ޓީއެމްއޭ

ނޫވިލު ސީޕްލޭން ޓާމިނަލްގެ ޓީއެމްއޭގެ ލައުންޖް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ނޫވިލު ސީޕްލޭން ޓާމިނަލްގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ލައުންޖް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

ޓީއެމްއޭ އިން ކުރި އިއުލާނެއްގައި ބުނީ ނޫވިލު ސީޕްލޭން ޓާމިނަލްގެ ލައުންޖް ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ. އޭގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށް ޓީއެމްއޭ އިން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ހިންގަނީ ޓީއެމްއޭ އިންނެވެ.

ޓީއެމްއޭގައި ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ 60 ބޯޓު އޮވެ އެވެ. ޓީއެމްއޭއިން ރާއްޖޭގެ 80 ރިސޯޓަށް ދަތުރުކުރެ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް އެވެ. އެގޮތުން ޓާމިނަލްގެ ބޮޑުމިނުގައި 28،000 އަކަމީޓަރު ހުންނައިރު، ޓާމިނަލުގައި ހުންނަ އެމްއާރުއޯ ފެސިލިޓީގެ ބޮޑުމިނަކީ 8،836 އަކަމީޓަރެވެ.

މި ސީޕްލޭން ޓާމިނަލްގައި 100 އަކަމީޓަރުގެ ވީވީއައިޕީ ސެކްޝަނެއް ވެސް ހުރެ އެވެ.

މީގެ އިތުރުން ނޫވިލު ސީޕްލޭން ޓާމިނަލްގައި ޖުމްލަ 42 ލައުންޖު ހުރެ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްގެ ތަރައްގީގެ މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރެވެ.