ދުނިޔެ

ދެކުނު ކޮރެއާ، އީރާނުން ސަފީރުން ހާޒިރުކޮށްފި

ދެކުނު ކޮރެއާގެ ރައީސް، ޔުންގް ސޮންގް ޔޭ ދެއްކެވި ވާހަކަތަކާކާ ގުޅިގެން -- ދެކުނު ކޮރެއާ އާއި އީރާނާ ދެމެދު ނުތަނަވަސްކަން އުފެދި -- ދެ ގައުމު ދެ ގައުމަށް ސަފީރުން ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އަބޫ ދާބީގައި ތިބޭ ދެކުނު ކޮރެއާގެ ސިފައިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޔޫން ސިފަކުރެއްވި ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް އޮތް އެންބޮޑު ކަންބޮޑުވުމަކީ އީރާން އެވެ.

ޔުންގް ވިދާޅުވީ ޔޫއޭއީ އަށާއި ދެކުނު ކޮރެއާއަށް ޖެހިފައި އޮތީ ދާދި އެއް ހާލަތެއް ކަމަށެވެ.

އުތުރު ކޮރެއާގެ ޖެއްސުންކުރުންތަކާ ކުރިމަތިލާން ދެކުނު ކޮރެއާއަށް ޖެހިފައި އޮތްއިރު ޔޫއޭއީއަށް އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ އީރާން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން ތެހެރާންގައި ހުންނަވާ ދެކުނު ކޮރެއާގެ ސަފީރު، ޔުން ގަން ޔަން އީރާންގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

ޔުން ގަން ޔަންއާ މުޚާތަބުކުރައްވައި އީރާން ފޮރިން މިނިސްޓްރީގެ ނައިބު ރިޜާ ނަޖަފީ ވިދާޅުވި ގޮތުގައި އީރާން އަކީ އަވައްޓެރި ގައުމުތަކާ އެކު ހަރުދަނާ ގުޅުމެއް ބާއްވާ ގައުމެކެވެ. އަދި ދެކުނު ކޮރެއާގެ ރައީސް ދެއްކެވި ވާހަކަތަކަކީ އެ ގުޅުމުގެ ބާރުކަނޑުވާލަން ދެއްކި ވާހަކަތަކެއް ކަމަށް ތެހެރާން ގަބޫލުކުރާ ކަމަށެވެ.

ނަޖަފީ އަދި ވިދާޅުވީ އީރާން އާއި ދެކުނު ކޮރެއާއާ ދެމުދުގައި އޮތް ގުޅުންތައް ހީނަރުވުމުގައި ދެކުނު ކޮރެއާގެ ދައުރެއް އޮތް ކަމަށެވެ. އެކުވެރި ގުޅުމެއްގެ ބަދަލުގައި ދެކުނު ކޮރެއާގެ މިސްރާބު އޮތީ ބީރައްޓެހިވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން އާއި ދެކުނު ކޮރެއާއާ ދެމެދު މީގެ ކުރިން ވެސް އޮތީ ނުތަނަވަސްކަން އުފެދިފަ އެވެ. މައިގަނޑު ސަބަބަކީ ދެކުނު ކޮރެއާ އިން ހިފަހައްޓާފައި ހުރި އީރާންގެ ފައިސާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެކުނު ކޮރެއާގެ ބޭނުންކުތަކުގައި -- އީރާނަށް ލިބެން ޖެހޭ ހަތް ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ދެކުނު ކޮރެއާ އިން މި ފައިސާ އީރާނަށް ދޫނުކޮށް ހިފަހައްޓައިގެން އުޅެނީ އެމެރިކާ އެދޭ އެދުމަށެވެ.

އީރާނަށް ދަތިކުރަން އެމެރިކާ އިން އަޅާފައިހުރި އިގުތިސާދީ ފިޔަވަޅުތަކާ ގުޅިގެން އެ ފައިސާ ތެހެރާން އަށް ދޫކުރެވެން ނެތީ އެވެ.

ދެކުނު ކޮރެއާގެ ރައީސް ދެއްކެވި ވާހަކަތަކާ ގުޅިގެން އުފެދުނު ކޮޅިގަނޑުގައި -- ދެކުނު ކޮރެއާ އިން ވެސް ވަނީ އެ ގައުމުގައި ހުންނަވާ އީރާންގެ ސަފީރު -- ސައީދު ބަދާމަތުޝީ ޝަބިސްތަރީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ނައިބު ޖޮޔަން ޑޮން ވަނީ ކަންތައްތައް ހިނގައި ދިޔަ ގޮތް އީރާންގެ ސަފީރަށް އޮޅުންފިލުވައި ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ އީރާންގެ ނިއުކްލިއާ މަސްރަހާ ބެހޭ ގޮތުން އެ ގައުމުގެ ރައީސް ވާހަކަނުދައްކަވާ ކަމަށެވެ. އަދި އީރާނުން އުފައްދައިގެން އުޅޭ މައްސަލަތަކުގައި ފުލެއްބިތެއް ނެތް ކަމަށެވެ.

ރައީސް ޔުން ޔޫއޭއީގައި ސިފައިންނާ މުޚާތަބުކުރައްވައި ވަކި މޭރުމަކުން ވާހަކަދެއްކެވި ސަބަބަކީ ސިފައިންނަށް ޚާއްސަ މެސެޖެއް ދެއްވައި ހޭވަރުކުރުވުން ކަމަށްވެސް ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.