާގެ އިތުރުން ދިގު މުއްދަތުގައި ހިންގަންޖެހޭ ކައްތައްތަކެއް އެބަހުރި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. މިގޮތުން މަހުގެ އަގު އުފުލުމަށް ގެންނަން ޖެހޭ ސިޔާސަތުތަކަކީ މި ވަގުތު މިހާރުން މިހާރަށް ތަންފީޒުކުރަންޖެހޭ ކަންތައްތަކެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަހުގެ އަގު 17 ރުފިޔާ ބަޔަށް ހުރެފައި ފަސް ޓަނަށް ވުރެ އިތުރަށް މަސް ނުކިރުމަކީ މަސްވެރިންނަށް ދަތިވާ ކަމެއް ކަމަށެވެ. އެ ދަތި މަސްވެރިންނަށްޓަކައި ހައްލުކޮށްދޭން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

"17 ރުފިޔާއަށް މަސް ކިލޯއެއް ހުރެ 19 ރުފިޔާ އާއި 21 ރުފިޔާ އާއި ދެމެދުގައި ޑީސެލް ލީޓަރެއް ހުރީމަ އަދި 800 ރުފިޔާ އާއި ހާހެއްހާ ދެމެދުގައި އައިސް ޓަނެއް ހުރެފައި ދޯންޏަށް ކުރަންޖެހޭ ހަރަދު ކޮށްފައި 1،700 ރުފިޔާއަށް މަސް ކިލޯއެއް ވިއްކުން ދެކޮޅެއް ނުޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތެލަށް ކުރަންޖެހޭ ހަރަދާ އެއްވަރުގެ އާމްދަނީއެއް ނުލިބޭތީ ރަށްރަށުން މަހަށް ފުރާ ދޯނި މަދުވެއްޖެ ކަމަށާއި އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އެގޮތަށް ހާލަތު މެދުވެރިވީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުން ފަސްޖެހުމުން ކަމުގައި ވިދާޅުވި އެވެ.

"މި ޕާޓީން ދެނެގަތް އިލްމަކީ ރާއްޖޭގައި ބޭރުކުރާ މަސް ރޮލާ ބޭރުކުރާހާ ހިނދަކު އަޅުގަނޑުމެންނަށް އެކަށީގެންވާ އަގެއް ނުހޯދޭނެ ކަމަށް. ރޯމަސް ޓަނެއް ބޭރަށް ފޮނުވެނީ 1،400 ޑޮލަރަށް 14 ރުފިޔާއަށް ކިލޯގެ މަގުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަސް ފައްކާކޮށް ބަންދުކޮށްފައި ޕްރޮސެސް ކުރުމުން ޔޫރަޕްގެ ބާޒާރުގައި 350 ރުފިޔާއަށް ކިލޯއެއް ވިކޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ ރަށްރަށުގައި މަސް ބަންދުކުރެވޭ ގޮތް ހެދުން އަވަސްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ހަގީގީ ފައިދާ ހޯދުމަށްޓަކައި ރަށްރަށުގައި މަސް ފައްކާކުރެވެން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުގައި މަސްވެރިންނަށް އެމީހުންނަށް ލިބެންޖެހޭ ހަގީގީ މަންފާ ހޯދޭނެ ގޮތްތައް ހިމެނި ނަމަވެސް ސަރުކާރުން އެކަން ތަންފީޒު ނުކުރި ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތައް މިވެރިކަމުގައި ތަންފީޒުކުރާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ދޭހަވާ ގޮތަށްވެސް ވާހަކަފުޅު ދެއްކެވި އެވެެ.

"ސަރުކާރުން ހިންގަމުން ގެންދިޔައީ އިއްތިހާދުގެ ސިޔާސަތުތައް. އެމްޑީޕީގެ ސިޔާސަތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެންމެ ފަހުން މަހުގެ އަގު ދަށްވުމުން ސަރުކާރުން ދެން ކުރިކަމަކީ ސަރުކާރު ހިންގާ ކުންފުނިތަކަށް ރައްރަށުގައި ތިބި ކުދިންތައް ވެއްދުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުގެ ބޭނުންތައް ފުދޭ ގޮތަށް މިކަންތައް ކުރުމަކީ ރާއްޖޭގެ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އެމްޑީޕީގެ މެނިފެސްޓޯ މިކަމަށް އެއްވެސް ގޮތަކަށް ޖާގައެއް ނުދޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަދި އެނބުރި މަޑަވެއްޔަށް ވަޑައިގަންނަވާނެ ކަމަށާއި ދެން ވަޑައިގަންނަވާއިރު ޖީބުގައި އޮންނާނީ އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ކަމަށެވެ.

ޕްރައިމަރީ ކެމްޕޭނުގައި މަޑަވެއްޔަށް ވަޑައިގެން ރައީސް ނަޝީދު ވަނީ މަޑަވެލީގައި އެމްޑީޕީ ޖަގަހައެއް ހުޅުއްވާދެއްވާފަ އެވެ. ޖަގަހައިގެ ނަމަކަށް ލިޔެފައިވަނީ "ރިއެކްޓް ޖަގަހަ" އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.