ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔާމީން އޯކޭއެއް ނޫން: ރައީސް

Jan 20, 2023
1

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމުގެ ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފި އެވެ.

ރައީސްގެ ކެމްޕޭން ޖަލްސާގައި އެމަނިކުފާނު މިރޭ ރައީސް ނަޝީދަށް ރައްދުދެއްވީ "އިންޑިއާ އައުޓް" ގޮވުން ނޫން ހުރިހާ ކަމެއްގައިވެސް ރައީސް ސޯލިހަށް ވުރެ ޕީޕީއެމްއާއި ޔާމީން ރަނގަޅު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަދެއްކެވުމުންނެވެ.

ރައީސް ޔާމީނަކީ ތައުލީމީ އަދި ވިސްނުމެއް އޮތް ބޭފުޅެއް ކަމަށާއި އެހެންކަމުން ރައީސް ސޯލިހަށް ވުރެ ޔާމީން މާރަނގަޅު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަކުގެ ރައްދުގައި ރައީސް ސޯލިހް ވިދާޅުވީ ޔާމީން "އޯކޭ" ނޫން ކަމަށެވެ.

"ރައީސް ޔާމީން އޯކޭއެއް ނޫން. ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ،" ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ނޫން ބަޔަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ކަންކަން ވަމުން ދިޔަ ގޮތް މާޒީގައި ފެނިއްޖެ ކަމަށެވެ. އަދި ސަރުކާރަކުން މިހާތަނަށް ތަރައްގީގެ މަޝްރޫއުތައް ފަށާފައި ނުވާ ވަރަށް މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދާތީ އިތުރު ތަރައްގީ ހޯދުމަށް އެމަނިކުފާނާ އެކު އޮތް ފުރުސަތު ގެއްލުވާނުލުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވި އެވެ.

"ދައުލަތުގެ ބަޖެޓުން ހޭދަކުރާނީ ތަރައްގީގެ މަޝްރޫއުތަކަށްތޯ ނުވަތަ ޕެޕަސްޕްރޭއާއި ކަރަންޓު މުގުރާއި އަސޭމިރުސް އާވި ގަންނަންތޯ ނިންމާނީވެސް ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކުރިމަތީގައި މިއަދު އޮތީ ތާރީހީ ވަގުތުކޮޅެއް ކަމަށެވެ. އެއީ ދެވަނަ ދައުރެއް އެމްޑީޕީއަށް ހޯދެން އޮތް ފުރުސަތު ކަމުގައިވެސް ވިދާޅުވި އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް އިޝާރާތް ކުރައްވާ ރައީސް މިރޭވެސް ވިދާޅުވީ ޕްރައިމަރީ ނިމިއްޖެ ކަމަށާއި ބޮޑު އަގުލަބިއްޔަތަކުން ޕްރައިމަރީ ކާމިޔާބު ކުރާނެ ކަމަށެވެ.