ރައީސް މުހައްމަދު ނަޝީދު

ލާމަރުކަޒީ ގާނޫނަށް ސަރުކާރު އަަމަލެއް ނުކުރޭ: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަތޮޅުތަކަށް ދޭން ޖެހޭ ފުރިހަމަ ބާރުވެރިކަން ދޭން ބޭނުން ނުވާތީ ލާމަރުކަޒީ ގާނޫނާއި އެމްޑީޕީގެ ލާމަރުކަޒީ ސިޔާސަތާ ހިލާފުވެއްޖެ ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕްރައިމަރީ ކެމްޕޭނުގައި ގދ. ތިނަދޫގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތާއި އެއްގޮތަށް ހަދާފައިވާ ލާމަރުކަޒީ ގާނޫނާ ހިލާފުވުމަށްފަހު އަމަލުކުރަނީ ވެރިކަން ކުރާ އިއްތިހާދުގެ ލާމަރުކަޒީ ސިޔާސަތަށް ކަމަށެވެ

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު މިސަރުކާރުގައި އިސްލާހު ކުރިއިރު ރަށްރަށުގެ އިހުތިސާސް ބަޔާން ކުރާ ކުރުމަށް ބައެއް އިސްލާހީ ބަދަލުތައް ގެނައި އިރު އަތޮޅު ކައުންސިލްތަކާއި އަތޮޅުތަކުގެ އިހުތިސާސް އެހާ ސާފުކޮށް ބަޔާން ނުކުރި ކަމަށެވެ. ލާމަރުކަޒީ ނިޒާމަށް މިސަރުކާރުން އިސްލާހު ހުށަހެޅިއިރު ރައްޔިތުން މަޖިލީހުގެ މެމްބަރުން އަތޮޅުތަކުގެ އިހުތިސާސް މިހާރަށް ވުރެ ފުޅާކޮށް އަދި ސާފުކޮށް ކަނޑައަޅަން ބޭނުންވި ކަމުގައިވެސް ވިދާޅުވި އެެވެ.

"ނަމަވެސް ސަރުކާރުން އެދުނީ އެކަން ފަނޑުކޮށް ބޭއްވުމަށް. އެ ސާފު ނުވާ މިންވަރަށް ގާނޫނުގައި ލިޔެފައި ބޭއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި މިހާރު ލިޔެފައި އޮތީ ބައެއް ވާހަކަތައް ނިކަން ފަނޑުގޮތަކަށް ކަމަށާއި އެއީ ގެންނަންޖެހޭ އިސްލާހީ ބަދަލެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އަތޮޅެއްގައިވެސް ރައްޔިތުންގެ މުއްސަނދިކަން އިތުރު ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެ މުއްސަނދިކަން ބޭނުން ކުރެވޭނެ ގޮތް ހަދަންޖެހޭ ކަމަށާއި ބޭނުން ނުކުރެވޭނަމަ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ތަނަވަސްކަން ނުލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަތޮޅުތަކުގެ ގުދުރަތީ ވަސީލަތްތައް އެއްވެސް ސިނާއަތަކަށް ގެއްލުން ނުވާ ގޮތަކަށް އަދި ބެލެހެއްޓެނިވި ގޮތަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް އަތޮޅު ކައުންސިލްތަކާ ހަވާލުކުރަން ޖެހޭ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބަށްފަހު ދެން އުފެދޭނީ އެމަނިކުފާނުގެ ސަރުކާރެއް ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ދުވަހަކުން ރައްޔިތުން ގާތަށް އެމަނިކުފާނު ވަޑައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހަމަޖައްސައިދީ ރައްޔިތުންގެ ހާލު ބަލާނެ ކަމަށެވެ.

"ކުރާންވީ ކަންކަން އަޅުގަނޑުމެންނަށް އެނގޭނެ. އަދި ކުރާންވީ ވަގުތުގައި އެކަންކަން ކުރާންޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް މިސަރުކާރުން ފުރިހަމައަށް އަމަލުނުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ކައުންސިލްތަކަށް މިސަރުކާރުން ދިން ވަރުގެ ބާރުތަކެއް އަދި އެއްވެސް ސަރުކާރަކުން ދީފައެއް ނުވެ އެވެ. ކައުންސިލަރުން އެކަންކަން ފާހަގަވެސް ކުރައްވަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ވެސް ފޯރިއާ އެކު ހިންގަވަމުންނެވެ.