ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހޮޓާ ދޫކޮށްލަން އެ ކުންފުނިން ނިންމައިފި އެވެ.
އެ ހޮޓާ ދޫކޮށްލަން ނިންމިކަން އެސްޓީއޯގެ ފަރާތުން ހާމަކުރެއްވީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯއާ ނުގުޅޭ ބައެއް ވިޔަފާރިތައް ދޫކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ.
ހޮޓަލާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެންމެ ފަހުގެ މަރުހަލާގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ބިމެއް ހޯދީ 2007 ވަނަ އަހަރު އެވެ. އެ ހޮޓާ ހުޅުވުމަށް އެސްޓީއޯއިން ގިނަ ހަރަދުތަކެއްކުރި އެވެ.
އޭގެ ފަހުން "ރެޑިސަން ބުލޫ" ގެ ނަމުގައި މިފަދަ ވިޔަފާރިތައް ކުރާ އެެމެރިކާގެ ކާލްސަން ގުރޫޕާއެކު ހޮޓާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް 2011 ގައި ފެށިީ 250 ކޮޓަރި ހިމެނޭ ގޮތަށެވެ. އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލަން މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ.
އޭގެ ފަހުން ތަފާތު ގޮތްގޮތަށް ހޮޓާ ވިއްކުން ކުރިޔަށް ގެންދަން އުޅުމަށް ފަހު އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދަން އެއްބަސްވީ 2020 ވަނަ އަހަރު އެވެ. ހޮޓާ ވިއްކާލަން ނިންމިފަހުން އެ ހޮޓާ ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީ އިން 2021 ވަނަ އަހަރު އިއުލާނުވެސް ކުރި އެވެ.