އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

މެންބަރު ސިރާޖުގެ ތާއީދު ރައީސް ސޯލިހަށް

Jan 19, 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ނިންމަވައިފި އެވެ.

އެމްޑީޕީ ދެބައިވެފައިވާއިރު މިދިޔަ ދުވަސްތަކުގައި މޫސާ ސިރާޖު ހުންނެވީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދުއާ އެކު އެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަމަށް މިއަދު ހާމަކުރެއްވުމަށްފަހު މިއަދު އޭނާ ވަނީ ރައީސް ސޯލިހްގެ ކެމްޕޭންގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން ލ. އަތޮޅަށް މިރޭ ރައީސް ސޯލިހް ވަޑައިގަތުމުން ލ. ކައްދޫ އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ސިރާޖު އިސްވެ ހުންނަވައިގެންނެވެ.

ސިރާޖު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމެވީ އޭނާ ތަމްސީލް ކުރައްވާ ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާ އެކު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ތާއީދުކުރައްވަނީ ރައީސް ސޯލިހަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.