ކޮޗިން ފެރީ

ކޮޗިން ފެރީގެ ދެވަނަ ދަތުރު ނޮވެންބަރު 12 ގައި

އިންޑިއާގެ އާއި ރާއްޖެއާ މުދާ އުފުލަން ފެށި، "ކޮޗިން ފެރީ" ގެ ދެވަނަ ދަތުރު ނޮވެންބަރު ބާރަ ހިސާބުގައި އޮންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ ގެންނަ ސޫތުކުޅި ބަނދަރުގައި ހުރި މުދަލާއި ކޮޗިންގެ ބަންދަރުން މުދާ ހިފައިގެން އައި އިންޑިއާގެ މުދާ ބޯޓުގެ ފުރަތަމަ ދަތުރުގައި ގެނެސްފައި ވަނީ ދެ ކޮންޓްއިނަރުގެ މުދަލެވެ. އިންޑިއާގެ ކޮޗިން އިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުރި، "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ. ކުޅުދުއްފުއްޓަށް ބަދަރުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮޗިން ފެރީގެ ހަބަރެއް މި މަހު ނެތް ކަމަށް ބުނެ ކުރީގެ މެންބަރު ނިހާން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ އަމްރު ވިދާޅުވީ އިންޑިއާ ކާގޯ ފެރީ މި ވަގުތު މާލެ ސަރަހައްދުގައި މުދާ ބާލަމުންދާ ކަމަށެވެ. އަދި އެނބުރި ގޮސް ދެން އަންނާނީ އަންނަ މަހުގެ 12 ހިސާބުގައި ކަމަށް ވިދާޅުވިއެވެ.

އަދި ނިހާނަށް އިޝާރާތް ކުރައްވާ "ކާގޯ ފެރީން މުދާ ގެންނަން ބޭނުންވީތޯ" ސުވާލު ކުރެއްވިއެވެ.

މި ދަތުރާ ބެހޭ ގޮތުން، ކުރިން ދެ ގައުމުގެ ސަރުކާރުން ވެސް ބުނަމުން ދިޔައީ، އިންޑިއާ އާއި މާލެއާ ދެމެދު ދަތުރު ފަށާނީ މީހުން އުފުލާ ފެރީގެ ހިދުމަތް ކަމަށެވެ. ނަމަވެސް މިހާރު ޕްލޭންކޮށްފައި ވަނީ ރާއްޖެ އާއި ކޮޗިންއާ ދެމެދު މުދާ އުފުލަން 2-3 ދަތުރު ކުރުމަށެވެ. މި ދަތުރުތައް ކުރާނީ ކޮޗިނުން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

އިންޑިއާގެ އާއި ރާއްޖެއާ ދެމެދު އެ ގައުމުގެ ސަރުކާރުން މުދާ އުފުލަން ފެށުމަކީ މި ސިނާއަތުގެ ތަޖުރިބާކާރުންގެ ކަންބޮޑުވުން ހުރި ކަމެކެވެ. އިންޑިއާގެ ފެރީގެ މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވަނީ ރާއްޖޭގެ އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އެ ފަދަ ގިނަ ބޭފުޅުންގެ ނަޒަރުގައި އިންޑިއާގެ ދަތުރުތައް ރާއްޖެއާ ދިމާއަށް އަނބުރާލުން ވެގެން ދާނީ ދިވެހި އިގްތިސޯދު ބެދޭނެ މަޅިއެއްގެ ތެރެއަށް ވަދެގެން ދިއުމަށެވެ.

ނަމަވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި ގޮތުގައި، ކާގޯ ފެރީގައި ރާއްޖެއަށް ހަމައެކަނި ގެންނާނީ ދިވެހި އިމްޕޯޓަރުން ގަންނަ މުދަލެވެ. އަދި މި ފެރީގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ޔަގީންވެގެންދާނެ އެވެ.