އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރާނީ ކޮންމެ ރަށަކުންވެސް ބޮޑު އަގުލަބިއްޔަތަކުން ކަމަށް ރައީސް އިބްރާހީް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީ ކެމްޕޭންގައި މިރޭ ލ. އަތޮޅަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނަށް ގިނަ އަތޮޅުތަކަކަށް ވަޑައިގެންނެވުނުއިރު ނަތީޖާ ފެންނަނީ ކޮންމެ ރަށަކުންވެސް ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ މެންބަރުންގެ ވޯޓު ލިބޭ މަންޒަރު ކަމަށެވެ.
ރައީސް މިރޭ ލ. އަތޮޅަށް ވަޑައިގެންނެވީ ހއ. އަތޮޅާއި ހދ. އަތޮޅާއި އަދި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު މިއަދު އިރުއޮއްސެނިކޮށް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމުގެ ބަދަލުގައި ސީދާ ށ. ފުނަދޫ އެއާޕޯޓުން ލ. ކައްދޫ އެއާޕޯޓަށް ދަތުރުކުރައްވައިގެންނެވެ.
ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ ކުރިއެރުމާއި ތަރައްގީ ކަމަށްވާތީ އެމަނިކުފާނަށް ނަތީޖާ ސާފު ކަމަށެވެ.
"ލ އަތޮޅުގެ ގަމާއި ފޮނަދޫ އާއި އެހެން ރަށްތަކުގެ މަންޒަރު ވަރަށް ސާފު،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ފަދަ ގޮތަކަށް ވާދަވެރި ކެންޑިޑޭޓް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާތީ ރައީސް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުތައް ފަދައިން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނީ އެމްޑީޕީން ކޯލިޝަން ހަދައިގެން ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ބޭފުޅުންގެ ވޯޓުވެސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ކަމަށެވެ.
"ކުރިއަށް މިއޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކަމަށްވީ ނަމަވެސް ޕްރައިމަރީން ނިކުންނަ ނަތީޖާގެ އަސަރު ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވަނީ ލ. އަތޮޅުގައި ހަދައިދޭނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ޓާޝިއަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިރޭވެސް ދެއްވާފަ އެވެ. ލ. އަތޮޅުގައި ކޯޒްވޭ އަކުން ގުޅާލެވެން ހުރި ބައެއް ރަށްތައް ގުޅާލާނެ ކަމަށާއި އެކަން ހަގީގަތަކަށް ވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭ ލ. އަތޮޅަށް ވަޑައިގަތުމުން ވަރަށް ގިނަ އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ އެމަނިކުފާނަށް އޮތް ތާއީދު ދައްކާލި އެވެ.