އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ހޮޓާ ވިއްކާލަން ދެވަނަ ފަހަރަށް ކުރި އިއުލާނު ކުރުމުން އެކަމަށް ފަސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ވިދާޅުވީ ހުޅުމާލޭ ހޮޓާ ގަންނަން 10 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރެއިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ފަސް ފަރާތަކުން ކަމަށާއި އެ ފަރާތްތާ މިހާރު ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.
"ދިހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، އޭގެ ތެރެއިން ފަސް ފަރާތަކާ މިހާރު ވާހަކަ ދައްކަމުން ދަނީ. ދިހަ ފަރާތް ޝައުގުވެރިކަން ފާޅު ކުރި ކަމުގައި ވިޔަސް، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓުތަކެއް ހުށަހެޅީ ފަސް ފަރާތަކުން. އަދި އެ ފަސް ފަރާތާ ވާހަކަ ދައްކަމުން މިދަނީ. އަޅުގަނޑުމެން އިއުލާން ކުރި އިރު ހުރިހާ މައުލޫމާތެއް އެއް ފަހަރާ ނުދެން. ޑޮކިއުމެންޓްސް ހުށަހެޅީމާ ވަގުތީ ގޮތުން އެގްރިމެންޓެއް މި ހަދަނީ އެ ފަރާތްތަކާއެކު. އެ މައުލޫމާތަކީ ހަމައެކަނި އިންޓްރެސްޓެޑް ޕާޓީސްއަށް ދޭ އެއްޗަކަށް ވާތީ އެހެން ފަރާތްތަކާ ޝެއާ ނުކުރާނެކަމުގެ އެގްރިމެންޓެއްގައި ސޮއިކުރަނީ. ސޮއި ކުރީމާ އެ މައުލޫމާތު ހިއްސާކުރަނީ،" އެމްޑީ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ އެ ފަސް ފަރާތާ މިހާރު މަޝްވަރާ ކުރަމުން ދާ ކަމަށެވެ. އަދި އަންނަ މާޗް މަހު ބިޑް ހުށަހެޅުމުގެ ފުރުސަތު އެ ފަސް ކުންފުންޏަށް އޮންނާނެ ކަމަށެވެ. އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ހޮޓާ ގަތުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އެންމެ ދިވެހި ކުންފުންޏެއް ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.
މި ހޮޓާ ވިއްކާލަން އެންމެ ފުރަތަމަ ނިންމީ 2016، ވަނަ އަހަރު އެވެ. އެ އަހަރު އެސްޓީއޯއިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހޮޓާ ވިއްކާލަން އުޅޭކަން އިއުލާނު ކޮށްދެއްވަމުން އޭރުގެ، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައިވަނީ ހޮޓާ ވިއްކާލުމުގެ ގޮތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މި ހޮޓަލަކީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތް ކުރަން ފެށި ހޮޓަލަށެވެ. މި ހޮޓަލުގެ މަސައްކަތް ނިންމަން ތައި އެގްޒިބް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައިވެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ ހޮޓަލުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އަދި މިހާރު މި ހޮޓަލުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ނިމި ގާތްގަނޑަކަށް 70 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. މި ހޮޓާ ހިންގަން ހަމަޖައްސާފައިވަނީ އެމެރިކާގެ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ" ގެ ނަމުގަ އެވެ.