ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 17 ޖެެނުއަރީ 2023 އާ ގުޅޭ )

"އެއީ ހަމަ އެ ގަޑި. އެއްވެސް ތަފާތެއްނެތް.... އެހެންވީމަ ދަރަކް އޭނާއަށް ހަދިޔާ ގަނެދެން ގޮސްފައި އަހަންނަށް ވެސް ހަމަ އޭގެ ގަޑިއެއް ނެގީތަ؟. އެކަމަކު... އަހަރެން މީ އަނބިމީހާއެއްނު. އަނބިމީހާއާ އިހަށް ދުވަހު ދިމާވި އަންހެނަކާ އެއްވަރު ކުރީތަ؟." ލައިލީގެ ހިތުގެ އަޑު ގަދަވިއެވެ.

ޚިޔާލުތައް ގިނަވަމުން ދިޔަވަރަކަށް ލައިލީގެ ދެ ލޮލަށް ބޮނޑިވަމުން ދިޔަ ކަރުނަ ގިނަވިއެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން އޭނާ ބަޑިފަޅައިގެން ދިޔައީއެވެ. ދެ ލޯ ފުހުނަސް ކަރުނައަށް ބަދަލެއް ނައެވެ. ހިމޭންވެފައި އޮތް ގޭތެރެއިން ރުއިމާއި ގިސްލުމުގެ އަޑު އިވެންފެށިއެވެ. މޫނުގައި ދެ އަތް އަޅާލައިގެން އިނދެ ލައިލީ ރޮމުންދިޔައެވެ. މޭޒުމަތީ އޮތް ފޯނަށް ދެ ފަހަރެއްގެ މަތިން ނޮޓިފިކޭޝަންއެއް އައި އަޑު އިވުނެވެ. އެކަމަށް ސަމާލުކަމެއް ލައިލީއަށް ނުދެވުނެވެ.

މޭޒުގެ ކައިރިފަށުގައި އަޅުވާލެވިފައިވި ކަނާއަތް މަތީ ލައިލީ ބޯ އަޅާލައިގެން އިނެވެ. ގިސްލެވިފައިވާކަމުގެ އަސަރު ނުފިލާ ހުއްޓެވެ. ނަމަވެސް އޭނާގެ ރުއިން ހުއްޓިއްޖެއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު މަރާލެވިފައިވި ދެ ލޯ ލައިލީ ހުޅުވާލިއެވެ. ލޮލު ތެރޭ ހިފެހެއްޓިފައި ހުރި ކަރުނަތައް ފޭދިލިއެވެ. އެއާއެކު އަތް މަތިން ބޯ ހިއްލާލައި ލައިލީ ލޯ ކައިރި ދެ އަތުން ފުހެލިއެވެ. އޭނާގެ ނަޒަރު ލެޕްޓޮޕްގެ އިސްކުރީނަށް ހުއްޓާލިއެވެ. ދެން އަނެއްކާ ވެސް ހަށިފުރާ ފުން ނޭވާއެއް އޭނާ ލައިފިއެވެ. ނަފްސު ހަމައަކަށް އެޅުވޭތޯ ލައިލީ މަސައްކަތް ކުރަނީއެވެ. ފޯނަށް މެސެޖު އައި އަޑު އިވުނުކަން ހަނދާންވުމުން ލައިލީ ފޯނު ނެގިއެވެ. ކިރަންއާއި ސިޔާއާ ދެ މީހުންގެ މެސެޖެކެވެ. ކިރަން މެސެޖުކޮށްފައި އޮތީ ސަމައިރާގެ ފަރާތުން ޝައްކު ކުރެވޭ ކަމެއް ފެނިއްޖެނަމަ އޭނާއަށް ގުޅާށޭ ބުނެފައެވެ. ސިޔާ ވެސް އޮތީ ސަމައިރާއާ ގުޅިގެން މެސެޖުކޮށްފައެވެ. އޭނާ އޮތީ އެކައުންޓެއްގެ ލިންކު ލައިލީއަށް ފޮނުވާފައެވެ. އެ އެކައުންޓާ މެދު ސިޔާ ސުވާލު އުފެދޭކަމައި އެ އެކައުންޓުން ސަމައިރާއަށް ކޮށްފައި ހުރި ކޮމެންޓުތައް ބެލުމަށް ބުނެފައި އޮތެވެ. ސިޔާ ފޮނުވި ލިންކަށް ލައިލީ ފިތާލިއެވެ. އެއާއެކު އިންސްޓަގްރާމުން އެ ލިންކު ހުޅުވިއްޖެއެވެ.

"ވަޓް..." އެކައުންޓުގެ ނަން ފެނި ލިބުނު ހައިރާންކަމުގައި ލައިލީއަށް ކިޔާލެވުނެވެ. އޭނާ ދެން އަވަސްއަވަހަށް ލެޕްޓޮޕުން ހުޅުވާފައި ސަމައިރާގެ އެކައުންޓުން އެ ނަން ހޯދަންފެށިއެވެ.

"މީ ދަރަކްތަ؟." ލައިލީއަށް ސުވާލުކޮށްލެވުނެވެ.

ސިޔާ ފޮނުވި އެކައުންޓުގެ ނަމަކަށް އިނީ "ދަރާ ވިތް ސަމާ" ޖަހައިފައެވެ. ޕްރޮފައިލް ފޮޓޯއަކަށް ލާފައި އިނީ ހުދު ގަމީހާއެކީ ނޫކުލައިގެ ޑިޒައިންއެޅި ޓައީގެ ބައެއް ފެންނަ ފޮޓޯއެކެވެ. އެހެންވެ ކާކުކަމެއް ބުނާކަށް ނޭނގެއެވެ. ނަމަވެސް ލައިލީގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ދޮރެއްގައި ޓަކި ޖަހާލި ފަދައެވެ. އޭނާގެ ދެ ލޯ ބޮޑުވެލިއެވެ. އެއްއަތުގައި އޭރު ވެސް ފޯނު އޮތެވެ. ގޮނޑިން ތެދުވި ގޮތަށް ލައިލީ ދުވަމުން ކަހަލަ ގޮތަކަށް އައިސް ވަނީ ކޮޓަރިއަށެވެ. އަލަމާރި ހުޅުވާލުމާއެކު ދަރަކްގެ ޓައީތައް އަޅުވާފައި ހުރި ބައި ބަލަން ފެށިއެވެ. ކުއްލިއަކަށް ލައިލީއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ހަމައެހިނދު އޭނާ ލާލާ ހުރި ނޭވާ އަރުތެރޭ ތާށިވި ފަދަ އާހެއްގެ އަޑު އިވިގެންދިޔައެވެ. ނޭވާ ހާސްވަމުން ދިޔަ މީހަކު ފަދައިން ލައިލީގެ އަނގަ ހުޅުވިއްޖެއެވެ. އަނގައިން ފުން ނޭވާތަކެއް ލަމުން އޭނާ ދެ ލޯ މަރާ ބާރުކޮށްލިއެވެ.

"އިއްތިފާގަކަށް ނުވާނެ." ލައިލީގެ ސިކުނޑި ހިތާ ދިމާއަށް ބުނެލިއެވެ.

ލައިލީގެ ކަނާއަތް ކުރިއަށް ދަމާލިއެވެ. މަޑު ތުރުތުރެއް އެ އަތުގައި ހުއްޓެވެ. ދަރަކްގެ ޓައީތަކުގެ ތެރެއިން އޭނާ އެ ނެގީ ނޫކުލައިގެ ޑިޒައިންއެޅި ޓައީއެވެ. އެއީ ސިޔާ ފޮނުވި އިންސްޓަގްރާމް އެކައުންޓުގެ ޕްރޮފައިލަށް ލާފައިވާ ފޮޓޯގައި ވެސް ފެންނަން އިން ޓައީއެވެ. އިރުކޮޅަކު އެ ޓައިއަށް ބަލަން ހުރެފައި އަލުން އަލަމާރިއަށް އެ ލާފައި ކޮޓަރިން ލައިލީ ނުކުތެވެ. އޭނާ އައިސް ކާމޭޒު ދޮށުގައި އިށީނެވެ.

"ސަމައިރާ އެކަނި ފޮލޯކޮށްފައި. އެއްވެސް ފޮޓޯއެއް ވެސް ނުލާ. ދަރަކްގެ ސްކޫލު ދުވަސްވަރުގެ ބައެއް ރައްޓެހިން ދަރާ ކިޔައޭ ބުނި." ލައިލީ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ފެންނަމުންދިޔަ މަންޒަރުތައް ގުޅުވައި ބޮޑު މަންޒަރު ސިފަކުރާން އޭނާ މަސައްކަތް ކުރިއެވެ.

އެނިވަރސިރީގެ ހަދިޔާގެ ގޮތުގައި ލައިލީއަށް ލިބުނު ގަޑިއާއި ސަމައިރާއަށް ހަދިޔާއަކަށް ލިބު ގަޑިއާ އެއްވެސް ތަފާތެއް ނެތެވެ. ލައިލީ ބަލަން އިނީ ސަމައިރާ އެ ގަޑި އަޅައިގެން ލާފައި އިން ފޮޓޯއަށެވެ. އާ އަހަރުގެ ފުރަތަމަ އޮފީސް ދުވަހު މުޅިން އާ މީހެއްގެ ގޮތުގައި އިޙްސާސް ކުރެވޭކަން ސަމައިރާ އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި އޮތެވެ. އަދި އޭނާ ރީތި ތޯ އަހާފައި އޮތެވެ. އެ ފޮޓޯއަށް އެކަނި ވެސް ސާޅީސް އެއް ކޮމެންޓު އައިސްފައި ވެއެވެ. ހުރިހާ ކޮމެންޓުތަކެއް ކިޔަމުން ދިޔައިރު "ދަރާ ވިތް ސަމާ"ގެ އައިޑީއިން ކޮށްފައިވާ ކޮމެންޓު ލައިލީއަށް ފާހަގަވިއެވެ. މުޅި ދުނިޔެއިން ވެސް އެންމެ ރީތިކުއްޖާ ކުއްޖާއޭ ބުނެ އިނގިރޭސިން ކޮމެންޓްކޮށްފައި އޮތެވެ. ހަމަ އެ ކޮމެންޓަށް ތޭންކްސް ލަވްއޭ ބުނެ ސަމައިރާ އޮތީ ރައްދު ދީފައެވެ. ސަމައިރާގެ ފޮޓޯތަކަށް އެ އައިޑީއިން ކޮމެންޓު ކުރަން ފަށާފައި ހުރީ ވަރަށް ފަހުންނެވެ.

"ބަލާބަލަ!... ކަލޭމެންގެ ލަދު ވެސް ނެތީތަ!... ވަރަށް ލޯބިވެޔޯ. ދުނިޔޭގެ އެއްވެސް ކަމަކަށްވުރެ ބޮޑަށް ލޯބިވެޔޯ... އަލަށް ލޯބިވެގެން އުޅޭ ދެމީހުންހެން މުޅި ދުނިޔެއަށް އެކަން އަންގަން އުޅޭ ކަހަލަ."

ފެންނަ މަންޒަރުތަކާއި ބަސްތަކުން ލައިލީގެ ހިތް ފާރުވަމުން ދިޔައެވެ. ކެތްކުރާން ބޭނުންވިޔަސް އެއީ ފަސޭހަކަމަކަށް ނުވިއެވެ. ލެޕްޓޮޕުން ފެންނަމުންދިޔަ މަންޒަރުތައް ނުބަލަން އޭނާ ބްރައުޒާއިން ނުކުތެވެ. އެއަށްފަހު ލެޕްޓޮޕް ވެސް ނިއްވާލައިފިއެވެ. ދެ ތުންފަތްބައްދާ ބާރުކޮށްލައިގެން އިނީ ނުރޯށެވެ. ނަމަވެސް ހިތަށް ލިބެމުންދިޔަ ތަކުލީފުގެ ލޭ ކަރުނަ ދެ ލޮލުން އޮހެންފެށީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.

"ކީއްވެ މިހެން މިވީ؟." ރިހެމުންދިޔަ ހިތާ ލައިލީ ސުވާލުކުރިއެވެ. އޭނާގެ ކަންފަތަށް އެ ހިތުގެ ރައްދު އަޑެއް ނީވުނެވެ. ވަށައިގެންވީ އޭނާގެ ދުނިޔެ ހިމޭންވެ ފަޅުވެއްޖެ ކަހަލައެވެ. މަޑުމަޑުން ދިރުން ނެތެމުންދާ ފަދައެވެ. ލައިލީ ރޯކަށް ބޭނުމެއްނޫނެވެ. އެކަމަކު އޭނާއަށް ރޮވެނީއެވެ. ހިތްވަރުގަދަ މީހަކަށް ވާން ބޭނުންވިޔަސް ހިތްދަތިކަން އެކަމަށް ފުރުޞަތެއް ނުދިނެވެ. ހަޤީޤަތަކީ އެއީއެވެ. ބަލިކަށިވާން ނޭދުނަސް މިފަދަ ވަގުތެއްގައި ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ.

"ހުރިހާ ގޮތަކުން ފުރިހަމަ އަނތްބެއް ހުރެދާނެތަ؟. ދަރަކް އަންނަންވާއިރާ އޭނާގެ އިންތިޒާރުގައި ނަލަހެދިގެން އަހަންނެއް ނުހުންނަން. އެކަމަކު ދަރަކްއަށް ކޮށްދޭން ޖެހޭ އެއްވެސް ކަމެއް އުންޏެއް ނުވާނެ. ފިރިމީހާއަށް ބޭނުންވާނޭ ސަމާލުކަން އަހަރެން ދަރަކްއަށް ދެމުން އައީ. އަމިއްލަ އެދުން އިސްކޮށް ދަރަކްއާ ދެކޮޅަށް ވާހަކަދައްކާފައެއް ނޯންނާނެ... ދެން ކީއްވެ؟... އަހަރެން ކައްކާ އެއްޗެހި ކަމުނުދަނީތަ؟. އަހަންނަށް އެނގޭ ބައެއްފަހަރު ސިންކުގައި ތަށިތައް ގިނަކޮށްފައި ބެހެއްޓޭކަން. އެކަމަކު ގޭތެރެ ހަޑިކޮށްފައެއް ނުބާއްވަން. އަހަންނަކީ އެހާ ނުތާހިރު މީހެއްނޫން. ދަރަކްއަށް އަހަރެންގެ ކޮންކަމެއް ކަމުނުދިޔައީ... ދަރަކް ހިތްހަމަނުޖެހޭނަމަ އަހަރެން ކައިރީ ރަނގަޅުކުރާން ބުނިނަމަ. ދެމަފިރިންނަށް ވުމަކީ އެއީއެއްނޫންތަ؟. އަހަންނަށް އެނގި ހުރެ ދަރަކް ގަޔާނުވާކަމެއް ނުކުރާނަން. އަހަންނަށް ރަނގަޅު ކުރާނޭ ފުރުޞަތެއް ވެސް ދޭން ދަރަކް ބޭނުންނުވީތަ." އަމިއްލަ މީހާގެ އުނިކަމެއް ހުރީތޯ ލައިލީއަށް ސުވާލު ކުރެވުނެވެ. ސަބަބެއް ނެތި އެއްވެސް މީހަކު ލޯބިވާ މީހާއާ ދުރަކަށް ނުދާނޭ ލައިލީ ޤަބޫލުކުރެއެވެ. އެކަމަކު ދެމަފިރިންގެ ދެމެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ދެނެގަންނާކަށް ލައިލީއަކަށް ނޭނގެއެވެ.

* * * * *

ހުކުރު ދުވަހު އަންނަން ދަރަކްގެ މަންމަ ލައިލީއަށް ގުޅާފައި ބުނީ ޅީދަރިފުޅު ގޮވައިގެން ދަރަކް ނާންނަތާ ގިނަދުވަސްވެގެންނެވެ. ދަރަކްއަށް ގުޅާތަނުން އަނެއްކާވެސް ބަހަނާއެއް ދައްކަފާނެތީއެވެ. މެންދުރުގެ ކެއުމުގައި ބައިވެރިވާން އަންނާތީ ލައިލީ އައީ ކުކުޅެއް ފިހެގެން އެ ހިފައިގެންނެވެ.

"އެއްޗެއްނުލާ މި ދަރިއަކަށް ނާދެވޭނެ." ލައިލީގެ އަތުން ކުކުޅު ލާފައި އޮތް ތަށި ނަގަމުން ދަރަކްގެ މަންމަ ބުންޏެވެ.

"ދޮންބެ ނޫޅޭތަ." ސޯފާގައި އިށީންނަން ހިނގައިގަތް ދަރަކް އަހާލިއެވެ.

"ކޮޓަރީގައި ވެއްޖެ. ދޭބަލަ... ލައި އާދޭ މަންމައާއެކީ." ދަރަކްގެ މަންމަ ބުންޏެވެ.

"ތަދު ބޭހެކޭ މީގެ ދެމީހުން އެއްވަރު ވެއްޖެ." ސޯފާގައި ޓީވީ ބަލަން އިން ދަރަކްގެ ބައްޕަ ބުންޏެވެ. ލައިލީ ބަދަލުކޮށްލީ ހަމައެކަނި ހިނިތުންވުމެކެވެ.

ބަދިގެއަށް ދަރަކްގެ މަންމައާއެކީ ލައިލީ އައެވެ. އެ މަންމަ ލައިލީއަށް ބަލާލި ގޮތުން އޭނާ ރަކިވިއެވެ. އެހާ ފަރުވާތެރި ބެލުމަކުން އެ ބަލާލީ ކީއްވެކަމާމެދު ލައިލީ ސުވާލު އުފެދުނެވެ. ކާމޭޒު މައްޗަށް ތަށިތައް ގެންދަންވީތޯ ލައިލީ އެވަގުތު އަހާލިއެވެ. އޭނާ ކަމޭޒު ކައިރިއަށް ދާން އެނބުރިލީ ވަގުތު ދަރަކްގެ މަންމަ ލައިލީގެ މުލައްދަނޑީގައި ހިފާލައިފިއެވެ.

"ދަރިފުޅު ބަލީތަ؟. މޫނުމަތިން އެހެން ގޮތެއްހެން ފެންނާތީ." ދަރަކްގެ މަންމަ އަހާލިއެވެ.

"ރޯގާ ޖެހިފަ ހުރީމަ ކަންނޭނގެ." ލައިލީ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ބޭހެއް ކައިފިންތަ؟. ޑަކްޓަރަކަށް ދައްކައިފިންތަ؟." ދަރަކްގެ މަންމަގެ އަޑުގައި އޯގާތެރިކަން ވިއެވެ.

"އަދި ނުދައްކަން. ދެތިން ދުވަސް ތެރޭ ރަނގަޅުވެދާނެ." ލައިލީ ބުނެލިއެވެ.

ދަރަކްގެ ޢާއިލާ ލައިލީ ދެކެ ލޯބިވެއެވެ. އެކަން އޭނާއަށް އެނގެއެވެ. ދަރަކްގެ ބައްޕައަކީ އޮފީހެއްގެ އިސް މަޤާމެއް އަދާ ކުރާ މީހެކެވެ. ކުދީން ލިބުމާއެކީ ދަރަކްގެ މަންމަ ވަޒީފާއިން ވަކިވެ ގޭގައި މަޑުކުރީއެވެ. ދަރީންނާއި ފިރިމީހާއަށް ހުސްވެގެންނެވެ. އެމީހުންނަކީ އޯގާތެރި ބައެކެވެ. ދަރަކްއާ މެދު އޮތް ހިތްހަމަނުޖެހުން އެމީހުންނަށް ދައްކާކަށް ލައިލީ ނޭދެއެވެ.

ސަމައިރާގެ ކަންތައްގަނޑާއެކީ ގޭގައި ހުންނަން ވެސް ލައިލީ ފޫހިވިއެވެ. ނަމަވެސް ކިރަން ވިސްނައިދިނީ އެހެން ނުހެދުމަށެވެ. ކަންތައްވާގޮތެއް ބަލަން އަދި ކެތްކޮށްލުމަށް ކިރަން ބުންޏެވެ. ނަމަވެސް އިތުރަށް އެ މަންޒަރުތައް ދުށުން ކެތްވާވަރު ކަމަކަށް ލައިލީއަށް ނުވާނޭ ބުންޏެވެ.

"މިވަގުތަށް އިހަށް ދެން މަޑުކުރަމާ. ލައި ވެސް ކަމެއް އެނގުނު ކަމަށް ދަރަކްގެ ކުރިމަތީ ހަދާނޭކަމެއްނެތް. މިހާރު ވެސް ތިއުޅޭހެން އުޅޭ. ތަފާތެއްވެއްޖެކަން ދަރަކްއަށް ފާހަގަވިޔަ ނުދޭތި." ކިރަން ދެއްކި ވާހަކަތައް ލައިލީގެ ހިތާއި ސިކުނޑީގައި ވިއެވެ.

"ކިރަން ބުންޏަސް ކަމެއް ނުވާކަމަށް ހެދިގެން އުޅޭނީ ކިހިނެއް. އޭގެ ފަހުން ދަރަކްއަށް ބަލާލުން ވެސް އަހަންނަށް މިވަނީ ބޮޑުކަމަކަށް ވެފައި. ބަހަނާ ދެއްކުމަކީ އަހަރެންގެ އުސޫލަކަށް ނުވިޔަސް އެކަން ވެސް ކުރެވެން ފަށައިފި. ދަރަކްއާ ވާހަކަނުދައްކާ ވާން އޮތިއްޔާ އެގޮތެއް އަހަރެން ޚިޔާރު އެބަކުރަން. ދަރަކްއާ ކައިރިގަ ހުންނަ ވެސް އުނދަގޫ. އޭނާއާއެކީ އެކަނިވާކަށް ވެސް ބޭނުމެއްނޫން. އެކަމަކު... އަހަރެންގެ ފުށުން ދަރަކްއަށް ކުށެއް ފެންނާކަށް ވެސް ބޭނުމެއްނުވޭ." ލައިލީ އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެއްލުނެވެ. އޭނާއަށް ކަމެއްވެފައި ހުރިކަން ދަރަކްގެ މަންމައަށް ފާހަގަވީއިރު ދަރަކް އެ ހުންނަނީ ހަމަ އެއްވެސް ކަމެއް ނޭނގޭތީބާއެވެ.

ބޭބެއާއެކީ ނުކުމެގެން އައި ދަރަކް ބަދިގެއަށް ވަނެވެ. މެންދުރަށް ހަދައިގެން އުޅޭ ބާވަތްތަކާމެދު ދަރަކް ސުވާލު ކުރަމުން އައިސް ލައިލީގެ ގާތުގައި މަޑުކޮށްލިއެވެ. ފާރޮށިކުނޑިލާފައި ތެތްލާފައި ހުރި މަސްތަށްޓަށް ދަރަކްގެ އަތް ދިޔައެވެ. އޭނާ ލައިލީގެ އުނަގަނޑުގައި ހިފާލައި ގާތްވެލީ މަސްތަށި ހުރި ހިސާބުން އެއަށް އަތް ފޯރުކުރާށެވެ. ނަމަވެސް ކުއްލިއަކަށް ލައިލީއަށް އެވީގޮތެއް ނޭނގުނެވެ. ދަރަކްގެ ބީހިލުމާއެކު އޭނާ އަރިއަޅާލައިފިއެވެ. ސިހުން ލިބުނު ދަރަކްގެ ހަރަކާތްތައް ނިކަން އަވަހެވެ. ލައިލީ އެކީ ވެއްޓުމުގެ ކުރީން ދަރަކް އަނބިމީހާގެ ގައިގާ ހިފެހެއްޓިއެވެ. އެންމެން ހާސްވެގެން އެ ދިމާއަށް އަތުވެއްޖެއެވެ. ދަރަކްގެ މޭގައި އަތް އަޅައި ލައިލާއާ ދުރަށް ކޮށްޕާލެވުނީ ބޭއިޚްތިޔާރުގައެވެ. ދަރަކްއަށް ލިބުނު ހައިރާންކަން އެ މޫނުން ފެންނަން ހުއްޓެވެ. ދެ ކަކޫ މަތީ ފިރުކިފައި ލައިލީ ޖެހިލީ ދަރަކްއާ ދުރަށެވެ. ހަރަކާތެއް ކުރާން ނޭނގިފައި ދަރަކް އިނެވެ.

(ނުނިމޭ)