އެސްޓީއޯ

އަނެއްކާވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ސަރުކާރާއި އާމުން ހިއްސާވާ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސެލް އަދި ޕެޓްރޯލެގެ އަގު އަނެއްކާވެސް ހެޔޮ ކޮށްފި އެވެ. އެސްޓީއޯއިން މިއަހަރު ފެށުމާއެކު ވެސް ވަނީ ތެލުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. އެގޮތުން މިއަދާއި ހަމައަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 9.80 ރުފިޔާ އަށް އަދި ޑީސެލް ލީޓަރެއް ވިއްކީ 10 ރުފިޔާއަށެވެ. އޭގެ ފަހުން އެސްޓީއޯއިން މިއަދު ވެސް ވަނީ ތެލުގެ އަގު އިތުރަށް ކުޑަކޮށްފަ އެވެ.

މިއަދު އެކުންފުނި ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއި ގުޅިގެން މިމަހު ފުރަތަމަ ދުވަހުވެސް ތެލުގެ އަގު ހެޔޮކޮށްފައިވާނެ ކަމަށާއި ނަމަވެސް އިތުރަށް ދިރާސާ ކުރުމަށް ފަހު އަނެއްކާވެސް 75ލ. ހެޔޮ ކުރަން ނިންމީ ކަމަށެވެ.

"އެގޮތުން މިއަދުން ފެށިގެން އެސްޓީއޯއިން ޑީސެލް ވިއްކާނީ 9.25 ރުފިޔާ އަށްި އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.05 ރުފިޔާ އަށް. ޖުމްލަކޮށް ބަލައި އިރު ވޭތުވެދިޔަ ނުވަ ވަރަކަށް މަސްތެރޭގައި އެއް ރުފިޔާ 1.95 ރުފިޔާ މިވަނީ ޕެޓްރޯލް އަދި ޑީސެލް އިން ކުޑަ ކުރެވިފަ. އަޅުގަނޑު ދަންނަވާލަން އޮތީ ރާއްޖެއަކީ މިސަރަހައްދުގެ އެންމެ ތެލުގެ އަގު ހެޔޮ ގައުމުކަން،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ ގޮތުގައި މުސްތަގުބަލުގައި ވެސް ދުނިޔޭގެ ތެލުގެ އަގަށް އަންނަ ބަދަލުތައް ދިރާސާކޮށް އަދި ތެލުގެ އަގަށް ހެޔޮ ބަދަލު ތަކެއް އަންނަ ކަމަށް ވާނަމަ ރާއްޖޭގެ އަގަށް ވެސް ހެޔޮ ބަދަލު ގެންނާނެ ކަމަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ އަހަރު ވެސް ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ހެޔޮ ކުރި އެވެ. 2015 ވަނަ އަހަރު ނިމިގެން އައި އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 2.9 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އެގޮތުން ސާފު ނުކުރާ ތެޔޮ ފީފާ އެއްގެ އަގު ވަނީ 36.6 ޑޮލަރަށް ވެއްޓިފަ އެވެ. އަދި އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ މި އަހަރުގެ ތެރޭގައި އިތުރަށް ތެލުގެ އަގު ދަށްވާނެ ކަމަށެވެ.