އެސްޓީއޯ

ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން އެސްޓީއޯ އިން ނިންމައިފި

ރާއްޖޭގައި ގާއިމުކުރަން އުޅުނު ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން އެސްޓީއޯ އިން ނިންމައިފި އެވެ.

ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމިކަން އެސްޓީއޯގެ ފަރާތުން ހާމަކުރެއްވީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ.

ޝިމާދު ވިދާޅުވީ ފުށް ފެކްޓަރީ އިން ފައިދާ ވާނެ ކަމަށް ފަހުން ހެދި ފީސިބިލިޓީ ސްޓަޑީ އިން ނުފެންނަ ކަމަށެވެ. އެހެންކަމުން އެ ވިޔަފާރިއަށް ނުވަންނަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ރާއްޖޭގައި ފުށް އުފައްދަން ނިންމީ މިދިޔަ ސަރުކާރުގަ އެވެ. އެ ފެކްޓަރީ ހދ. ކުޅުދުއްފުށީގައި އަޅަން ނިންމާ ބިންވެސް ހަމަޖެއްސި އެވެ.

އޭރު ނިންމާފައި އޮތީ ރޯ ގޮދަން ރާއްޖެއަށް އެތެރެކޮށް ފެކްޓަރީގައި ތަފާތު ބާވަތްތަކުގެ ފުށް އުފެއްދުމަށެވެ. އަދި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަދި އާންމުންގެ ބޭނުންތަކަށް ބޭނުންވާ ގޮތަށް ތަފާތު ބާވަތްތަކުގެ ފުށް، ފެކްޓަރީގައި ބަންދުކުރުމަށް އޭރު ނިންމި އެވެ.